ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ފެށި މަސައްކަތުގައި އެންމެ ބޮޑަށް ބަލާފާސްކުރި ރ. މަޑުއްވަރީގެ ރައްޔިތުންނަށް ދީނީ ނަސޭހަތް ދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަޑުއްވަރީ ކައުންސިލުން ފަށައިފި އެވެ.
މަޑުއްވަރީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތިން ދުވަހު ރައްޔިތުންނަށް ދީނީ ނަސޭހަތް ދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އެގޮތުން އަސުރު އަދި މަގްރިބު ނަމާދަށްފަހު މިސްކިތުގައި ދީނީ ނަސޭހަތް ދިނުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މަޑުއްވަރީ ރައްޔިތުންނަށް ނަސޭހަތް ދިނުމަށް ޝެއިހު ނަސްރުއްﷲ އަލީ އާއި ޝައިހު ހުސައިން އަބްދުﷲ ސައީދު އަދި ޝެއިހު އަހުމަދު ފަހުމީ ވަނީ އެ ރަށައް ވަޑައިގެންފައެވެ.
މީގެ އިތުރުން ހެދުނާއި، ހަވީރު އާންމުން އުޅޭ އެކި ސަރަަހައްދުތަކަށް އިލްމުވެރިން ޒިޔާރަތްކޮށް ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މަޑުއްވަރީގައި ފުލުުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުވަ ގެއަކާ ދޯންޏެއް ބަލާ ފާސްކޮށް ހަރުކަށި ފިކުރު ފަތުރަމުންދާ ކަމުގެ ތުހުމަތަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ ރަށުން ފުރަތަމަ ހައްޔަރު ކުރީ 30 އަހަރުގެ ފިރިހެނެކެވެ. އޭގެ ފަހުން 34 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއްވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ ބަންދުގެ މުއްދަތު މިހާރު ވަނީ ދެ ވަނަ ފަހަރަށް އިތުރުކޮށްފައެވެ.
މަޑުއްވަރީގައި ކުރިއަށްދާ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ.
އެގޮތުން ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމް ހާސިލް ކުރުމުގެ ހައްގުން ކުދިން މަހުރޫމްކޮށްފައިވާ ކަމަށާއި ކުޑަކުދިންނާއި މީހުން ކައިވެނިކޮށްގެން ކަމަށް ބުނެ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅޭ ސިއްހީ އިންތިޒާމްތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށެވެ.