އަލީ ވަހީދު

މިނިސްޓަރު އަލީގެ ވާހަކަތައް ޓީމުން ދޮގުކޮށްފި

ޓްއަރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާއި ގުޅޭގޮތުން ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަތައް އެ ޖަމިއްޔާއިން ދޮގުކޮށްފި އެވެ.

މިނިސްޓަރު އަލީ ވަހީދު މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އަސްލު މައްސަލައަކީ ޓީމް ނުވަތަ ޓީމަށް ނިސްބަތްވާ ބޭފުޅުން އުފައްދާފައިވާ ލޭބާ ޕާޓީން ބޭނުންވާ ކަންތައްތަކެއް ޓްއަރިޒަމް މިނިސްޓްރީން ކޮށްދީފައިނުވާތީ އެކަމުގެ ރުޅިވެރި ކަމުގައި އުފައްދާފައިވާ މައްސަލަތަކެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތްކުރާ ކޮންމެ މުވައްޒިފަކަށް 6.50 ޑޮލަރު ޓީމް އަށް ދައްކަން މަޖުބޫރުކޮށް ޓުއަރިޒަމް މިނިސްޓްރީން ސިޓީއެއް ދިނުމަށް އެ ފަރާތުން އެދެމުންދާ ކަމަށާ ނަމަވެސް އެފަދަ ސިޓީއެއް އެމަނިކުފާނު މިނިސްޓަރު ކަމުގައި ހުންނަވައިގެން ނުދެއްވާނެ ކަމަށެވެ. -ޓީމްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި މުވައްޒިފުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށް އެ މުވައްޒިފުންގެ ހައްގުގައި މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.-

މިނިސްޓަރު އަލީ ވަހީދުގެ ވާހަކަތައް ދޮގުކުރައްވާ ޓީމުން ބުނީ އަލީ ވަހީދު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އަދި ޓީމުން އެފަދަ ކަމަކަށް އެދިފައިނުވާނެ ކަމަށާ ކެރިވަޑައިގަންނަވާނަމަ ސާބިތުކޮށްދެއްވުމަށްވެސް ވަނީ ގޮވާލާފައެވެ.

"އަލީ ވަހީދު، މިނިސްޓަރަކަށް ހުންނަވައިގެން ތިޔަހާވަރުގެ ބޮޑު އިތުރުފުޅެއް ޖަޒުބާތުގައި ޖެހި ހެއްދެވުމަކީ ވަރަށް ދެރަކަމެއް. ޓީމް އިން އެފަދަ ކަމަކަށް އެދިފައެއް ނުވާނެ، ކެރިވަޑައިގަންނަވަންޏާ ސާބިތު ކޮށްދެއްވާ." ޓީމުން ބުނެފައިވެއެވެ.

ޓީމް ގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާހިރުވެސް ވަނީ އަލީ ވަހީދުގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އޭނާ ވިދާޅުވީ އަލީ ވަހީދު މަސައްކަތް ކުރެއްވީ ޓީމް ނުވަތަ ލޭބާ ޕާޓީގެ އަގު ވައްޓާލުމަށެވެ. އަދި ސާވިސް ޗާޖް ދެނީ ރަނގަޅަށްތޯ ސުވާލު ކުރައްވާ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒިފުން ޓުއަރިޒަމް މިނިސްޓްރީގެ ވާހަކަތައް ގަބޫލުނުކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އަލީ ވަހީދު ރޭ ވަނީ ސާވިސް ޗާޖު ދިނުމުގައި މުވައްޒިފުންނަށް އިހުމާލުވަމުންދާ ރިސޯޓްތަކާއި، ޓުއަރިޒަމް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހާއްސަ އޮޑިޓުން ފާހަގަވި މައްސަލަތަކަށް އުސޫލުތަކުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ސާވިސް ޗާޖާ، އޮޑިޓުން މައްސަލަ ފާހަގަވި ރިސޯޓްތަކަށް ޑިއުޕްރޮސަސް ޕޮލޯކޮށް ފިޔަވަޅު އަޅާނަން." އަލީ ވަހީދުގެ ޓްވީޓްގައި ވިދާޅުވިއެވެ.