ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

މިނިވަން ނުވިޔަސް، އަދީބުގެ ހުކުމް ތަންފީޒުކޮށް މިރޭ ނިމޭނެ

ފިލައިގެން އިންޑިޔާއަށް ވަޑައިގެންނެވި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތިން މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ތަންފީޒުކޮށް މިރޭ ނިމޭނެ އެވެ.

އަދީބުގެ ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ އަދީބުގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމޭނީ މިރޭ 00:00 ގެ ނިޔަލަށް ކަމަށެވެ. ނަމަވެސް މިފަހުން އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާތީ އޭނާ މިނިވަން ނުވާނެއެވެ.

ފިލި މައްސަލައާއި ގުޅިގެން އަދީބުގެ މައްޗަށް އުފުލީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއެވެ. އެ ދައުވާއަށް އަދީބު ވަނީ އެއްބަސްވެފައެވެ. ޝަރީއަތުގައި އަދީބު ވިދާޅުވީ އޭނާ ފިލަން މަސައްކަތް ކުރީ ފުރާނައަށް ނުރައްކާވާ ކަމުގެ އިންޒާރުތައް ލިބެމުންދާތީ ބޭރުގެ ހިޔާމަތް ހޯދަން ކަމަށެވެ. އަދި އެ ކުށަށް އިއުތިރާފްވާ ކަމަށާއި އިއުތިރާފްވި ބަޔާނެއް ފުލުހުންނަށް ދީފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށާއި އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

އަދީބު ކުށަށް އިއުތިރާފު ވުމުން ގާޒީ ވަނީ އަދަބާ ބެހޭގޮތުން ދެ ފަރާތަށް ވާހަކަ ދެއްކުމަށް ފުރުސަތުދީފަ އެވެ. އެގޮތުން ދައުލަތުން ހުށަހެޅީ އެއް ދަރަޖަ ދަށްކޮށް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެކަމަށް އަދީބު ވެސް ވަނީ އިއުތިރާފްވެފަ އެވެ.

އެ ހުކުމް އަދީބް ތަންފީޒު ކުރެއްވީ ގޭ ބަންދުގައި ހުންނަވައިގެންނެވެ. ސިއްހީ ހާލުކޮޅު ހުރި ގޮތުގެ ސަބަބުން އަދީބު ގޭ ބަންދަށް ބަދަލުކޮށްފައިވަނިކޮށް އޭނާގެ މައްޗަށް ހަތް ދައުވާއެެއް ވަނީ އުފުލާފައެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ އެ މައްސަލަތަކާއި ގުޅިގެންނެވެ.

އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެންނެވެ. އެ ދައުވާތައް އުފުލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށްފަހު ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުންނެވެ.

މި ހަތް ދައުވާއަކީ ވެސް ތަހުގީގުގައި އަދީބު އިއުތިރާފުވެފައިވާ ކުށްތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކެވެ. އަދީބު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ކުށަށް އިއުތިރާފްވާ ކަމުގެ އެއްބަސްވުމެއްގައި ސޮއި ކުރައްވާފަ އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު އިސްތިއުނާފަށް ހުށައަޅާނަންތޯ ދެންނެވުމުން އަދީބުގެ ވަކީލް ވިދާޅުވީ އެފަދަ ވިސްނުމެއް ނެތް ކަމަށެވެ.

"އިސްތިއުނާފަށް ހުށައަޅަން ނިންމާފައެއް ނުވޭ. އަދި އަދީބުގެވެސް އެފަދަ ވިސްނުމެއް ނެތް." މަހުފޫޒް ވިދާޅުވިއެވެ.

އަދީބު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައް ލައިވްކޮށް ދިނުމަށް ވެސް ކުރިމިނަލް ކޯޓުގައި އެދިވަޑައިގެންފަ އެވެ.

ނަމަވެސް އަދީބުގެ މައްސަލަތައް ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު ވަނީ އެކަމަށް އިއުތިރާޒު ކުރައްވާފައެވެ. އޭގެ ފަހުން އެ މައްސަލަތަކުގެ ޝަރީއަތެއް ބާއްވާފައެއް ނުވެއެވެ.

މީގެ ކުރިން ފުލުހުން ހިންގި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގަށްފަހު ވެސް އަދީބުގެ މައްޗަށް ހިޔާނާތުގެ 10 ދައުވާތަކެއް އުފުލި އެވެ. ނަމަވެސް އެ ދައުވާތައް ކުރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. އެމްއެމްޕީއާރްސީގެ ރަށްތަކާ ގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ތަހުގީގު ކުރި އެވެ.

އަދީބުގެ މައްޗަށް މިހާތަނަށް ސާބިތުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެއް މައްސަލަ އެވެ. އެއީ މާބިންހުރާ މައްސަލަ އެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުން ބާތިލްކޮށް ކުރިމިނަލް ކޯޓަށް އަލުން ބަލަން ވަނީ އަންގާފަ އެވެ. ހައިކޯޓުގެ އެ ހުކުމް މިހާރު ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ޕީޖީއިން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެއީ އަދީބާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.