އެމްޑީޕީ

ޕްރައިމަރީގައި ވާދަކުރުމަށް ނިޒާރު ފޯމް ހުށައަޅައިފި

މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ފޯމް ހުށައަޅައިފި އެވެ.

ނިޒާރު މިއަދު ވިދާޅުވީ މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށައަޅާފައިވާ ކަމަށެވެ.

18ވަނަ މަޖިލީހުގައި ވަރަށް ހަރަކާތްތެރިކޮށް ފެނިވަޑައިގެން ނިޒާރު، އައްޑޫގެ މޭޔަރަށް ގެނައުމަށް އެ ސިޓީގެ ގިނަ ރައްޔިތުން ދަނީ ކެންޕެއިން ކުރަމުންނެވެ. ނިޒާރާއެކު މިފަހަރުގެ އިންތިހާބުގައި މިހާރުވެސް އައްޑޫގެ މޭޔަރަކަށް ހުންނެވި އަބްދުﷲ ސޯދިގު ވާދަ ކުރައްވާނެއެވެ. ސޯބެ ވަނީ ތިން ފަހަރެއްގެ މަތިން އައްޑޫގެ މޭޔަރުކަން ކުރައްވާފައެވެ.

ނިޒާރު ވިދާޅުވީ އައްޑޫއަށް އޮތީ ވަރަށް ބޮޑު އިހުމާލުކޮށްފައި ކަމަށެވެ. އަދި އެކަން ބަދަލުކޮށް އައްޑޫ ރައްޔިތުންގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.