އުމަރު ނަސީރު

މޭޔަރަކަށް ކުރިމަތި ނުލާނަން، އަމާޒަކީ ރައީސްކަން: އުމަރު

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނު ދޮގުކުރައްވައިފި އެވެ.

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް އުމަރު ނިންމަވާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރޭ ވަނީ ހަބަރު ފަތުރާފައެވެ.

އެ ވާހަކަތައް ދޮގުކުރައްވާ އަވަސްއާއި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ އެމަނިކުފާނު ރާއްޖެއާއިމެދު ކުރައްވާ އުންމީދުތަކެއް އެބައޮތް ކަމަށެވެ. އެ އުންމީދުތައް މާލޭ ސިޓީގެ މޭޔަރަކަށް ހުންނަވައިގެން ފުރިހަމަ ނުކުރެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތައް ކަމަށްވާ މަސްތުވާތަކެތީގެ މައްސަލައާއި، ބިދޭސީންގެ މައްސަލަ އަދި އިންޑިއާގެ ނުފޫޒުގެ މައްސަލަ ހައްލު ކުރެވޭނީ ގައުމުގެ އެންމެ އިސް މަގާމުގައި ހުންނަވައިގެން ކަމަށެވެ.

"އަޅުގަނޑު މި ގައުމަށް ގެންނަން ބޭނުންވާ ބަދަލުތައް ނުގެނެވޭނެ މޭޔަރަކަށް ހުރެގެން. އަޅުގަނޑުގެ ވިސްނުމުގައި މި އޮތް ރާއްޖެ ގެނެވޭނީ ގައުމުގެ އެންމެ އިސް މަގާމުގައި ހުރެގެން. އެ އަމާޒަށް ނޫނީ އަޅުގަނޑު ދަތުުރެއް ނުކުރާނަން." 2008 ވަނަ އަހަރުން ފެށިގެން އެއް ސިޔާސަތުތަކެއްގައި ސާބިތުވެ ހުންނެވި އުމަރު ވިދާޅުވިއެވެ.

އަޅުގަނޑު މި ގައުމަށް ގެންނަން ބޭނުންވާ ބަދަލުތައް ނުގެނެވޭނެ މޭޔަރަކަށް ހުރެގެން. އަޅުގަނޑުގެ ވިސްނުމުގައި މި އޮތް ރާއްޖެ ގެނެވޭނީ ގައުމުގެ އެންމެ އިސް މަގާމުގައި ހުރެގެން. އެ އަމާޒަށް ނޫނީ އަޅުގަނޑު ދަތުުރެއް ނުކުރާނަން
އުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު

ޕީޕީއެމްގެ ލީޑާޝިޕުން ޕްރައިމަރީއެއް ބާއްވައިފި ނަމަ 2023 ވަނަ ރިޔާސީ އިންތިހާބުގައި ނިކުންނަވާނީ އެ ޕާޓީގެ ޓިކެޓުގައި ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

އުމަރު ވިދާޅުވީ ޕީޕީއެމް އުފެއްދި ތިން މީހުން ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ކަމަށާއި ދެން އެ މަސައްކަތް ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެ ޕާޓީ އުފެއްދީ އޭނާގެ އޮފީހުގައި ކަމަށާއި އަސާސީ ގަވައިދު ވެސް ލިޔުނީ އެ އޮފީސް ތެރޭގައި ކަމަށް އުމަރު ވިދާޅުވި އެވެ.

އެހެންކަމުން ޕީޕީއެމްގެ ލީޑާޝިޕްގެ ދޮރު ހުޅުވައިފިއްޔާ އެ ދޮރުން ވަންނަން މަސައްކަތް ކުރައްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. ނަމަވެސް ޕީޕީއެމްގެ ލީޑާޝިޕްގެ ދޮރު ބަންދުކޮށްފައި އޮތްހާ ހިންދަކު އެ މަސައްކަތް ނުކުރައްވާނެ ކަމަށާއި ދޮރު ފަޅާފައި ވަންނާކަށް ވެސް މަސައްކަތެއް ނުކުރައްވާ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އުންމީދު ކުރަނީ 2023ގެ ކުރިން ޕީޕީއެމްގެ ލީޑާޝިޕުގެ އެންމެ މަތީ ދޮރު ހުޅުވުން ކަމަށާއި އޭރުން އެ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށެވެ.

"2023 ގައި [ރިޔާސީ އިންތިހާބަށް] ކުރިމަތިލާނަން. އަދި ކާމިޔާބު ކުރާނަން. އުންމީދަކީ ޕީޕީއެމްގެ ލީޑާޝިޕްގެ ދޮރު ހުޅުވިގެން ޕީޕީއެމްގެ ތެރެއިން ނިކުތުމުގެ ފުރުސަތު ލިބުން،" ޕީޕީއެމްގެ ކުރީގެ މެންބަރު އުމަރު ވިދާޅުވި އެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ގިނަ ބޭފުޅުންތަކެއް ގެންދަވަނީ ފާޅުކުރައްވަމުންނެވެ. އެމްޑީޕީންވެސް ހަތަރު ބޭފުޅަކު ވަނީ މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އެހެންކަމުން މިމަހުގެ 31 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީ ވަރަށް ފޯރި ގަދަވާނެ ކަމަށް ބެލެވެއެވެ. މިފަހަރުވެސް މޭޔަރު ކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން މިހާރުގެވެސް މޭޔަރު ޝިފާ މުހައްމަދާއި، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އަދި ހެންވޭރު ދެކުނު ދާއިރާ މިހާރު ތަމްސީލް ކުރައްވާ އެމްޑީޕީގެ ކައުންސިލަރު އަހްމަދު ނިޔާޒްވެސް ވަނީ ފާޅުކުރައްވާފައެވެ.

މީގެ އިތުރުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ މަޖިލީސް މެންބަރު އަލްހާން ފަހްމީވެސް ވަނީ މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.