ހަބަރު

"މީހާއާއި ޑިންގީ ނުފެނޭ، ހާދިސާ ހިނގި ތަނެއް ސީދާ ނޭނގޭ"

ރޭ އިރާކޮޅު ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި ހާދިސާގައި ގެއްލުނު މީހާ އާއި ޑިންގީ ފެނިފައި ނުވާ ކަމަށާއި ހޯދަން އުނދަގޫ ވަނީ މީހާ ގެއްލުނު ސިދާ ސަރަހައްދު ނޭނގޭތީ ކަމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ބުނެފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓާ ލެފްޓިނަންޓް އަހުމަދު މުޖުތަބާ މުހައްމަދު ވިދާޅުވީ ގެއްލުނު މީހާ ހޯދަން ކަނޑުއަޑިންނާއި ކަނޑުމަތިން އަދި ވައިގެ މަގު ބޮޑު ސަރަހައްދެއް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު ކަނޑުއަޑިން ގިނަ ޑައިވަރުންނާއި ރިމޯޓްލީ އޮޕަރޭޓަޑް ވެހިކަލެއް ބޭނުން ކުރަމުން އަންނަ ކަމަށާއި ކަނޑުމަތިން އެ މީހާ ފެނޭތޯ ބަލަން ތިން އުޅަނދެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

އޭގެ އިތުރުން ހެލިކޮޕްޓަރަކުން މީހާ ފެނޭތޯ ބަލަން 120 ނޮޓިކަލް މައިލްގެ ސަރަހައްދެއް ބަލަމުން ގެންދާނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ. ނަމަވެސް މީހާ ހޯދަން އުނދަގޫ ވަނީ އެކްސިޑެންޓު ހިނގި ސީދާ ސަރަހައްދު ނޭނގޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ބޮޑަށް ލަފާ ކުރެވެނީ މި އެކްސިޑެންޓު ހިނގި ސަރަހައްދަކީ މިއީ ދޮންފަނުގެ ހުޅަނގު ދެކުނުން އޮންނަ އަނގަފަރު ކިޔާ ފަރެއް އޮވޭ އެ ފަރު ކައިރިން ކަމަށް. ސީދާ ޕިން ޕޮއިންޓުކޮށް އެ ލޮކޭޝަން އަޅުގަނޑުމެނަށް ނޭނގޭތީ ހަގީގަތުގައި ކޮމްޕްލިކޭޓު ވެގެން މި އުޅެނީ އޮޕަރޭޝަން،" މުޖުތަބާ ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ޑީންގީއެއްގައި ބޭނުން ކުރާފަދަ ބައެއް ތަކެތި ފެނިފައިވާ ކަމަށާއި ނަމަވެސް އެއީ އެ ޑިންގީގެ ތަކެތި ކަމެއް ޔަގީން ނުކުރެވޭ ކަމަށެވެ. އަދި އުންމީދު ކުރަނީ އޮޕަރޭޝަން ނިމޭއިރު އެ މީހާ އާއި ޑިންގީ ވެސް ފެނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުށީ އުމުރުން 41 އަހަރުގެ މުޝްތަރީގޭ ނަސްރުﷲ އަބްދުﷲ އެވެ.