ހަބަރު

ފ. އަތޮޅުގެ އިންވެސްޓަރުން ދިޔައީ އެމްޑީޕީން ހަރުކަށި ފިކުރުގެ ބިރު ދެއްކުމުން

ފ. އަތޮޅުގެ ބޮޑު މަޝްރޫއުގެ އިންވެސްޓަރުން އެކަން ކުރުން ހުއްޓާލީ ހަރުކަށި ފިކުރު އެ އަތޮޅަށް ގެންނަން އުޅޭ ކަމަށް ބުނެ އެމްޑީޕީ އިން ބޭރު ގައުމުތަކުގައި ވާހަކަ ފެތުރުމާ ގުޅިގެން ކަމަށް އޭރު އިކޮނޮމިކް މިނިސްޓަރުގެ މަގާމްގައި ހުންނެވި މިހާރުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ފ. އަތޮޅު މަޝްރޫއަކީ އެ އަތޮޅުން މީހުން ބޭލުވުން ކަމަށް ބުނެ އެމްޑީޕީ އިން ހެދީ ދޮގެއް ކަމަށާއި އެއީ މުޅި އޭޝިއާއަށް ގޮންޖަހާ، ދިވެހިންނަށް ބޮޑު އާމްދަނީއެއް ލިބެން އޮތް މަޝްރޫއެއް ކަމަށެވެ. އެހެންކަމުން އެމްޑީޕީ އިން ދުނިޔޭގެ ބޮޑެތި ހުރިހާ ނޫސްވެރިން ކައިރިޔަށް ގޮސް ރައީސް ޔާމީން ފ. އަތޮޅަށް ހަރުކަށި ފިކުރުގެ ބައެއް ގެންނަން އުޅޭ ކަމަށް ބުނެ ވާހަކަތަކެއް ފެތުރި ކަމަށް ސައީދު ވިދާޅުވި އެވެ.

އޭގެ ނަތީޖާއާ ރާއްޖެއިން ކުރިމަތިލާން ޖެހުނު ކަމަށާއި އެގޮތުން އެ އަތޮޅަށް އިންވެސްޓު ކުރަން ތިބި ފަރާތްތައް އެކަމުގެ ބިރުވެރިކަމާއެކީ އިންވެސްޓު ކުރުން ހުއްޓާލި ކަަމަށް ސައީދު ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގަ އިންވެސްޓު ނުކުރަން [އެމްޑީޕީން] ވަކާލާތު ކުރަމުން ގެންދިޔަ. އަދި ފ. އަތޮޅަކީ އެ އިންވެސްޓު ކުރީމަ ހަރުކަށި ފިކުރުގެ ތަނަކަށް ހަދަން ރައީސް ޔާމީން އުޅުއްވަނީއޭ ވިދާޅުވެ ދުނިޔެއަށް ބިރު ދެއްކި. އެއީ ސައުދީ އިންވެސްޓްމަންޓެއް އެތަނުގައި އުޅެނިއްޔޭ ކިޔާފަ. ސައުދީ އަރަބިއްޔާއަކީ ހަރުކަށި ވިސްނުން ހުރި ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށް ބުނެ. މި ވިސްނުން ހުޅަނގަށް އެ މީހުން ވިސްނަދިން," އެ މަޝްރޫއު ހިންގުމުގައި އިސްކޮށް އުޅުއްވި ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެމްޑީޕީ އިން ބޭނުންވާ ކަމެއް ހާސިލު ކުރުމަށް ރައްޔިތުންނަށް ކިތަންމެ ބޮޑު އަނިޔާއެއް ވެސް ދީފާނެ ކަން އެ މައްސަލައިން ވެސް އެނގޭ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް އެ ޕާޓީގެ ލީޑާޝިޕުގެ އަމަލުތައް ހުންނާނީ އެހެން ކަމަށް ސައީދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ޖެހޭ އެއް ސަބަބަކީ ވެސް އެއީ ކަމަށް ސައީދު ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީގެ ވަކިތަކުން ގައުމު ސަލާމަތް ވާން ޖެހޭ ކަމަށާއި އެ ނޫން ނަމަ އެއްވެސް ކަމެއް ރަނގަޅަކަށް ނުހިނގާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.