ހަބަރު

އޮޔާ ދިޔަ ޓޫރިސްޓަކު ފުލުހުން ސަލާމަތްކޮށްދީފި

މޫދަށް އެރި އުޅެނިކޮށް އޮޔާދިޔަ ޓޫރިސްޓަކު ފުލުހުން ސަލާމަތްކޮށްދީފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާއެއް ހިނގީ މިއަދު ހެނދުނު 11:40 ހާއިރު ވ. ފެލިދޫގަ އެވެ. އެ ގޮތުން އެ ރަށު ޕޮލިސް ސްޓޭޝަނަށް އިޓަލީ ޓޫރިސްޓަކު ރޮމުން އައިސް އޭނާގެ ފިރިމީހާ އޮޔާދާ ކަމަށް ރިޕޯޓް ކުރި އެވެ.

ފެލިދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން މޫދަށް އެރި އޮޔާ ދަމުން ދިޔަ ޓޫރިސްޓް ސަލާމަތްކޮށް އެއްގަމާ ހަމައަށް ގެނެސްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި އެ ޓޫރިސްޓް މީހާގެ ހާލު ރަނގަޅެވެ.

މިއަދު ހެނދުނު ފެލިދޫ ނެރު ކައިރިން އެ ރަށަށް އައި ބޯޓެއްގެ އިންޖީނު ހުއްޓިގެން ވެސް އެ ރަށު ޕޮލިސް ސްޓޭޝަންގެ ފުލުހުން ވަނީ އެ ބޯޓު ރަށުގައި ބަނދަރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.