ހަބަރު

ޝަމާއު ވެސް މާލެ މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅުކޮށްފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ކުރިމަތިލުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރަން ނިންމާފައިވާ ކަމަށް މިހާރު އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އިއުލާން ކުރައްވައިފި އެވެ.

އާ އަހަރުގެ ތަހުނިޔާ މެސެޖަކާއެކު މިއަދު ކުރެއްވި ޓުވީޓެއްގައި ޝަމާއު ވިދާޅުވީ އާންމުންނާއި އެމްޑީޕީގެ އިސް ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ލޯކަލް ކައުންސިލް އިންހާބަށް އެ ޕާޓީން ބާއްވާ ޕްރައިމަރީގައި މޭޔަރު ކަމަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިދިޔަ 13 އަހަރު ތެރޭގައި އޭނާ ކުރި މަސައްކަތް ރައްޔިތުން ބަލައިގަންނާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ.

"އަޅުގަނޑުގެ މި ނިންމުމަށް ފަހު މާޔޫސްއެއް ނުވާނަން އެއީ އަޅުގަނޑު އަބަދުވެސް އެމްޑީޕީގެ މެންބަރުންނަށާއި ރައްޔިތުންނަށް އިތުބާރު ކުރަން،" ޝަމާއު ވިދާޅުވި އެވެ.

އެމްޑީޕީގެ ޓިކެޓުގައި މޭޔަރު ކަމަށް ޝަމާއު ކުރިމަތިލާން ނިންމާފައިވާއިރު އެ ޕާޓީގެ ޓިކެޓަށް މިހާރުގެ މޭޔަރު ޝިފާ މުހައްމަދު އާއި އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި އެސްޖީގެ ނައިބު އަފްޝަން ލަތީފް ވަނީ ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. އޭގެ އިތުރުން އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހެންވޭރު ދެކުނު ދާއިރާ މިހާރު ތަމްސީލް ކުރައްވާ އަހުމަދު ނިޔާޒު އަދި އަހުމަދު ރަޝީދު ވެސް ވަނީ ޓިކެޓަށް ވާދަ ކުރައްވާކަން އިއުލާން ކުރައްވައިފަ އެވެ.

ކައުސިން އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީ އޮތީ މި މަހު 31 ގަ އެވެ.