ވިޔަފާރި

އައްޑޫގައި ގޭދޮށު މަސް ފެކްޓްރީ ހަދަން ކޮންސެލްޓެންޓެއް ހޯދަނީ

Jan 6, 2020

އައްޑު އަތޮޅުގެ ތިން ރަށެއްގައި ގޭދޮށު މަސް ޕްލާންޓު ހަދަން ކޮންސެލްޓެންސީ ދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އިދާރާއިން ބުނީ އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގެ ތިން އަވަށެއްގައި ގާއިމްކުރާ "ގޭދޮށު މަސް ޕްލާންޓް" ގާއިމު ކުރުމުގެ މަސައްކަތަށް ކޮންސެލްޓެންސީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން ކުރިންވެސް އިއުލާނު ކޮށްފައިވާ ކަމަށެވެ، ނަމަވެސް އެފަހަރު އެ މަސައްކަތަށް އެއްވެސް ފަރާތެއް ކުރިމަތިލާފައި ނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާނު ކުރީ ކަމަށެވެ

މި މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތް ތަކުން ބިޑް ހުށަހެޅުމުގެ ސުން ގަޑިއަކީ މި މަހުގެ އަށް ވަނަ ދުވަހެވެ.

ގޭދޮށު މަސް ފެކްޓްރީ ގާއިމް ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ގޭދޮށު މަސް ފެކްޓްރީއަކީ ރަށްރަށުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސް ގަންނަން ހަދާ ކުދިކުދި ފެކްޓްރީ ތަކެކެވެ. ގޭދޮށު މަސް ފެކްޓްރީގައި މަސައްކަތް ކުރާ މީހުންގެ 55 ޕަސެންޓަކީ ދިވެހިން ކަމަށްވުން ލާޒިމްކޮށް މަސްވެރިކަމުގެ ގާނޫނުގައިވެ އެވެ. މި ބާވަތުގެ މަސް ފެކްޓްރީ ހަދަން ހުއްދަ ދޫކުރެވޭނީ ގިންތި ކޮށްގެންނެވެ.