ސަރުކާރުގެ އަމަލުތައް މުޅިން ވެސް ހުރީ އިގްތިސޯދު އަނދަވަޅަކަށްވެއްޓި، ރައްޔިތުންގެ ޖީބު ހުސްވާ ގޮތަަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ސަރުކާރަށް ފާޑު ވިދާޅުވެ ޖަމީލު ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވެފައި ވަނީ، ސަރުކާރަށް އަހަރެއް ވެގެން ދިޔައިރު ވެސް ސީޕްލޭން ޓާމިނަލަށް ހަދާނެ ގޮތް ނޭނގުނު ކަމަށާއި އާ ޕަސެންޖަރު ޓާމިނަލް ލަސްވުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާނެ ކަމަށެވެ.
"އަހަރެއް ވެގެން ދިޔައިރު ސީޕްލޭން ޓާމިނަލަށް ހަދާނެ ގޮތެއް ނޭގުނު. މިވަރުގެ ކަމެއް ނިންމަން ނޭނގުނުއިރު ކިހިނެއްތޯ އިގްތިސޯދީ ބޮޑެތި ނިންމުންތައް ނިންމާނީ؟" އޭނާ ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް މެނޭޖިން ޑިރެކްޓަރަކު (އެމްޑީ) އައްޔަން ނުކޮށް އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާތީ އެކަމަށް ވެސް ޖަމީލް ވަނީ ފާޑު ވިދާޅުވެފަ އެވެ.
ވިދާޅުވީ ބޮޑެތި ޒިންމާތަކެއް އަދާ ކުރަންޖެހިފައިވާ ކުންފުނީގައި އަދިވެސް ދާއިމީ އެމްޑީއެއް ނެތް ކަމަށާއި މި ސަރުކާރުގެ އަމަލުތައް ހުރީ އިގްތިސޯދު އަނދަވަޅަކަށް ވައްޓާލައި ރައްޔިތުންގެ ޖީބު ހުސްވާ ގޮތަށް ކަމަށެވެ.
ޖަމީލް މިހެން ވިދާޅުވެފައިވާއިރު އަވަސް އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މީގެ ކުރިން ވިދާޅުވީ އެމްއޭސީއެލްއަށް މެނޭޖިން ޑިރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އޭރު އޭނާ ވިދާޅުވި ގޮތުގައި އެމްޑީއަކު ހަމަނުޖެހި ލަސްވަމުންދަނީ އެ ތަނުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނާތީ އެވެ.
މީގެ އިތުރުން ވެސް އަހަރުގެ ފަހު ދުވަހު ސަރުކާރުގެ ސިޔާސަތުތަކާ ހިތްހަމަނުޖެހުން ފާޅު ކުރަމުން ޖަމީލު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އަހަރު ނިމުނުއިރު އިގްތިސޯދުގައި އެއްވެސް ދިރުމެއް ނެތް ކަމަށާއި ވިޔާފަރިތައް ފުނޑިފައިވާ ކަމަށެވެ.
ސަރުކާރަށް ފާޑު ވިދާޅުވަމުން ޖަމީލް ވިދާޅުވީ މިއީ މިހާތަނަށް ވުޖޫދުވި އެންމެ ނާގާބިލް ވެރިކަން ކަމަށާއި ކުޑަ ގައުމަކަށް ކުޅަދާނަ ނުވާ ވަރަށް ސިޔާސީ މަގާމުތައް އިތުރުކޮށްފައިވާ ކަމަށެވެ.