މިނިސްޓްރީ އޮފް ޓޫރިޒަމް

އަސްލު މައްސަލަ މިނިސްޓަރު އަލީ ސާފުކޮށްދެއްވައިފި

މިހާރު އުފެދިފައިވާ މައްސަލަތަކަކީ ބަޔަކު އުފައްދާފައިވާ މައްސަލަތަކެއް ކަމަށް ވިދާޅުވެ އެކަމުގެ ހަގީގަތް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ހާމަކޮށްދެއްވައިފި އެވެ.

މިނިސްޓަރު އަލީ ވަހީދު މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އަސްލު މައްސަލައަކީ ޓީމް ނުވަތަ ޓީމަށް ނިސްބަތްވާ ބޭފުޅުން އުފައްދާފައިވާ ލޭބާ ޕާޓީން ބޭނުންވާ ކަންތައްތަކެއް ޓްއަރިޒަމް މިނިސްޓްރީން ކޮށްދީފައިނުވާތީ އެކަމުގެ ރުޅިވެރި ކަމުގައި އުފައްދާފައިވާ މައްސަލަތަކެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތްކުރާ ކޮންމެ މުވައްޒިފަކަށް 6.50 ޑޮލަރު ޓީމް އަށް ދައްކަން މަޖުބޫރުކޮށް ޓުއަރިޒަމް މިނިސްޓްރީން ސިޓީއެއް ދިނުމަށް އެ ފަރާތުން އެދެމުންދާ ކަމަށާ ނަމަވެސް އެފަދަ ސިޓީއެއް އެމަނިކުފާނު މިނިސްޓަރު ކަމުގައި ހުންނަވައިގެން ނުދެއްވާނެ ކަމަށެވެ. -ޓީމްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި މުވައްޒިފުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށް އެ މުވައްޒިފުންގެ ހައްގުގައި މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.-

މީގެ އިތުރުން މިނިސްޓަރު ވަނީ ސާވިސް ޗާޖު ދިނުމުގައި މުވައްޒިފުންނަށް އިހުމާލުވަމުންދާ ރިސޯޓްތަކާއި، ޓުއަރިޒަމް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހާއްސަ އޮޑިޓުން ފާހަގަވި މައްސަލަތަކަށް އުސޫލުތަކުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ސާވިސް ޗާޖާ، އޮޑިޓުން މައްސަލަ ފާހަގަވި ރިސޯޓްތަކަށް ޑިއުޕްރޮސަސް ޕޮލޯކޮށް ފިޔަވަޅު އަޅާނަން." އަލީ ވަހީދުގެ ޓްވީޓްގައި ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެއްވެސް ރިސޯޓެއްގެ މެނޭޖްމަންޓުން އެ ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒިފުންނާއި އެއްބަސްވެގެެން ނިންމުންތަކެއް ނިންމައިފިނަމަ އެކަމަށް މިނިސްޓްރީން ހުރަސް ނާޅާނެ ކަމަށެވެ.

މީގެ އިތުުރުން މިއަދު ހޮނޑާފުށީގައި މާރާމާރީއެއް ހިނގާ ދިވެހި މުވައްޒިފަކަށް އަނިޔާވެފައިވާތީ، ދިވެހި އަދި ބިދޭސީ މުވައްޒިފުންނަށްވެސް ބިރު ދެއްކުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށްވެސް މިނިސްޓަރު އަލީ ވިދާޅުވިއެވެ.

"މިވީ އެއް އަހަރު އަޅުގަނޑު ކުރި މަސައްކަތް އޮޅުވާނުލެވޭނެ." ފާޑުކިޔުންތަކަށް އަމާޒުކުރައްވާ މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ވިޔަފާރި ކުންފުނިތައް ނުވަތަ ޓުއަރިޒަމަށް އިންވެސްޓް ކޮށްގެން ތިބި ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ބުނެ ފެތުރުނު ހަބަރާއި ގުޅިގެން ގިނަ ބަޔަކު ވަނީ މިނިސްޓަރަށް ފާޑު ކިޔާފައެވެ.

ނަމަވެސް މިހާރު ސާވިސް ޗާޖްދޭ ގޮތާ ގުޅޭގޮތުން ހިތްހަމަޖެހޭކަން ނުވަތަ ނޫންކަން ވެސް ސީދާ މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކުގެ ހައްގުތައް މި ސަރުކާރުން ހަމަހަމަ ގޮތެއްގައި އިހްތިރާމާއެކު ހިމާޔަތް ކުރައްވާނެ ކަމަށެވެ.