ހަބަރު

ކަރެކްޝަންގެ ވާހަކަ އައިސީއެސް ދޮގުކޮށްފި

މިދިޔަ ހުކުރު ދުވަހުން ފެށިގެން މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ނެރުނު ބަޔާނުގައިވާ ވާހަކަތައް އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް (އައިސީއެސް) އަހުމަދު މުހައްމަދު ވެސް ދޮގު ކުރައްވައިފި އެވެ.

އައިސީއެސްއަކީ ޖަލުތައް ބަލާ ފާސް ކުރުމަށް ހޯމް މިނިސްޓަރާ އެއްވަރުގެ ބާރެއް ގާނޫނުގެ ދަށުން ދީފައިވާ ވަކި މަގާމެކެވެ.

އަހުމަދު މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށީ ޖަލު އޮފިސަރުންނާއި ރިމާންޑް ބަންދުގައި ތިބި މީހުން ދެމެދު ހިތްހަމަ ނުޖެހުންތަކެއް ހުރިކަން އެނގިގެން އެކަން މޮނިޓާ ކުރަމުން ގެންދެވި ކަމަށެވެ. އެކަންކަން އޮޅުން ފިލުވުމަށާއި ގޮޅިތައް ބަލާ ފާސް ކުރަން ކަރެކްޝަންސްގެ ސީޕީގެ އެދުމަށް އިއްޔެ މާފުށީ ޖަލަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ. އިއްޔެގެ ސާޗް އޮޕަރޭޝަން ކުރިޔަށް ގެންދިޔުމަށް ބަންދު މީހުން ހުރަސް އެޅުމުން ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އައިސީއެސްގެ ނަން ބޭނުން ކޮށްގެން މީޑިއާތަކަށް ދީފައި ވަނީ ދޮގު މައުލޫމާތު ކަމަށެވެ.

"އިއްޔެ ހިނގި ކަންކަމުގެ ހަގީގަތް އޮޅޭ ގޮތައް އައިސީއެސްގެ ނަން ބޭނުން ކޮށްގެން މީޑިއާއަށް މައުލޫމާތު ހިއްސާކޮށްފައި ވުމަކީ ކަންބޮޑުވުމެއް،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

ކަރެކްޝަންސް އިން ނެރުނު ބަޔާނުގައި ބާރުގެ ބާނުން ކުރި ކަމަކަށް ނުބުނެ އެވެ. އެ އިދާރާއިން ބުނީ ގައިދީންނަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އަދި ފުލުހުން މާފުށީ ޖަލަށް ދިޔައީ އެ ގައިދީންގެ މައްސަލައެއް ތަހުގީގު ކުރަން ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.

އައިސީއެސްގެ އިތުރުން ފުލުހުން ވެސް ވަނީ އެކަން ދޮގު ކޮށްފަ އެވެ. ފުލުހުން ބުނީ އެއްވެސް މައްސަލައެއް ތަހުގީގު ކުރަން މާފުށީ ޖަލަށް އިއްޔެ ގޮސްފައި ނުވާނެ ކަމަށެވެ. ފުލުހުން ދިޔައީ މުނާޒްގެ އެދިލެއްވުމަކަށް ބައްދަލުވުމަކަށް ކަމަށް ފުލުހުން ބުންޏެވެ.