ޖުމްހޫރީ ޕާޓީ

ޖޭޕީންވެސް ހުރިހާ ގޮނޑިތަކަށް ވާދަކުރަން ނިންމައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީން ހުރިހާ ގޮނޑިތަކަށްވެސް ވާދަކުރުމަށް ނިންމައިިފި އެވެ.

އެ ޕާޓީން މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލްވުމުގައެވެ. އެ ބައްދަލްވުމުގައި ނިންމި ނިންމުންތަކާއި ގުޅޭގޮތުން މިރޭ އަވަސްއާއި ވާހަކަދައްކަމުން އެޕާޓީގެ އިސް ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކުގެ ހުރިހާ ގޮނޑިއަކާއި، ސިޓީ އަދި އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ކައުންސިލް އިންތިހާބާއެކު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށްވެސް ޖޭޕީގެ ކެންޑިޑޭޓުން ނެރުމަށް ނިންމާފައިވާ ކަމަށެވެ.

އަލީ ސޯލިހް ވިދާޅުވީ ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް ހޯމަ ދުވަހުން ފެށިގެން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީންވެސް ވަނީ ހުރިހާ ގޮނޑިތަކަށް ކުރިިމަތިލުމަށް ނިންމާފައެވެ. އަދި އިދިކޮޅު ޕީޕީއެމުންވެސް ވަނީ ހުރިހާ ގޮނޑިތަކަށް ކުރިމަތިލުމަށް ނިންމާފައެވެ.

2020 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބު

  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 372
  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު 372 (އަންހެން، ފިރިހެން)
  • ރަށު ކައުންސިލްތަކުން ރައީސުންގެ އަދަދު 179
  • ރަށު ކައުންސިލްތަކުގެ ޖުމްލަ އަދަދު 923
  • ސިޓީތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 12
  • ސިޓީ ކައުންސިލަރުންގެ އަދަދު 24 (އަންހެން، ފިރިހެން)
  • ސިޓީ ކައުންސިލްގެ މޭޔަރުންގެ އަދަދު 3
  • ސިޓީތަކުގައި ޖުމްލަ ތިބޭނެ އަދަދު

ލޯކަލް ކައުންސިލް އިންތިޚާބު 2020 ގައި 980 މީހަކު އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.