ކްރިމިނަލް ކޯޓް

ކުރިމިނަލް ކޯޓުގެ ސެކްޝަންތަކުގެ އަކުރުތައް ބަދަލުކޮށްފި

Jan 5, 2020
2

ކުރިމިނަލް ކޯޓުގެ ޝަރީއަތްކުރާ ސެކްޝަންތަކަށް ދީފައިވާ އަކުރުތައް ބަދަލުކޮށްފި އެވެ.

ކުރިިމިނަލް ކޯޓުން ބުނީ، އެކޯޓުގެ ސެކްޝަންތަކަށް ދީފައިވާ އިނގިރޭސި އަކުރުތައް ދެވިފައިވަނީ ވަކި ތަރުތީބެއްނެތި ކަމަށްވާތީ، އެހެން ކޯޓުތަކުގައިވެސް އެކަން އޮންނަ ގޮތަށް ބަދަލުކުރުމަށް އެކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ގިނަ ކޯޓުތަކުގައި އޮންނަނީ އިދާރީ ސެކްޝަނަށް A އަދި ޝަރީއަތްކުރާ ސެކްޝަންތަކަށް B މީގެ އިތުރުން ފައިސާއާއި ބެހޭ ސެކްޝަނަށް C ކަމަށެވެ.

އެހެން ކަމުން 1 ޖެނުއަރީން ފެށިގެން ސެކްޝަން F ގެ ގޮތުގައި އޮތް ގާޒީ އަހުމަދު ޝަކީލްގެ ސެކްޝަނަށް މީގެ ފަހުން ކިޔަނީ B1 ކަމަށާއި، ކުރިން ސެކްޝަން D ގެ ގޮތުގައި އޮތް ގާޒީ އަލީ ރަޝީދު ހުސައިންގެ ސެކްޝަނަށް B2، އަދި ކުރިން ސެކްޝަން I ގެ ގޮތުގައި ހިންގަމުން އައި ގާޒީ ހަސަން ސައީދުގެ ސެކްޝަނަށް B3 ވަނީ ދީފަ އެވެ.

މީގެ އިތުރުން ކުރިން ސެކްޝަން G ގެ ގޮތުގައި ހިންގަމުން އައި، ގާޒީ އިބްރާހިމް އަލީގެ ސެކްޝަނަށް B4 އަދި ސެކްޝަން K ގެ ގޮތުގައި ހިންގަމުން އައި ގާޒީ އަލީ އާދަމްގެ ސެކްޝަނަށް B5، ގާޒީ މުހައްމަދު ސަމީރުގެ E ސެކްޝަންގެ ނަން B6 އަށް، ގާޒީ ހުސައިން ފާއިޒު ރަޝާދުގެ H ސެކްޝަނަށް B7 އަދި ގާޒީ ހަސަން ނަޖީބުގެ B ސެކްޝަން ވަނީ B8 އަށް ބަދަލުކޮށްފަ އެވެ. މީގެ އިތުރުން، ގާޒީ އިސްމާއިލް ރަޝީދުގެ M ސެކްޝަންގެ ނަން B9 އަށް ބަދަލުކޮށް، މިހާރު އެކޯޓުގެ ގާޒީއަކު ނެތި ހުސްކޮށް އޮތް N ސެކްޝަނަށް ވަނީ B10 ގެ ނަމަށް ބަދަލުކޮށްފަ އެވެ.