އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ދަށުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކަނޑައަޅާފައިވާ އައްޑޫ ސިޓީގެ އިންތިހާބީ ދާއިރާތަކުގެ ނަންތައް އިސްލާހު ކުރިނަމަވެސް އަދިވެސް ބައެއް ރައްޔިތުން ދާއިރާގެ ނަންތަކާމެދު ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.
ކުރިން އިލެކްޝަންސް ކޮމިޝަނުން އާންމުކުރި އިންތިހާބީ ދާއިރާތަކަށް ދީފައިވާ ނަންތަކާމެދު އައްޑޫގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ އެ ސިޓީގެ ރައްޔިތުން ބޭނުންކުރާ ގޮތް ނޫން އެހެން ގޮތްގޮތަށް އެ ދާއިރާތަކަށް ނަން ދީފައިވާތީ އެވެ.
ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ ބައެއް ނަންތަކަށް ބަދަލު ގެނެސްފައެވެ. އަދި މިދިޔަ މަހުގެ 31 ވަނަ ދުވަހު ނަންތަކަށް ގެނެވުނު އިސްލާހުތަކާއެކު ވަނީ ގެޒެޓްކޮށްފައެވެ. ނަމަވެސް އައްޑޫގެ ބައެއް ރައްޔިތުން ގެންދަނީ އަދިވެސް ދާއިރާތަކުގެ ނަންތައް ހުރީ އެ ސިޓީގެ ރައްޔިތުން ކިޔަމުން ގެންދާ ގޮތަކަށް ނޫން ކަމަށް ބުނެފައެވެ.
އަވަސްއާއި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވީ މިމަހުގެ ފުރަތަމަ ދުވަހު އާންމު ކުރެވިފައިވާ ސިޓީތަކުގެ އިންތިހާބީ ދާއިރާތަކުގެ ނަންތަކުގައި އައްޑޫ ސިޓީގެ ދާއިރާތަކުގެ ނަންތަކަށް ބަދަލު ގެނެސްފައިވާނެ ކަމަށެވެ. ނަމަވެސް އަދިވެސް އެ ސިޓީގެ ބައެއް ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން އެކަމާ ގުޅިގެން ކުރަންޖެހޭ މަޝްވަރާތައް ކޮމިޝަނުން ކުރަމުން ގެންދާ ކަމަށެވެ.
ފުއާދު ވިދާޅުވީ ފަހުން ގެނެވުނު ބަދަލަކީ އައްޑޫ ސިޓީގެ ކަމާބެހޭ ފަރާތްތަކާއި އަދި އެ ސިޓީގެ ދުވަސްވީ އަދި އާންމުންގެ ވަރަށް ގިނަ ބައެއްގެ މަޝްވަރާގެ މަތިން ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ ބަޔަކާ މަޝްވަރާކޮށްފައި ނަންތައް ފައިނަލް ކުރީ. ނަމަވެސް މިހާރުވެސް މައްސަލަތަކެއް ހުރިކަމަށްވާނަމަ އެކަންކަން އަޅުގަނޑުމެން ދާނީ ކުރިއަށް އޮތްތާ ރަނގަޅު ކުރަމުން." ފުއާދު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ދާއިރާތައް
- ހިތަދޫ މޫލުކެޑެ އޮޑައްސައު ދާއިރާ
- ހިތަދޫ ކޮރޮވައު ދާއިރާ
- ހިތަދޫ ބޭރުމަތި ދާއިރާ
- ހިތަދޫ މެދުވައު ދައިރާ
- ހިތަދޫ ރަސްގެދަރު ދާއިރާ
- ހިތަދޫ މާމެންދޫ ދާއިރާ
- މަރަދޫ ދާއިރާ
- މަރަދޫ ފޭދޫ ދާއިރާ
- ފޭދޫ، މަގޫދޫ ދާއިރާ
- ފޭދޫ މާދެލަ ދާއިރާ
- ހުޅުދޫ ދާއިރާ
- މީދޫ ދާއިރާ
އައްޑޫ ސިޓީގެ ބައެއް ރައްޔިތުން ބުނީ އެ ސިޓީގެ ބައެއް ދާއިރާތަކަށް ނަން ދީފައިވަނީ އެ ރަށްރަށުގެ މީހުން ކިޔަމުންދާ ނަންނަމުން ނޫން ކަމަށެވެ. އެގޮތުން ހިތަދޫ މޫލުކެޑެ އޮޑައްސައު ދާއިރާގެ ބަދަލުގައި މޫލެކެޑެ ދާއިރާ، ހިތަދޫ މެދުވައު ދައިރާގެ ބަދަލުގައި މެދަވައު ދާއިރާ، ރަސްގެދަރު ދާއިރާގެ ބަދަލުގައި ރަސްގެދަރަ ދާއިރާ އަދި ފޭދޫ، މަގޫދޫ ދާއިރާގެ ބަދަލުގައި މަގުއްދޫ ދާއިރާ ކިޔަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ.
އާންމު ގޮތެއްގައި މި ބަދަލުގައި ހިމެނެނީ ފިއްޔެއްގެ ތަފާތެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އައްޑޫ ސިޓީގެ ރަށްތަކުގައި ދާއިރާގެ ނަންތަކަށް ދީފައިވާ ނަންތަކާމެދު ހިޔާލު ތަފާތުވެފައިވާ ކަމަށާ ކޮމިޝަނުން މިހާރު ދީފައިވާ ނަންތަކާމެދުވެސް ހިތްހަމަޖެހޭ އަދި ބަދަލެއް ގެންނަން ނުޖެހޭ ކަމަށް ބުނާ ރައްޔިތުންވެސް އެބަތިބި ކަމަށެވެ. އެހެން ކަމުން ބަދަލުތައް ގެނަމުގައި ގިނަ ބައެއްގެ ވިސްނުމަށް ބަލާނެ ކަމަށެވެ.