ރިޕޯޓް

މައްސަލަ އޮބެނީ، އަލީ ވަހީދަށް ތައުރީފު އޮހެނީ!

ރާއްޖޭގައި ސިޔާސީ ގޮތުން އެންމެ "ފަލަ" ބޭފުޅުންނާއި އެންމެ ގަދައަށް ފައިސާ ދައުރުވާ ވަރުގަދަ ޖަމިއްޔާ ޖަމާއަަތްތަކުން މި ފަހުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ތެދުވާން ޖެހުނީ، އެ ފަންތީގައި އާންމުކޮށް އޮއްބާލާފައިވާ ވާހަކައެއްގެ ކުރިއެއް ފެޅުމާ ގުޅިގެނެވެ. ރިސޯޓު މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ކުޑަވުމާއި އެ އިނާޔަތް މަހުން މަހަށް ނުދޭ ކަމުގެ ޝަކުވާގެ އަޑު ގަދަވާން ފެށުމުންނެވެ.

ނޫސްވެރިން ކުރިމަތީ އަލީ ވަހީދު ވިދާޅުވި ވާހަކަ އެބަ އޮތެވެ. އެ ވާހަކަ ވަރަށް ސާފެވެ؛ މިނިސްޓަރު ވިދާޅުވި ގޮތުގައި ސާވިސް ޗާޖާ ގުޅޭ ގޮތުން ކުރާ ޝަކުވާއަކީ ރިސޯޓުން ކަނޑާލުމުން ދައްކާ ބަހަނާ އެކެވެ. އަދި އެ ވާހަކަތައް ދައްކަނީ ފޭކު އެކައުންޓުތައް ހަދައިގެން އުޅޭ ބައެކެވެ. ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ރާއްޖޭގެ ވިޔަފާރި ކުންފުނިތައް ނުވަތަ މިކަމަށް އިންވެސްޓް ކޮށްގެން ތިބޭ ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު, ބައެއް ފަހަރު ރިސޯޓުން ކަނޑާލީމަ އެ ކުއްޖާ ދައްކާ ވާހަކަ މެއިން ސްޓްރީމް މިވަނީ," މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މިހެން ވިދާޅުވި އެވެ.

އަލީ ވަހީދު އެހެން ވިދާޅުވި ނަމަވެސް ނުވަތަ މިހާރު ވިދާޅުވާ ގޮތަށް "މީޑިއާތަކުން އެކަން މާނަ އޮޅުވާލައިގެން ރިޕޯޓުކޮށްފައި" އޮތަސް ހަގީގަތަކީ ސާވިސް ޗާޖުގެ މައްސަލަ އެހާ ފަސޭހައިން ހިންދާލެވިގެނެއް ނުވާނެ އެވެ. އެއީ ގައުމަށް އެންމެ ގިނައިން އާމްދަނީ ލިބޭ ސިނާއަތުގައި މަސައްކަތް ކުރާ ބައެއްގެ ވާހަކަ އެވެ. އެތައް މުއައްޒަފުންގެ ހަައްގެއް "ފޫ އަޅާފައިވާ" ނިޒާމެއްގެ ދަށުން ގެއްލިގެން ދާ މައްސަލައެކެވެ. ހަމަ ތައުރީފުން ހިފަހައްޓައިގެން މިކަމުން އަތް ދޫކޮށްލެވޭ ވަރުގެ މައްސަލައެއް ވެސް ނޫނެވެ.

އެ މައްސަލައާ ގުޅިގެން ރިސޯޓު މުއައްޒަފަކު ކުރި ޓްވީޓެއްގައި ބުނި ގޮތުގައި ފޭކު އެކައުންޓުތައް ހަދައިގެން ސާވިސް ޗާޖުގެ ވާހަކަ ދައްކަން ޖެހެނީ ވަޒީފާ ގެއްލޭނެ ކަމުގެ ބިރު އޮތުމުންނެވެ. ރިސޯޓުތަކުގެ މެނޭޖްމަންޓުން ހިންގާ އެފަދަ ވާހަކައެއް ސޯޝަލް މީޑިއާގައި ޖެހި މީހެއްގެ "ދުވަސް ދުއްވާލާ" ކަމަށް އޭނާ ބުނެ އެވެ.

ފޭކް އެކްއުންޓު ބޭނުންކޮށްގެން ޓުވީޓުކޮށް ހަދާ މުއައްޒަފުންނަށް އަލީ ވަހީދު ފާޑު ކިޔާފައިވާއިރު އެ މައްސަލަ ފެންމަތިވެފައި ވަނިކޮށް ހޮނޑާފުށީ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި 11 ޑޮލަރު ދޭ ކަމަށް ފޭކް އެކައުންޓަކުން ޕޯސްޓެއްކޮށްގެން ވަޒީފާ އިން ވަކި ކުރި މީހާއަށް ތިން މަހުގެ މުސާރަ ވެސް ދޭން ނިންމެވީ ވެސް އަލީ ވަހީދެވެ. އޭގެ ފަހުން ސޯޝަލް މީޑިއާގައި ސާވިސް ޗާޖުގެ ރޭޓުތައް އޮއްސަމުން ދިޔަ އެވެ.

ބައެއް މީހުން ބުނާ ގޮތުގައި ޕީކް ދުވަސްވަރު ރިސޯޓުތަކުން ސާވިސް ޗާޖު ކުޑަކޮށް ހިއްލައިލި ނަަމަވެސް ދެން ގިނަ މަސްމަހު 100 ޑޮލަރަށް ވެސް ނާރަ އެވެ. ބައެއް ރިސޯޓުތަކުން ގިނަ މަސް މަހުގައި ސާވިސް ޗާޖު ދޭނެ ކަމަށް ބުނެ އެ ފައިސާ ހިފަހައްޓައިގެން އެތައް މަހެއް އެބަހުއްޓެވެ. މުއައްޒަފުން ވަޒީފާއިން ކެނޑިގެން ދާއިރު ވެސް ހައްގު އާމްދަނީ ނުލިބިގެން އުޅެން ޖެހެ އެވެ.

މި ހުރިހާ މައްސަލައެއް މިހެން އޮތްއިރު އެތައް ރިސޯޓެއް ހިންގަވާ ބައެއް ސިޔާސީ ބޭފުޅުންނާއި ރައްޔިތުންގެ ހައްގުގައި ނިކުންނަވާ ބޭބޭފުޅުން ވެސް ދިފާއު ކުރެއްވީ މިނިސްޓަރެވެ. އަދި ކުއްލިއަކަށް އެހެން މައްސަލައެއެއްގެ ގޮތުގައި އައި ރިސޯޓްތަކުގައި މަސައްކަތްކުރާ ކޮންމެ މުވައްޒިފަކަށް 6.50 ޑޮލަރު ޓީމަށް ދައްކަން މަޖުބޫރުކޮށް ޓުއަރިޒަމް މިނިސްޓްރީން ސިޓީއެއް ދިނުމަށް ޓީމުން އެދެމުންދާ ކަމަށް މިނިސްޓަރު ހާމަކުރެއްވި ހިސާބުން ފުލު ފުލުން ބަޔާންތައް ނެރެ އެ މުއައްޒަފުންގެ ހައްގު ހިމާޔަތް ވެސް ކުރަން ޖެހޭ ޖަމިއްޔާ ޖަމާއަތްތަކުން އަލީ ވަހީދަށް ތައުރީފު އޮއްސަމުން އެބަދެ އެވެ. ދެ އިރު ދެދަޅައަށް އެ ނޫން ވާހަކައެއް ނުދައްކަ އެވެ. ސާވިސް ޗާޖުގެ މައްސަލަ ހަމަ ރަނގަޅަށް ވެސް އޮބިއްޖެ އެވެ.

"... ޓުއަރިޒަމް ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކަކީ މިއަދުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި، އެސިޔާސަތުތައް ތަންފީޒް ކުރުމުގައި ރެއާއި ދުވާލު ވަރު ބަލިކަމެއްނެތި މަސައްކަތް ކުރަމުންދާ ޓުއަރިޒަމް މިނިސްޓަރަށް ނުހަނު އިހުލާސްތެރި ޝުކުރެއް ދަންނަވަން. އަދި އެ މަސައްކަތުގައި އެއްބާރުލުންދޭނެ ބައެއް ގޮތުގައި ސާބިތުވެ ތިބޭނަން," ގެސްޓް ހައުސް އެސޯސިއޭޝަން އިން ބުންޏެވެ.

ޓޫރިޒަމް ދާއިރާގައި ގިނަ އަހަރުތަކެއް މަސައްކަތް ކޮށްފައިވާ މީހަކު ވިދާޅުވީ ސާވިސް ޗާޖު މައްސަލަ "ފޭކް އެކައުންޓެއް" ބޮލަށް ޖަހައިގެން ނުނިންމޭނެ އެވެ. އަދި އެހެން ވާހަތައް ފެން މަތި ކުރުވައި ސަނާ ކިޔައިގެނެއް ނުނިންމޭނެ އެވެ. ރާއްޖޭގައި މަހުޖަނުން އުފައްދާ އަދި އެ މީހުން އެގޮތުގައި ބަލަހައްޓާ އެ ދާއިރާގައި ތިބޭ މުއައްޒަފުންގެ ހައްގުތައް ވެސް އޮންނާނެ އެވެ. އެކަމަކު ބޮޑެތި ބައެއް ރިސޯޓުތަކުގައި ބަރާބަރަށް ސާވިސް ޗާޖު ދިން ނަމަވެސް ގިނަ ރިސޯޓުތަކުގައި ސާވިސް ޗާޖަކީ "ވެރިން ރަނގަޅު ކަމުން ދޭ ހަދިޔާއަކަށް" އޮންނަނީ ހަދާފަ އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނައިން އިވޭ ބައެއް ރިސޯޓުތަކުން ހަމައަށް މުސާރަ ވެސް ނުދީ ދިގު ދަންމާކަން. ރޯދަ އެލަވަންސް ނުދީ ހިފަހައްޓާކަން. އަދި ސާވިސް ޗާޖާ ހަމައަށް ދާއިރު ލޯލާރިއެއް ވެސް ނުދޭ ބައެއް ރިސޯޓުތައް އެބަހުރި. ވަޒީފާގެ ރައްކާތެރިކަމެއް ނޯވޭ. މި ވާހަކަ ވެސް ނަން ޖަހައިގެން ދައްކާފިއްޔާ އެއީ ވެވޭ އެންމެ ބޮޑު ޣައްދާރު. ދެން އޮތީ ވަޒީފާ ދޫކޮށް ދިޔުން. އެހެންވީމަ ފޭކް އެކައުންޓު ހަދަން ރަނގަޅު،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކި އެ މީހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޓޫރިޒަމް މިނިސްޓަރެއްގެ ވާޖިބަކަށް ވާން ޖެހޭނީ ފައިސާވެރިންގެ ހައްގުތައް އެކަނި ހިމާޔަތް ކުރުމެއް ނޫނެވެ. ރިސޯޓު މުއައްޒަފުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުން ވެސް ހިމެނެ އެވެ. ޓޫރިޒަމް ދާއިރާ ވެސް އަދި ސަރުކާރަށް ވެސް ރަނގަޅު އޮތީ އެ ވާހަކަ ދައްކައިގެނެވެ. މިނިސްޓަރު އަލީ ވަހީދު ރަނގަޅަސް، ނަތީޖާ ނެރުއްވިޔަސް ތައުރީފުތަކުން ހަގީގަތް އޮއްބާލައިގެން ނުވާނެ އެވެ.

ސާވިސް ޗާޖުގެ ވާހަކަ ދައްކަން ޖެހެ އެވެ. ރިސޯޓު ވެރިން ބޭނުންވުމުން ވަގުތުން ވަގުތައް މުއައްޒަފު ރަށުން ބޭލުވޭ ގޮތައް އޮތް އޮތުން ބަދަލު ކުރަން ޖެހެ އެވެ. މިނިމަމް ވޭޖް ރޭޓެއް ތައާރަފް ކުރުން އަވަސްކޮށް އެކަން ކުރުމުގައި ވެސް ވިޔަފާރިވެރިންގެ މަސްލަހަތު އިސް ކުރުމުގެ ބަދަލުގައި މުއައްޒަފުންގެ ހައްގުތަކުގައި ހިފަން ޖެހެ އެވެ. މިއީ ހައްތަހާ ވެސް ތައުރީފު ހައްގުވާ ކަންކަމެވެ. އެކަމަކު އެހެން ކަންކަން ނުފޮރުވޭ ގޮތަށެވެ.