ހަބަރު

އެކްސިޑެންޓުގައި އަނިޔާވި ކައްޕިގެ ހާލު ރަނގަޅު

ލޯންޗަކާއި ޑިންގީއެއް ޖެހިގެން ހިނގި ހާދިސާގައި އަނިޔާވެގެން އައިޖިއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހާގެ ހާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި އަނިޔާވެފައި ވަނީ ލޯންޗު ދުއްވަން އިން މުހައްމަދު މުސްތަފާއަށެވެ. އެގޮތުން އޭނާގެ މޫނުމަތިން ބައެއް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާއިރު އަތާއި އިނގިއްޔެއް ވަނީ ބިނދިފަ އެވެ. އަދި ދުލުގެ ނާރަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ. މުސްތަފާއަށް ފުރަތަމަ ބ. އަތޮޅުގައި ފަރުވާ ދިނުމަށް ފަހު ހާލު ސީރިޔަސްވެގެން މިދިޔަ ހުކުރު ދުވަހު ހަވީރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފަ އެވެ.

އެކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ މުސްތަފާގެ ހާލު މިހާރު ރަނގަޅު ކަމަށާއި މިހާރު އޭނާ އޮތީ ވޯޑުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މިހާރު މުސްތަފާ ހޮސްޕިޓަލުގައި ބާއްވާފައި އޮތީ މޫނުގެ ސާޖަރީއެއް ހެދުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ހާދިސާގައި ލޯންޗުގައި ހުރި ބިދޭސީ މީހާއަށް ވެސް އެކިވަރުގެ އަނިޔާ ލިބުނެވެ. އަދި ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކަށް ވެސް އަނިޔާވި ނަަމަވެސް އެއިން އެއްވެސް މީހެއްގެ ހާލު ސީރިޔަސްއެއް ނޫނެވެ.

ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން އެކަކު އަދިވެސް ފެނިފައެއް ނުވެ އެވެ. އޭނާގެ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ފުލުހުންނާއި ސިފައިން ކުރަމުންދާއިރު އޭނާ ހޯދުމަށް ސިފައިން ވަނީ ލިބެންހުރި ހުރިހާ ވަސީލަތްތަށް ބޭނުންކޮށްގެން ބޮޑު އޮޕަރޭޝަނެއްވެސް ފަށާފަ އެވެ. ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުށީ މުޝްތަރީގެ، އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ އެވެ.