މިދިޔަ އަހަރު ބޭންކް ޕްރޮފިޓް ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑުތަން އިތުރު ވެއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ލިބިފައި ވަނީ 564 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މި އަދަދު ވަނީ 613 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ބޭންކް ޕްރޮފިޓް ޓެކްސް އިތުރު ވެގެން ގޮސްފައި ވަނީ ރާއްޖޭގެ އިގްތިސޯދު ރަނގަޅު ވާން ފެށުމާއެކުގަ އެވެ. ހާއްސަކޮށް އަހަރުގެ ކުރީކޮޅު ބޭންކް ތަކުން ދޫކުރި ލޯނުގެ އަދަދު މަދުވެފައިވި ނަމަވެސް އަހަރުގެ ފަހުކޮޅު އިމާރާތް ކުރުމުގެ ދާއިރާ އަށް ދޫކުރި ލޯނުގެ އަދަދު އިތުރުވަމުންދާ ކަމަށް މަރުކަޒީ ބޭންކުން ފާހަގަ ކޮށްފައިވެ އެވެ.
ބޭންކް ޕްރޮފިޓް ޓެކްސް އިތުރުވެފައިވާއިރު ސަރުކާރުން ފުރަތަމަ އަހަރު އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ވަނީ ކުންފުނިތަކަށް އެވޯޑުކޮށްފަ އެވެ. އޭގެ ގިނަ މަޝްރޫއުތަކުގެ މަސައްކަތް ދަނީ ފަށަމުންނެވެ.
ރާއްޖޭގައި މިހާރު ހަތް ބޭންކެއްގެ ހިންގަ އެވެ. ރާއްޖޭގެ މަޝްރޫއު ތަކަށް އެންމެ ބޮޑު ކޮންޓްރިބިއުޝަނެއް ދޭ އެއް ބޭންކަކީ ބޭންކް އޮފް މޯލްޑިވްސް އެވެ.