އިސްލާމިކް މިނިސްޓްރީގެ އޮނިގަނޑަށް ބަދަލު ގެނެސް އިތުރުކުރި މަގާމުތަކުގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސަރުކާރުގެ ގެޒެޓްގައި މިދިޔަ އަންގާރަ ދުވަހު އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފައި ވަނީ އެ މިނިސްޓްރީގެ އެކި ސެކްޝަންތަކުގެ ސިވިލް ސާވިސް މަގާމުތަކެވެ. އެ ގޮތުން މޮސްކް މެނޭޖްމަންޓް ސެކްޝަނާއި ފައިނޭންސް ސެކްޝަނާއި ޒަކާތު ސެކްޝަނާއި މިނިސްޓްރީގެ އެކި ޔުނިޓްތަކުގެ ޑިރެކްޓަރުންގެ މަގާމަށާއި އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ މަގާމަށް އިއުލާން ކޮށްފައިވެ އެވެ.
މީގެ ތަފުސީލު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެއީ މި ސަރުކާރުން އިސްލާމިކް މިނިސްޓްރީގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ ގުޅިގެން މިނިސްޓްރީއަށް އަލަށް ތައާރަފު ކޮށްފައިވާ ސިވިލް ސާވިސް މަގާމުތަކެއް ކަމަށެވެ. އެ ގޮތުން މިނިސްޓްރީގެ ސެކްޝަންތަކަށާއި ޔުނިޓްތަކަށް އަލަށް 23 މަގާމެއް އިތުރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އޮނިގަނޑަށް އައި ބަދަލުތަކާ ގުޅިގެން އަލަށް ނަގާ މަގާމުތަކެއް [އެއީ]، މިނިސްޓްރީގެ އެކި ސެކްޝަންތަކާއި ޔުނިޓްތަކާއި އިދާރާތަކަށް އަލަށް 23 މަގާމެއް އިތުރުކޮށްފައިވާނެ، އެއީ މިނިސްޓްރީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން،" އޮފިޝަލް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް ސިވިލް ސާވިސް މަގާމުތަކެއް އިތުރުކޮށްފައިވާއިރު، އިސްލާމިކް މިނިސްޓްރީއާ ގުޅުން ހުރި ކަންކަން އިސްލާހު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އަމާޒެކެވެ.