ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، އެ މައްްސަލަތަކަށް އެދެވޭ ދާއިމީ ހައްލެއް ހޯދުމަށް ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު މަސައްކަތް ކުރައްވަމުން ގެންދަވާތީ އެކަމަށް ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ތައުރީފު ކޮށްފި އެވެ.
އެންބީއޭއެމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރިސޯޓްތަކުގައި މަސައްކަތްކުރާ ކޮންމެ މުވައްޒިފަކަށް 6.50 ޑޮލަރު ޓީމް އަށް ދައްކަން މަޖުބޫރުކޮށް ޓުއަރިޒަމް މިނިސްޓްރީން ސިޓީއެއް ދިނުމަށް އެ ފަރާތުން އެދެމުންދާ ކަމަށް މިނިސްޓަރު ހާމަކުރައްވާފައިވާއިރު، ޓީމްގެ އެ އަމަލާމެދު ކަންބޮޑުވާ ކަމަށެވެ.
ފަތުރުވެރި ކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒިފުންގެ ހައްގުތައް ހޯދާ، އެ މުވައްޒިފުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުންވެސް އެބަޔަކަށް ހައްގު މިންވަރު ހޯދުމަށް މަސައްކަތް ކުރުމުގައި އިންތަކާއި މިންތައް ފަހަނައަޅާ ނުދިއުމަށް އެންބީއޭއެމް ވަނީ ގޮވާލާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރި ކަމަށް ކިލަނބުކަމެއް އަތުވެދާނެ އެއްވެސް ކަމެއް ނުކުރުމަށާއި، ވަޒީފާދޭ ފަރާތާއި، ވަޒީފާ ލިބޭ ފަރާތުންކުރެ އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށްވެސް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.
މިނިސްޓަރު އަލީ ވަހީދަށް ތައުރީފުކޮށް އެންބީއޭއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، އެ މައްްސަލަތަކަށް އެދެވޭ ދާއިމީ ހައްލެއް ހޯދުމަށް މިނިސްޓަރު މަަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"މިއަދުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި ޓޫރިޒަމް މިނިސްޓަރުގެ ދުރުވިސްނުންފުޅާއެކު، ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާވެ، އިންވެސްޓަރުންނާއި ފަތުރުވެރިން އަދި ދިވެހި ރައްޔިތުންގެ ލޯތްބާއި އިތުބާރު ލިބިފައިވާ އިންޑަސްޓްރީއަކަށް މި އިންޑަސްޓްރީ ވެެގެން ދިއުމުގެ ފޮނި މީރުކަން ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް މިއަދު ލިބެމުންދާކަން އުފަލާއެކު ފާހަގަކުރަން." އެންބީއޭއެމް ނެރުނު ބަޔާނުގައިވެއެވެ.
ރާއްޖޭގެ ވިޔަފާރި ކުންފުނިތައް ނުވަތަ ޓުއަރިޒަމަށް އިންވެސްޓް ކޮށްގެން ތިބި ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ބުނެ ފެތުރުނު ހަބަރާއި ގުޅިގެން ގިނަ ބަޔަކު ވަނީ މިނިސްޓަރަށް ފާޑު ކިޔާފައެވެ.
ނަމަވެސް މިހާރު ސާވިސް ޗާޖްދޭ ގޮތާ ގުޅޭގޮތުން ހިތްހަމަޖެހޭކަން ނުވަތަ ނޫންކަން ވެސް ސީދާ މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ.
އެކަމާއި ގުޅޭގޮތުން އުފެދުނު މައްސަލަތަކުގެ ހަގީގަތްވެސް މިނިސްޓަރު އަލީ ވަނީ ދާދިފަހުން ހާމަކުރައްވާފައެވެ.