ހަބަރު

އިއްޒުއްދީން ސްކޫލުން 224 ކުދިންނަށް ޖާގަ ދީފި

މި އަހަރު މާލޭގައި އަލަށް ހުޅުވާ އިއްޒުއްދީން ސްކޫލުން 224 ކުދިންނަށް އެޑިއުކޭޝަނުން ޖާގަ ދީފި އެވެ.

މާލޭ ސިޓީގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރަން އިއްޒުއްދީން ސްކޫލް ގެ ނަމުގައި އާ ސްކޫލެއް މާލޭގައި ހުޅުވަން ސަރުކާރުން ނިންމީ މިދިޔަ އަހަރު ފަހުކޮޅު އެވެ. ކުރީގެ މާލެ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި އިމާރާތުގައި މި ސްކޫލް ހުޅުވަނީ ގްރޭޑް 1 އިން 6 އަށް ކިޔަވައިދޭނެ ސްކޫލެއްގެ ގޮތުގަ އެވެ. މި ސްކޫލްގައި ގްރޭޑް 7 އިން ފެށިގެން 10 ހަމައަށް ގްރޭޑްތައް ތަރައްގީ ކުރަން ނިންމާފައި ވަނީ 2021 އިން ފެށިގެން އަހަރަކުން އަހަރަކުން ގްރޭޑެއް އިތުރުކުރާ ގޮތަށެވެ.

އެއްދަންފަޅިއަށް ކިޔަވައިދޭ މި ސްކޫލަށް މިހާރު 224 ކުދިންނަށް ޖާގަ ދީފައިވާ ކަމަށް އެޑިއުކޭޝަނުން މިއަދު ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ބުނި ގޮތުގައި، އެހެން ސްކޫލްތަކެކޭ ވެސް އެއްގޮތަށް ދިރާސީ އާ އަހަރަށް އިއްޒުއްދީން ސްކޫލްގެ ކިޔެވުން ފަށަން ތައްޔާރު ވަމުން އަންނަ އިރު 200 އަށްވުރެ ގިނަ ކުދިންނަށް އެ ސްކޫލުން މިހާރު ޖާގަ ދީފި ކަމަށެވެ.

"އެންމެ ގިނައިން އެޕްލިކޭޝަންތައް ލިބިފައި ހުރީ އަލަށް ވަންނަ ގްރޭޑަށް. އެއީ ގްރޭޑް 1 އަށް 100 އަށް ވުރެ ގިނަ ކުދިން މިހާރު ވަނީ ހަމަޖެހިފަ" އެޑިއުކޭޝަންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މި ސްކޫލު ހުޅުވުމަށް ތައްޔާރު ވަމުން އަންނަ އިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލަށް ބޭނުންވާ ޓީޗަރުންނާއި ކައުންސިލަރުންނާއި، ސުޕަވައިޒަރުން އަދި އިދާރީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މިނިސްޓްރީން އިއްޔެ ވަނީ ހަ މަގާމަކުން ވަޒީފާތައް ގެޒެޓުކޮށް އިއުލާން ކޮށްފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ސްކޫލުގެ ޓީޗަރުން ހަމަކޮށް އެހެން ސްކޫލްތަކެކޭވެސް އެއް ދުވަހެއްގައި ކިޔެވުން ފެށޭނެ އެވެ. އެމްއީއެސް އިމާރާރުގައި ހިންގާ މި ސްކޫލުގައި މިހާރު ދަނީ ކުލަ ލުމާއި މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.