ރައީސް އަބްދުﷲ ޔާމީން

އެންމެ ބޮޑު އަނިޔާއެއް ދިނީ ޔާމީނަށް: ޝިޔާމް

ނިމިގެންދިޔަ 2019 ވަނަައަހަރު ނުހައްގުން އެންމެ ބޮޑު އަނިޔާއެއް ތަހައްމަލް ކުރަން ޖެހިވަޑައިގަތީ ރައީސް ޔާމީނަށް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކުރެއްވި ޓްވީޓެއްގައެވެ.

ސިޔާމް ވިދާޅުވީ 2020 ގެ ގެ ފުރަތަމަ ދުވަހުވެސް ގޮވާލަނީ ރައީސް ޔާމީނަށް ކުރާ އަނިޔާ ހުއްޓާލާ މިހާރުން މިހާރަށް އެމަނިކުފާނު މިނިވަން ކުރުމަށް ކަމަށެވެ. ނިމިގެންދިޔަ 2019 ވަނަައަހަރު ނުހައްގުން އެންމެ ބޮޑު އަނިޔާއެއް ތަހައްމަލް ކުރަން ޖެހިވަޑައިގަތީ ރައީސް ޔާމީނަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ވަން އެސްއޯއެފް ކުންފުނީގެ އެކައުންޓަން ދެ ޗެކަކަކުން އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމް ކޮށްފައިވެ އެވެ.

އެ މައްސަލަ މިހާރު ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައިވާއިރު، އެ މައްސަލާގައި އެ ކޯޓުން ގޮތެއް ނިމަންދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު މިހާތަނަށް އެ ކަމުގައި ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.