މި ސީޒަންގައި ޓީސީ އަށް ކުޅެމުން ގެންދިޔަ، މިޑްފީިލްޑާ އިބްރާހިމް އައިސަމް (ޓޯނީ) މާޒިޔާއަށް ސޮއިކޮށްފި އެވެ.
ގައުމީ ޓީމުގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ޓޯނީ މާޒިޔާއަށް ސޮއި ކުރީ ތިން އަހަރާއި ބައިގެ މުއްދަތަކަށެވެ. އޭނާ އަކީ ޖަނަވަރީ ޓްރާންސްފާ ޕީރިއަޑްގައި މާޒިޔާ އަށް ގެނައި ދެ ވަނަ ކުޅުންތެރިޔާ އެވެ. މާޒިޔާއިން ވަނީ ކުރިން އަފްގާނިސްތާންގެ ޑިފެންޑަރު ޝަރީފް މުހައްމަދު ލައްވައި ސޮއި ކުރުވާފަ އެވެ.
ޓޯނީ ފުރަތަމަ ޑިވިޝަންގެ ކެރިއާ ފެށީ ކުލަބު އީގަލްސްއިންނެވެ. މެދުކެނޑުމަކަށް ފަހު އަލުން މި ސީޒަންގައި ުރަތަމަ ޑިވިޝަނުން ޓީސީއަށް އޭނާ ކުޅެން ފެށި އެވެ. ގައުމީ ޓީމުގެ ސްކޮޑުން އޭނާ އެންމެ ފުރަތަމަ ޖާގަ ހޯދީ މިދިޔަ އަހަރު ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގަ އެވެ. އެ މުބާރާތުން ދެއްކި ކުޅުމާއެކު ގައުމީ ޓީމުން ބަރާބަރަށް ޖާގަ ހޯދަން ފެށި އެވެ.
ގައުމީ ޓީމުގައި ޓޯނީގެ އެންމެ ހާއްސަ މެޗަކީ، ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ގުއާމް އާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗެވެ. ގައުމީ ޓީމުގެ ސީނިއާ މިޑްފީލްޑަރުން ކަމަށްވާ ހުސައިން ނިހާން (ނިހާޓް) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ގުއާމްގެ ދަތުރުގައި ބައިވެރި ނުވެވުމުން ގައުމީ ޓީމުގެ އޭރުގެ ކޯޗް ޕީޓާ ޝެގަޓް މިޑްފީލްޑްލައިނުން ފުރުސަތު ދިނީ ހަމްޒާ މުހައްމަދު (ހަމްޕް) އާއެކު ޓޯނީ އަށެވެ. ޕްރެޝާ ބޮޑު މެޗެއްގައި ޓޯނީ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ މެޗުގައި އޭނާ ވަނީ ފަހަތަށް ޖެހިގެން ޑިފެންސިވް މިޑްފީލްޑަރެއްގެ ދައުރުވެސް އަދާ ކޮށްފަ އެވެ.
މާޒިޔާއިން ޓީމު ވަރުގަދަ ކުރަނީ އޭއެފްސީ ކަޕް ކޮލިފިކޭޝަނަށް ތައްޔާރު ވުމަށެވެ. އޭއެފްސީ ކަޕްގެ ދަތުރު މާޒިޔާ ފަށަން ޖެހޭނީ ޕްރިލިމިނަރީގެ ދެ ވަނަ ބުރުންނެވެ. އެ ބުރުގައި މާޒިޔާއިން ނުކުންނާނީ ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އާ ދެކޮޅަށެވެ. މާޒިޔާއިން ވަނީ 2017 ވަނަ އަހަރު އޭއެފްސީ ކަޕްގައި ޑާކާ އަބާހަނީ ބަލި ކޮށްފަ އެވެ.
އަބާހަނީ އާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގް މެޗު އޮންނާނީ ޑާކާގަ އެވެ. އެ މެޗު ކުޅޭނީ އަންނަ މަހު ފަސް ވަނަ ދުވަހު އެވެ. ދެ ވަނަ ލެގް މެޗު މާލޭގައި އޮންނާނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ. ޕްރިލިމިނަރީ ދެ ވަނަ ބުރުން މޮޅުވާ ޓީމެއް ވާދަ ކުރަނީ ޕްލޭ އޮފް ބުރުގަ އެވެ.
ޕްލޭ އޮފް ބުރަށް ކޮލިފައިވާނެ އަނެއް ޓީމެއް ކަށަވަރު ވާނީ ޕްރިލިމަނަރީގެ އެއް ވަނަ ރައުންޑުން ކޮލިފައިވާ ޓީމާ ދެކޮޅަށް އިންޑިއާގެ ބެންގަލޫރު އެފްސީ، ކުޅޭ މެޗުންނެވެ. ޕްރިލިމިނަރީގެ އެއް ވަނަ ރައުންޑްގައި ވާދަ ކުރަނީ ލަންކާގެ ޑިފެންޑާސް އާއި ބޫޓާންގެ ޕަރޯ އެވެ. ދެ ލެގް މެޗުން މޮޅުވާ ޓީމެއް ވާދަ ކުރާނީ ބެންގަލޫރު އެފްސީ އާ ދެކޮޅަށެވެ.
ޓޯނީގެ ކުރީގެ ޓީމު ޓީސީ ސްޕޯޓްސް ކުލަބު ވާދަ ކުރާނީ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގަ އެވެ. އޭއެފްސީ ކަޕަށް ތައްޔާރު ވުމަށް ރާއްޖޭގެ ސީނިއާ ކުޅުންތެރިންތަކެއް އެ ޓީމަށް ގެނައުމަށް ޓީސީން ދަނީ މަސައްކަތް ކުރަމުންނެވެ.