ޑރ. މުހައްމަދު ޖަމީލް އަހުމަދު

އަލީ ވަހީދުގެ ނިންމެވުމަށް ޖަމީލް ފާޑުވިދާޅުވެއްޖެ

ސާވިސް ޗާޖާ ބެހޭ މައުލޫމާތު ހާމަކޮށްގެން ހދ. ހޮނޑާފުށި ރިސޯޓުގެ ވަޒީފާއިން ވަކި ކުރި އަހްމަދު ޝިމްހާޒްއަށް ތިން މަހުގެ މުސާރަ ދެއްވާނެ ކަމަށް ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމުން އެކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.

ޖަމީލް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޝިމްހާޒް އުޅެނީ ހާލުގައި ޖެހިގެން އެހީއަކަށް އެދި އައިސް ނޫން ކަމަށާ ދިމާވެފައިވަނީ މީހެއްގެ ހައްގު ވަޒީފާ ނިގުޅައިގަތް މައްސަލަ ކަމަށެވެ.

އަދި ސަރުކާރާއި މިނިސްޓަރު މަސައްކަތް ކުރަންވީ އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތް ހޯދުމަށް ނޫންތޯ ޖަމީލް ސުވާލު ކުރެއްވިއެވެ. ޖަމީލް ވިދާޅުވީ މިނިސްޓަރު އަލީ ވަހީދުގެ ނިންމެވުމުންވެސް ޝިމްހާޒާމެދު އަމަލު ކުރެވިފައިވަނީ ހައްގުން ނޫންކަން އެނގޭ ކަމަށެވެ.

އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އެޅުމަށް ގޮވާލެއްވިއެވެ.

މިއުޅެނީ ހާލުގައި ޖެހިގެން، އެހީއަށް އެދިގެނެއްވެސް ނޫން. މިއުޅެނީ މީހެއްގެ ހައްގު ވަޒީފާ ނިގުޅައިގަތް މައްސަލަ. މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތެއް ހޯދަންވީ ނޫންތޯ؟ މިނިސްޓަރުގެ އަމަލުންވެސް މިއީ ނުހައްގު އަމަލެއްކަން އެނގޭ. ސީރިއަސް ކަމެއްގެ ގޮތުގައި ފިޔަވަޅު އަޅަންވީ ނޫންތޯ
ޑރ. މުހައްމަދު ޖަމީލް އަހްމަދު | ކުރީގެ ނާއިބް ރައީސް

ކުރީގެ މަޖިލިސް މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ހަމްޒާ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ދެބެންގެ މަސްލަހަތު އޮންނަ ހދ. ހޮނޑާފުށި ރިސޯޓުން މުވައްޒަފުންނަށް ދެނީ 11 ޑޮލަރު ކަމަށް ބުނާ ވާހަކަ ސޯޝަލް މީޑިއާގައި އާންމު ކުރި ކަމަށް ބުނެ ސެކިއުރިޓީގެ ވަޒީފާ އިން ވަކިކޮށް ޝިމްހާޒް ރަށުން ބޭރު ކުރީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގަ އެވެ. އަދި އެ މައްސަލާގައި ސަރުކާރަށާއި ރިސޯޓަށް ވަރަށް ބޮޑަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން އަލީ ވަހީދުއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ބަޖެޓުން ޝިމްހާޒްއަށް މުސާރަ ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއަށް ރައްދު ދެއްވާ އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ބަޖެޓަކުން މުސާރައެއް ނުދެވޭނެ ކަމަށާއި ޝިމްހާޒްއަށް އެހީވާން އަމިއްލަ މުސާރައިން ކަމަށެވެ.