ރައީސް މުހައްމަދު ނަޝީދު

ފްލެޓް ނުނިންމާ ކުންފުނިތަކުގެ އެެއްބަސްވުން ބާތިލުކުރަންޖެހޭ: ނަޝީދު

ހުޅުމާލޭގެ ދެމިލިއަން އަކަފޫޓްގެ ބިން އެކި ކޮންޓްރެކްޓްގައި ތާށިވެފައިވާ ކަމަށާ އެ ކޮންޓްރެކްޓްތައް ބާތިލުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލެ ދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓްގެ ކެންޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާ ބޮޑު މައްސަލައަކަށްވެފައި ވާއިރު މިހާރު ވެސް ހުޅުމާލޭގެ ދެމިލިއަން އަކަފޫޓްގެ ބިން އެކި ކޮންޓްރެކްޓްގައި ތާށިވެފައިވާ ކަމަށެވެ. އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާ އެކަން އެހެން ވާން ދޫކޮށްލައިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށް އިންތިހާބުވާ ސިޓީ ކައުންސިލްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އެ ތާށި ނައްޓާލުން ކަމަށެވެ. އެކަން ސިޓީ ކައުންސިލަށް ކުރެވޭނެ ކަމަށާ އެ ކޮންޓްރެކްޓްތައް ބާތިލުކޮށް އެކަން ކުރެވޭނެ މީހުންނާ ހަވާލު ކުރަން ޖެހޭ ކަމަށެވެ.

"މި ކޮންޓްރެކްޓްތައް ހުއްޓި، މި ބޯހިޔާވަހިކަން ފޯރު ކޮށްދެވެން އޮތް ޖާގަ މި އޮތީ ތަޅުލެވިފައި. މިރަށުގެ ބޮޑުބައި މި އޮތީ ބިން ތާށިވެފައި. މި ވަރަށް ބޮޑު ގެއްލުމެއް. މާލެސިޓީ ކައުންސިލްގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ އެތާށިން މިން ރަށް، މި އަވަށް، މިރާއްޖެ ނަގާދިނުން. އެތާށިން މިރަށް ނައްޓުވާލެވޭނެ މި ދެންނެވި ހުރިހާ ކޮންޓްރެކްޓެއްވެސް އަދި މި ދަންނަވާ ހުރިހާ އެމްއޯޔޫއެއްވެސް ބާތިލުކޮށް އަނެއްކާވެސް އެކަންތައްތައް ކުރެވޭނެ ފަރާތްތަކަކާ އެތަންތަން ހަވާލުކޮށްގެން. އެކަން މާލެސިޓީ ކައުންސިލުން ކޮށްދޭނެ ކަމީ އަޅުގަނޑު ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ހުޅުމާލޭގައި މަސައްކަތް ހުއްޓިފައިވާ ވަރަށް ގިނަ ސައިޓްތައް އެބަހުއްޓެވެ. ބައެއް ކޮންޓްރެކްޓުންނާ ބިން ހަވާލުކުރުމުން އެތަށް ބައެއްގެ އަތުން ފައިސާ ނަގާ ބައެއް ކުންފުނިތަކުގެ އިސްވެރިން ވަނީ ފިލާފައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލެނިވެރިކަމުގައި އޮތް ހުޅުމާލޭގެ އިދާރީ ހިންގުން މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ކުންފުންޏެއްގެ ބެލެނިވެރި ކަމުގައި ހުޅުމާލެ އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާ އެކަން ބަދަލު ކުރައްވާނެ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުގެ ދަށުން ހިންގުމުގެ ކަންކަން ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރަން ޖެހޭ ކަމަށާ އެ މަަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މުނިސިޕަލް ހިދުމަތް ދިނުމާއި އަދި އިދާރީ ހިންގުން ސިޓީ ކައުންސިލާ ހަވާލު ކުރުމަށް ގާނޫނުގައި ހުރަސްތަކެއް ހުރިނަމަ އެކަންވެސް ބަދަލު ކުރައްވާނެ ކަމަށެވެ.

"ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުގެ ދަށުން ހިންގުމުގެ ކަންކަން އެބަޖެހޭ ކައުންސިލްގެ ދަށަށް ބަދަލު ކުރަން. އިރާދަކުރެއްވިއްޔާ އެކަން ކުރުމުގައި އަޅުގަނޑުމެން ކުރިއަށް ދާނަން. މުނިސިޕަލް ހިދުމަތް ދިނުމާއި އަދި އިދާރީ ހިންގުން އެއީ ކައުންސިލްގެ ދަށުގައި އޮންނަ ތަނަކަށް ބަދަލު ކުރުމަށް އަދި ގާނޫނުގައި ހުރަސްތަކެއް ހުރިކަމަށްވަންޏާ އެ ހުރަސްތައް ބަދަލުކޮށްގެންވެސް އަޅުގަނޑުމެން އެކަން ކުރާނަން،" ރައީސް ވިދާޅުވިއެވެ.