މުހައްމަދު ސައީދު

އެމްޑީޕީން ވަނީ ފުލުހުންގެ މަސައްކަތަށް ހުރަސްއަޅާފައި: ސައީދު

ފުލުހުންގެ އޮޕަރޭޝަން ހުއްޓާލަން އެމްޑީޕީން އެދުނު އެދުމަކީ ފުލުހުންގެ މަސައްކަތަށް ސީދާ ހުރަސްއެޅުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ބޭނުން ކުރަމުން ގެންދިޔަ ސްލޯގަންގެ ނަމާއި ދާދި ވައްތަރުކޮށް އަހަރު ނިންމުމާ ދިމާކޮށް ފުލުހުން ފަށާފައިވާ އޮޕަރޭޝަނަށް ނަން ކިޔުމުން އެމްޑީޕީން ހިތްހަމަނުޖެހުން ފާޅުކޮށް އެ އޮޕަރޭޝަން ހުއްޓާލަން އެމްޑީޕީން ވަނީ އެދިފައެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު ސޮއި ކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެމްޑީޕީން ބޭނުން ކުރި "އެޖެންޑާ 19" އިގެ ސްލޯގަނާއި މި މަހުގެ 23 ވަނަ ދުވަހު ފުލުހުން ފަށާފައިވާ އޮޕަރޭޝަންގެ ނަމަކަށް ހަމަޖައްސާފައިވާ "ނިމޭ 19" އެއް ގޮތް ކަމެއް ހުރުމުން އެމްޑީޕީގެ ސްލޯގަނަށް އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ އޮޕަރޭޝަނަށް އެފަދަ ނަމެއް ހަމަޖެއްސުމުން ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑަށް ސިޔާސީ ވެފައިވާ ކަމަށް ބައެއް ރައްޔިތުންނަށް ހީކުރެވޭނެ ކަމަށާއި އެ މުއައްސަސާއަށް ސިޔާސީ އަސަރު ނުކުރާނެ ގޮތަށް އަމަލުތައް ބަހައްޓަން ޖެހޭ ކަމަށް އެމްޑީޕީގެ ސިޓީގައި ބުނެފައިވެ އެވެ. އެ އޮޕަރޭޝަނަށް "ނިމޭ 19" ކިޔަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށާއި ފުލުހުންގެ އެ އޮޕަރޭޝަން ހުއްޓާލަން އެމްޑީޕީން އެދޭ ކަމަށް އެ ސިޓީގައިވެ އެވެ.

"އެ އޮޕަރޭޝަންގެ ނަން ބަދަލުކޮށް އެހެން ނަމެއްގައި އަލުން އޮޕަރޭޝަން ހިންގިޔަސް މި ޕާޓީގެ އެޖެންޑާ 19 ގެ ނަމަށާއި އެ އޮނިގަނޑުގެ ދަށުން ހިންގާނެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެ ކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެތީ ފުލުހުންގެ އެ އޮޕަރޭޝަން ހިންގުން ހުއްޓާލަން މި ޕާޓީން އެދެމެވެ." އެމްޑީޕީގެ ސިޓީގައި ބުނެފައިވެ އެވެ.

އެކަމާ ގުޅޭގޮތުން މެންބަރު ސައީދު ވިދާޅުވީ މިއީ ފުލުހުންގެ މަސައްކަތަށް ސީދާ ހުރަސް އެޅުން ކަމަށެވެ. އަދި އެމްޑީޕީގެ އެދުމަށް ފުލުހުން އިޖާބަ ދިނުމުން މުއައްސަސާގެ މިނިވަންކަން ނެތްކަން ސާފުވާ ކަމަށް ސައީދު ވިދާޅުވިއެވެ. -ސައީދު މިހެން ވިދާޅުވިނަމަވެސް ފުލުހުން ފެށި އޮޕަރޭޝަން އެމްޑީޕީގެ ސިޓީއާއި ގުޅިގެން ނިންމާލި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.-

"މިއީ ފުލުހުންގެ މަސައްކަތަށް ސީދާހުރަސް އެޅުން. ރުހުނަސް ނުރުހުނަސް (19 ނިމޭނެ). މިކަމަށް ފުލުހުން އިޖާބަދިނުމުން މުއައްސަސާގެ މިނިވަންކަން ނެތްކަންސާފު." މުހައްމަދު ސައީދު ވިދާޅުވިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ފުލުހުން ފެށި "ނިމޭ 19" އޮޕަރޭޝަނަކީ މާލެ ސަރަހައްދުގައި ކުށްކުރުން އިތުރުވުމާ ގުޅިގެން އައު އަހަރަށް ރަށުތެރޭގެ ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުން ފެށި އޮޕަރޭޝަނެކެވެ. އަދި އާ އަހަރު ފާހަގަ ކުރަން އެކި ހަރަކާތްތައް ބާއްވަން ބައެއް މީހުން ފޭރެމުންދާ ކަމަށް ވެސް ފުލުހުން އިއްޔެ ވަނީ ބުނެފައިވެ އެވެ.