ހަބަރު

ލޫކާގެ ގިޓާ ވޯކްޝޮޕެއް ހާޑްރޮކް ކެފޭގައި ބާއްވައިފި

ދުނިޔޭގެ އެންމެ ޝްހޫރު ގިޓަރިސްޓުން ތެރޭ ހިމެނޭ ލޫކާ ސްޓިރިކަނޯލީގެ ގިޓާ ވޯކްޝޮޕެއް ހާޑްރޮކްކެފޭގައި ބާއްވައިފި އެވެ.

ކޮރިސްރޯޑްގެ ދަ މެރީނާގައި ހުންނަ ހާޑްރޮކް ކެފޭއިން އިންތިޒާމްކޮށްގެން އެ ކެފޭގައި މިއަދު ހަވީރު ހަތަރަކުން ފަހަކަށް ބޭއްވި އެ ވޯކްޝޮޕްގައި އޭނާ ވަނީ ގިޓާ ކުޅުމުގެ ތަފާތު ހުނަރުތައް ހާއްސަކޮށް އޭނާ ގެންގުޅޭ އުކުޅުތައް ކިޔާދީފަ އެވެ. އެގޮތުން ގިޓާ ޓިއުން ކުރާނެ ގޮތާއި، އޭނާ ގެންގުޅޭ އުކުޅުތަކުގެ ތެރޭގައި ހިމެނޭ ގިޓާ ކުޅެމުން ޑްރަމް ނުވަތަ ބެރުގެ އަޑު ނިކުންނާނެ ގޮތުގެ އިތުރުން ޕިޔާނޯގެ އަޑު ނިކުންނަ ގޮތްވެސް އޭނާ ވަނީ ކިޔައިދީފަ އެވެ.

މީގެން ކޮންމެ އުކުޅެއް ކިޔައި ދިނުމަށްފަހު އޭނާ ވަނީ ކޮންމެވެސް އެއްލަވައެއް އެ އުކުޅުތައް ބޭނުންކޮށްގެން ކުޅެދީ، ހާޑްރޮކް ކެފޭގައި ތިބި މީހުން އަޖައިބުކޮށްލާފަ އެވެ. ހާޑްރޮކް ކެފޭއިން ބުނީ، ކުރިޔަށް އޮތް ތަނުގައިވެސް، ދުނިޔޭގެ އެފަދަ މަޝްހޫރު ފަންނާނުންތައް ގެނެސް ދިވެހި ބޭންޑުތަކުގެ ނުވަތަ ދިވެހި މިއުޒިޝަނުންގެ ހުނަރު އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުންގެންދާނެ ކަމަށެވެ. ހާޑުރޮކް ކެފޭއިން މިއަދު އޮތީ އެ ވޯކްޝޮޕްގައި ބައިވެރިވާން ބޭނުން ކޮންމެ މީހަކަށް އެ ފުުރުސަތު ހުޅުވާލާފަ އެވެ.

އިޓަލީވިލާތަށް އުފަން ލޫކާ ދުނިޔެއަށް މަޝްހޫރުވެފައިވަނީ، ގިޓާ ކުޅުމުގައި އޭނާ ގެންގުޅޭ ތަފާތު ހުނަރުގެ ސަބަބުންނެވެ. އޭނާގެ އެ އަމިއްލަވަންތަ މިއުޒިކު ވީޑިއޯތަކަށް 100 މިލިއަނުން ވިއުސް ލިބިފައިވާއިރު، ދުނިޔޭގެ އެތައްމިތަނުގައި އޭނާގެ ހުނަރު ދައްކާލުމުގެ ފުރުސަތުވެސް ވަނީ ލިބިފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ދުނިޔޭގެ މަޝްހޫރު މެގަޒިންތަކާއި، ޓީވީ ޗެނަލްތަކުގެ އިތުރުން މަޝްހޫރު ބޭންޑްތައް ކަމަށްވާ، ރެޑް ހޮޓް ޗިލީ ޕެޕާސް" އާއި "ވޯކް އޮފްދަ އާރތްް" ގެ ސަމާލުކަންވެސް ހޯދާފަ އެވެ.

ދުނިޔޭގެ 76 ގައުމެއްގައި 262 ހާޑްރޮކްގެ އައުޓްލެޓްތައް ހުންނަ އިރު، ރާއްޖޭގައި ހާޑްރޮކްގެ ފިހާރައަކާއި، ކެފޭއެއް ހިންގަން ފަށާފައިމިވަނީ ކްރޮސްރޯޑްސްގެ މެރީނާ ހުޅުވުމާއި އެކު އެވެ. ހާޑްރޮކްގެ އިތުރުންވެސް ކޮރޮސްރޯޑްސްގެ މެރީނާގައި ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑްތަކުގެ އައުޓްލެޓްތައް ހުރެއެވެ.