ދަރުބާރުގެ ބިއްދޮށުން އޮންނަ އުސްފަސްގަނޑަކީ ރާއްޖޭގެ ތާރީހާ ގުޅިފައިވާ މުހިންމު ސަރަހައްދެކެވެ. އަދި ފަހުގެ ތާރީހުގައި ރާއްޖެ ތަޖުރިބާކުރި ސިޔާސީ ހަލަބޮލި ކަމުގައި ވެސް ފާހަގަ ކޮށްލެވޭ ތަނެކެވެ.
އުސްފަސްގަނޑު ބަންދުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ހެދުމުގެ މަސައްކަތަށެވެ. އުސްފަސްގަނޑުގައި ފެންސް ޖަހާ އެ ސަރަހައްދުގައި އޮފީސް އިމާރާތްތަކާއި އެހެނިހެން ފެސިލިޓީޒްތަކާއެކު މިހާތަނަށް ދިރިއުޅެމުން ގެންދިޔައީ ބްރިޖްގެ މަސައްކަތަށް ރާއްޖެ އައި ޗައިނާގެ ސީސީސީސީގެ މަސައްކަތްތެރިންނެވެ.
ބްރިޖްގެ މަސައްކަތް ނިމި، އާންމުންނަށް ބްރިޖް ހުޅުވާލިތާ އަހަރު ދުވަސްފަހުން އުސްފަސްގަނޑުގައި ހަދާފައިވާ ތަންތަން ރޫޅާލަން ވަނީ ފަށާފައެވެ. އެތާނގެ ގެތަކާއި އޮފީސް ބަޔާއި ރެސްޓޯރެންޓްތައް ރޫޅާލައި ފެންސްތައް މުޅިން ނައްޓާލާ އުސްފަސްގަނޑު އަލުން ރޭ ވަނީ ހުޅުވާލާފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމުން އެމްޑީޕީގެ ސިޔާސީ ހަރަކާތުގެ މައި ބިމަކަށް ވެގެން ދިޔައީ އުސްފަސްގަނޑެވެ. ފެބްރުއަރީ 8، 2012 ގައި އެމްޑީޕީން ވަނީ “އިންސާފުގެ ދަތުރު” ގެ ނަމުގައި ހެންވޭރުކޮޅުގައި ސިޔާސީ ކޭންޕެއް ޖަހާފަ އެވެ.
މަސްތަކަކަށްފަހު ރައީސް ވަހީދުގެ ސަރުކާރުގެ ދުވަސްވަރު ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ރޫޅާލާ، އެމްޑީޕީގެ ސަޕޯޓަރުން ފައްސާލުމުން އެމްޑީޕީގެ ސިޔާސީ ހަރަކާތް ކުރިއަށް ގެންދިޔައީ އުސްފަސްގަނޑުގަ އެވެ.
އެދުވަސްވަރު އުސްފަސްގަނޑުގައި ޖަލްސާ ބޭއްވުމާއި، ކާޅު ހިފައި ކޮށި ހަދައިގެން އެމްޑީޕީގެ ސަޕޯޓަރުން ވަނީ ގެންގުޅެފައެވެ. ކޮށިކޮށީގައި ބަންދުކޮށްގެން ކާޅު ގެންގުޅެފައިވަނީ ރައީސް ވަހީދަށް ފުރައްސާރަ ކުރުމުގެ ގޮތުންނެވެ.
އޭގެ ފަހުން ރަައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ކޮޅު އުސްފަސްގަނޑު ބޭނުން ކުރެވުނީ ގާޑިޔާގެ ވިޔަފާރި އާއި، މަޑިއެރުވުމާއި، ސްކޭޓް ކުރުން ފަދަ ކުޑަކުދިންގެ ކުޅިވަރުތަކަށެވެ.
ސިނަމާލެ ބްރިޖާ، މި ސަރުކާރުން ތަރައްގީ ކުރަމުންދާ ޖަޒީރާ ޕާކާއެކު މުޅި އެ ސަރަހައްދަށް ނަލަކަން ގެނެސްދީފައިވާއިރު، އުސްފަސްގަނޑު ވެސް ހިތްފަސޭހަ ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރެވުމުން އެ ސަރަހައްދަށް އިތުރު ހިތްގައިމު ކަމެއް ލިބިގެންދާނެ އެވެ.