އާދަމް ޝަރީފު އުމަރު

ވަސީލަތްތައް ހަލާކުވެފައިވާކަން ހާމަކުރުމަކީ ނުރައްކަލެއް: ޝަރީފް

ކޯސްޓްގާޑުގެ ވަރަށް ގިނަ އުޅަނދުތައް ހުރީ ހަލާކުވެފައި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވުމާއި ގުޅިގެން އެއީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކަމަށް ވިދާޅުވެ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ހިދުމަތަށް 40 އަހަރު ފުރުމާއި ގުޅިގެން އާންމު ކުރެއްވި ވީޑިއޯ އިންޓަވިއުއެއްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ އާ ސަރުކާރު ވެރިކަމާއި ހަވާލުވީއިރު ކޯސްޓްގާޑުގެ ވަރަށް ގިނަ އުޅަނދުތައް ހުރީ ހަލާކުވެފައި ކަމަށާއި އެހެން ކަމުން އެ އުޅަނދުތައް މަރާމާތު ކުރުުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަތަކާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ ކުރީގެ މިނިސްޓަރު ވިދާޅުވީ އެމްއެމްޑީއެފް، ކޯސްޓްގާޑް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ވަސީލަތްތައް ހަލާކުވެފައިވާކަން އާންމު ކުރުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.

"ވަގުތާއި ހާލަތުގެ ނާޖައިޒު ފައިދާ ބަޔަކު ނަގާނެ ކަމެއް." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް އެ މުއައްސަސާތަކުގެ ވަސީލަތްތައް މަރާމާތު ކުރާނެ ކަމަށެވެ.

އާ ސަރުކާރު ވެރިކަމާއި ހަވާލުވީއިރު ކޯސްޓްގާޑުގެ ވަރަށް ގިނަ އުޅަނދުތައް ހުރީ ހަލާކުވެފައި ކަމަށާއި އެހެން ކަމުން އެ އުޅަނދުތައް މަރާމާތު ކުރުުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"ކޯސްޓްގާޑުގެ ވަރަށް ގިނަ އުޅަނދުތައް ވަނީ ހަލާކުވެފައި އަޅުގަނޑުމެން އައިއިރު. އެހެންވީމަ ކޯސްޓްގާޑްގެ އުޅަނދުތައް މަރާމާތުކޮށް އަދި ކޯސްޓްގާޑްގެ ހިދުމަތްތައް ފުޅާކުރުމަށްޓަކައި މަސައްކަތްތަކެއް މިއަހަރުވެސް ކުރެވެމުންދާނެ." މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.