ހަބަރު

ޖަލުގައި ޔާމީނާއި ގައިދީންނަށް ރައްކަލެއް ނެތް: އާދަމް ޝަރީފް

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވެސް ރައްކާތެރިކަމެއް ނެތް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގައިގެން އުޅޭ ކަމުގެ އަޑު ފެތުރިފައި ވަނިކޮށް އެކަމާ ގުޅިގެން އާދަމް ޝަރީފް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަލުގައި ހަމަނުޖެހުން ހިންގުމުން ރައީސް ޔާމީނަށާއި އެހެން ގައިދީންނަށް އަދި ޖަލު އޮފިސަރުންނަށް ވެސް ރައްކާތެރިކަމެއް ނެތްކަން އެނގޭ ކަމަށެވެ. ޖަލުގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށާއި ޖަލުގައި ވެސް އިންސާނީ ކަރާމާތް ދަމަހައްޓަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ޖަލުގައި ހަމަނުޖެހުން ހިނގައިގެން އުޅޭ ކަމަށް އަޑު ފެތުރިފައިވާއިރު ކޮމިޝަނާ އޮފް ޕްރިޒަންސް މިއަދު ވިދާޅުވީ ބައެއް ގައިދީން ޖަލު އޮފިސަރުންނަށް ވެސް އަނިޔާ ކުރަމުންދާ ކަމަށެވެ.