ރިޕޯޓް

ޓޫރިޒަމާއި ދިވެހިންގެ އޮޅުންބޮޅުން!

ޓޫރިޒަމަކީ ދިވެހި އިޤްތިޞާދުގެ މައި ލޭނާރެވެ. ދިވެހި ގިނަ ސިނާއަތްތަކުގެ ދިރުން ގުޅި ލާމެހިފައިވާ ނާރެހެވެ. ވަސީލަތްތައް މަދު މި ރާއްޖޭގައި އުފެދިފައި ހުރި ވަޒީފާތަކުގެ ސިންގާ އެވެ. ޓޫރިޒަމް ފެށިގެން އައި ދުވަސްވަރާ އަޅާބަލާ ނަމަ، މިއަދު މިވަނީ ފަތުރުވެރިކަމުގެ ސިނާއަތް ތަފާތު ހާލަތެއް ގިރާ ކުރަންޖެހިފަ އެވެ. ވަޒީފާއަދާ ކުރާ ދިވެހިންނަށް ފަހި ފުރުޞަތުތަކެއް ލިބޭނެ އިންތިޒާމްތަކެއް ލިބުމަށް ވަކާލާތު ކުރާ ވަރުގަދަ އޮއިވަރެއް ހުރަސް ކުރަން ޖެހިފައެވެ. މި އޮއިވަރު ވަނީ ދިވެހިރާއްޖޭގެ ސިޔާސީ ފަރާތްތަކަށް އޮތް އެންމެ ހައްސާސް މައްސަލައެއްގެ ގޮތުގައި ވެފައެވެ.

ރިޔާސީ އިންތިހާބަކާ ދިމާވާއިރު، ވެރިއެއްގެ ބަހާ ޢަމަލާ ދިމާވާ މިން ކަނޑައަޅާ އެއް ކަމެއްގެ ގޮތުގައެވެ. އެއްކޮޅުން މިކަމުގައި ތިބީ ވަޒީފާ އަދާކުރާ ފަރާތްތެކެވެ. އާންމު ފަރުދުންގެ ގިނަ ބަޔެކެވެ. އެފަރުދުންގެ ފަހަތުގައިތިބި ގިނަ ޢާއިލާތަކެކެވެ. އަދި ހަމަ މިފަރާތްތަކުގެ ޙައްޤުތަކުގެ އަޑު އެއް އަޑެއްގެ ގޮތުގައި އިއްވާ ޖަމިއްޔާތަކެވެ.

މިކަމުގެ އަނެއްކޮޅުގައި ތިބީ ރިސޯޓު އޯނަރުންނެވެ. އެންމެން އެ ބަޔަކަށް ނިސްބަތް ކުރާ "މަހުޖަނުން" ނެވެ. ފަތުރުވެރިކަން ފެށިގެން އައިސް ގިނަ އަހަރުތަކަކާ ހަމައަށް އިނގިލިން ގުނާލެވޭހާ މަދު ބަޔެކެވެ. ނަމަވެސް، ދަޢުލަތުގެ ސިޔާސަތުތައް އެކަށައެޅުމުގައި ނުފޫޒު ގަދަ ބައެކެވެ. ތަރައްޤީ ބައްޓަން ކުރުމުގައި ކޮންމެ ޤައުމަކަށް ވެސް އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ މިބުނާ މަހުޖަނުންގެ އަދަދު މުޖުތަމަޢުގައި އިތުރުކުރެވޭނެ ގޮތްތައް ތަންފީޒުކުރުމެވެ. އެންމެނަށް އާމްދަނީގެ ފަރަޤު ކުޑަކުރެވޭނެ ގޮތްތަކެއް ތަންފީޒު ކުރުމެވެ. ތަޙުޒީބު އިޤްތިސާދު ބައްޓަން ކުރުމުގެ މައި އަޞާސް ކަމުގައި ބުނާ "ކެޕިޓަލިޒަމް" ގެ ގިނަ ފަހަރު އެންމެ ބޮޑު ބަލިފަޔަކަށް ވަނީ މަދު ބައެއްގެ އަތްމައްޗަށް ގިނަ ޤައުމުތަކުގެ މުއްސަނދިކަން ޖަމާވުމެވެ.

ދިވެހި މަސައްކަތްތެރިންގެ ބޮޑު ޝަކުވާއަކީ ރާއްޖޭގެ ރިސޯޓުތަކުގައި ދިވެހިންނާއި ބިދޭސީންނާއި ދެމެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމުގެ ޝަކުވާއެވެ. އެއްވަޒީފާއެއްގައި ގެންގުޅޭ ދިވެއްސަކާއި ބިދޭސީ މީހާގެ މުސާރައިގެ ތަފާތުކުރުމުގެ ވާހަކައެވެ. ވަޒީފާގެ ކުރިއެރުން ދިވެހިންނަށް ނުދޭ ވާހަކައެވެ. ޤާބިލުކަން މިނެކިރުމުގައި ދިވެހިމީހާގެ އަތުގައި ކިތަންމެ ބޮޑު ފާހެއް އޮތަތަސް ނުވަތަ ތަޖުރިބާ ހުރިކަމުގައި ވިޔަސް ބިދޭސީމީހާއަށް އިސްކަންދޭ ވާހަކައެވެ. މިކަމުގެ ހަޤީގަތަތަކީ ކޮބައިހެވެ؟

ފަތުރުވެރިކަމުގައި ޝާމިލްވެ އުޅޭ ފަރާތެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ފާހަގަވާ ކަމަކީ މިކަމުގައި ހަޤީގަތެއް ވާކަމެވެ. މި ދާއިރާގައި އަޅުގަނޑުގެ ދަށުން ތަމްރީނު ލިބިފައިވާ އެތައް ސަތޭކަ ކުދިންއެއްގެ ފަރާތުން އަޅުގަޑު މި ޝަކުވާ އަޑުއަހަމެވެ. ނަމަވެސް މިކަމުގައި އަޅުގަނޑުގެ ނަޒަރިއްޔާތު ތަފާތެވެ. ފަތުރުވެރިކަމުގެ ވިޔަފާރިތަކުގެ މަސްޢޫލުވެރިންގެ އިޙްމާލާއި ކުރާ ބޭއިންސާފު ކަންތައްތަކުގެ އިތުރުން، ދިވެހި މަސައްކަތްތެރިންގެ ބައެއް ފަރާތުން ފެންނަ މައްސަލަތައް މިކަމުގައި އެބައޮތެވެ.

ފަތުރުވެރިކަމުގައި މަސައްކަތްކުރާ ދިވެހި ރަނގަޅު އެތަކެއް މަސައްކަތްތެރީންނެއް އެބަތިއްބެވެ. އިސް މަޤާމު ތަކުގައި ވެސް އެބަތިއްބެވެ. އެފަރާތްތަކުގެ ކާމިޔާބުގެ އަސްލަކީ ކެތްތެރިކަމާއި އިޙްލާސްތެރި ކަމެވެ. ރަނގަޅު އަޙްލާގެވެ. ކަމަށް ކަމޭ ހިތުމެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ޔުނިވާސަލް، ޗަމްޕާ، ވިލާ ފަދަ ކުންފުނިތަކުގައި މިގޮތުގައި ހީވާގި ކަމާއެކު ހަރަކާތްތެރިވާ އެތަކެއް ދިވެހިންއެއް ވެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގައި ދިވެހިން އިތުރު ކުރުމަށް ތަފާތު ގިނަ ގޮންޖެހުންތައް އެބަހުއްޓެވެ. އެއްކަމަކީ މި ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ދިވެހި ވިޔަފާރިވެރިން ދިވެހިންނާ ދޭތެރޭ ދެކޭގޮތް ތަފާތުވުމެވެ.

މިދާކަށް ދުވަހު އަޅުގަނޑާ ދިމާވި ފަތުރުވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން އިސް މަޤާމެއްގައި މަސައްކަތްކުރާ ފަރާތެއްގެ ކަންބޮޑުވުމަކީ ދިވެހިން އެންމެ އިސް ވަޒީފާތަކަށް ނެގުމުގައި ރިސޯޓުތަކުގެ ވެރިން ތަފާތުކުރާ ވާހަކައެވެ. އަދި ހަން ދޮން އެއްވެސް ތަޖުރިބާއެއް ނެތް ޔޫރަޕު ފަރަންޖީއެއް ނަމަ، އެފަދަ ފަރާތްތަކަށް ވަޒީފާ ފަސޭހައިން ލިބުމުގެ އިތުރުން، ބޮޑެތި މުސާރަތައް ލިބުމުގެ ވާހަކައެވެ.

މި މައްސަލައިގެ އަނެއްކޮޅުގައި އޮތީ މިދާއިރާގެ ވިޔަފާރިވެރިންގެ މެދުގައި މިކަމުގައި ކަންބޮޑުވުންތަކެވެ. އަޅުގަނޑު އާންމުކޮށް ކުރިން ގޮސް އުޅޭ މާލޭ ކައިރި ރިސޯޓަކަށް މި ފަހުން ދިޔުމުން ފެނުނީ ތަފާތު އެހެން މަންޒަރެކެވެ. ރިސެޕްޝަނުން ފެށިގެން ވެއިޓަރުންނާއި ހަމައަށް މުޅީންހެން ފިލިޕީންސް މުވައްޒަފުން ހަރަކާތްތެރިވާތަނެވެ. މިއީ މީގެ އަހަރުތަކެއް ކުރީން މި ރިސޯޓުގައި ހުސް ދިވެހިން ތިބި ވަޒީފާތަކެވެ.

ރިސޯޓުގެ އިސްވެރިއެއް ކައިރިން އަޅުގަނޑު މިބަދަލުގެ ވާހަކަ އަހާލުމުން ބުނި ގޮތުގައި ދިވެހިން ވަޒީފާގައި ހަރުލެއްވުމަކީ ދަތި އުނދަގޫ ކަމެކެވެ. އަޅުގަނޑު ދެކޭގޮތުގައި މިކަމުގައި ކޮންމެވެސް ވަރެއްގެ ހަޤީގަތެއް ވެއެވެ. ނަމަވެސް، ރިސޯޓުތަކުގެ ވެރިންވެސް މިކަމުގެ އަސްލު ދެނެގަނެ، ހަރުދަނާ ކުރަންޖެހޭ ކަންކަންވެއެވެ.

ޙައްލަކީ ކޮބާ؟

ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރި ވަޒީފާތަކުގެ މައްސަލައަކީ ދިވެހިރާއްޖޭގެ އިޖްތިމާއީ ގޮތުން ހަމަމަގަށް އެޅުވުމަށް ކުރަންޖެހޭ މަސައްކަތެކެވެ. މިވަގުތަކީ ފަތުރުވެރިކަމުގެ ވަޒީރަށް މިކަމުގައި އިނގިލި ދިއްކުރެވެމުން ދާ ވަގުތެކެވެ. އަޅުގަނޑު ދެކޭ ގޮތުގައި ވަޒީފާގެ މި މައްސަލަ ޙައްލު ކުރުމުގެ ފުރަތަމަ ފިޔަވަޅު ފެށެނީ ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިންނެވެ. ފަތުރުވެރިކަމުގެ ޤަވާއިދަށް ބަލާނަމަ ރާއްޖޭގެ ރިސޯޓެއްގެ ޖުމުލަ ވަޒީފާގެ 45 ޕަސެންޓް ވާންޖެހެނީ މަދުވެގެން ދިވެހިންކަން ކަނޑައަޅަން ޖެހެއެވެ. ނަމަވެސް، ގިނަ ފަހަރު މިއަދަދުތަކަކީ ބައެއް ރިސޯޓުތަކުން އޮޅުވާލާ އަދަދުތަކެވެ. އަނެއްބައިފަހަރު މިއަދަދު ހާމަކުރަނީ އެންމެ އާދައިގެ ވަޒީފާތަކަށް ދިވެހިން ހޮވައިގެނެވެ.

މި މައްސަލަ ހައްލު ކުރުމަށް މިހާރު އޮތް ވަޒީފާގެ 45 ޕަސެންޓް ކަނޑައަޅާއިރު ރިސޯޓުތަކުގެ އެންމެ އިސް މެނޭޖްމަންޓާއި މިޑްލް މެނޭޖްމަންޓް އަދި އާދައިގެ ވަޒީފާގެ ހިމެނޭ ކޮންމެ ގިންތިއެއްގައި ވަކި ޕަސެންޓެއް ދިވެހިން ކަމަށް ކަނޑައެޅިދާނެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގައި ބަލަހައްޓަމުންދާ މުވައްޒަފުންނާބެހޭ ތަފާސް ހިސާބުގެ އަލީގައި ރިސޯޓުތަކުގެ ހިންގުމަށް ބޮޑު ލޮޅުމެއް ނާންނަ ފަދަ ގޮތަށް މި ބަދަލު ތަންފީޒު ކުރެވި ދާނެވެ. ހަމައެހެންމެ، ސިޔާސަތު އެކަށައެޅުމަށްފަހު ކަނޑައެޅުނު މިންގަޑަށްވުރެ ބިދޭސީން އިތުރަށް ގެންގުޅޭ ފަރާތްތައް ކޮންމެ މަހަކު އެއްފަހަރު ޖޫރިމަނާކޮށް، މި ފައިސާއިން ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ތަޢްލީމާއި ތަމްރީނު ކުރުމަށް ފަންޑެއް ޤާއިމް ކުރެވިދާނެ އެވެ.

ދެން އޮތީ ވަޒީފާގައި ދިވެހިން ހަރުލެއްވުމަށް ރިސޯޓުތަކުން ގެންނަންޖެހޭ އިސްލާހެވެ. ފަތުރުވެރިކަން ފެށިގެން އައިދުވަސްވަރު މިދާއިރާގެ ހުރި އެންމެ އާދައިގެ ވަޒީފާތަކުގެ މުސާރައަކީ ގާތްގަނޑަކަށް މަހަކު 700 ރުފިޔާއެވެ. ސާވިސް ޗާރޖަކީ ވަރަށް ފަހަކާޖެހެންދެން ވެސް އަދި ހަމަ މިހާރު ވެސް ބައެއް ރިސޯޓުތަކުގައި ހަމަޔަށް ނުލިބޭ އެކަމަކު ފަތުރުވެރިންގެ އަތުން މުވައްޒަފުންނަށް ދޭން ނެގޭ ފައިސާ އެވެ.

މި މައްސަލަ ޙައްލުކުރުމަށް ފަތުރުވެރިކަމުގެ މަސައްކަތްތެރީންގެ ޙައްޤުތައް ހިމާޔަތްކޮށްދޭ ވަކި ޤާނޫނެއް ތައާރަފްކުރަން ޖެހެއެވެ. އަދި މިފަދަ ޤާނޫނެއްގައި ސާވިސް ޗާޖަކީ މުވައްޒަފުންނަށް ހާމަކަން ބޮޑު، ރަނގަޅު އިންތިޒާމެއްގެ ތެރެއިން ލިބޭ އެއްޗަކަށް ވާންޖެހެއެވެ. އަދި މިއާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަންޖެހެއެވެ. މީގެ އިތުރުން، ވަޒީފާގައި މުވައްޒަފުން ހަރުލެއްވުން އިތުރު ކުރުމަށް ކާމިޔާބު ގޮތްތައް ދެނެގަނެ އެފަދަ ގޮތްތައް ތަޢާރަފު ކުރަން ޖެހެއެވެ. އަޅުގަނޑަށް ފެންނަ ބައެއް ރިސޯޓްތަކުގައި މިހާރުވެސް މިފަދަ އިންތިޒާމްތައް ވަރަށް ރަނގަޅަށް ކުރިއަށް ގެންދެއެވެ.

މިގޮތުން، ކެއިންބުއިމުގައި އެކި ގިންތީގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅުމާއި، އެފަރާތްތަކަށް ފެންވަރު ރަނގަޅު އެކޮމޮޑޭޝަން ދިނުމާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ގުޅުން އަލާކުރުމަށް ރަނގަޅު ސްޓާފް ހަރަކާތްތައް ހިންގުމުގެ އިތުރުން ޗުއްޓީ ދިނުމުގައި ލުއި ގޮތްތައް އިންތިޒާމްކޮށް ދެއެވެ. އަދި ހަމައެހެންމެ، މެނޭޖްމަންޓްގެ އިސްފަރާތްތަކާ އާދައިގެ މުވައްޒަފުންނާ ދެމެދު ގާތްރަޙްމަތްތެރިކަމުގެ ގުޅުން އާލާކުރުމަށް ގިނަ މަސައްކަތްތައް ކުރެއެވެ.

ހަމަމިއާއެކު، ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފެންވަރު ރަނގަޅު މުވައްޒަފުންގެ ސަޕްލައި ދެމެހެއްޓެނިވި ގޮތުގައި ހިފެހެއްޓުމަށް މިދާއިރާއިން މަތީ ތަޢްލީމު ލިބޭނެ ދުނިޔޭގެ ފެންވަރުގެ އިންސްޓިޓިއުޓެއް ރާއްޖޭގައި ޤާއިމުވާން ޖެހެއެވެ. މިފަދަ އިންސްޓިޓިއުޓެއް ޤާއިމު ކުރުމަށް ވޭތުވެ ދިޔަ ސަރުކާރުތަކުން ވަނީ މަސައްކަތްތަކެއް ކުރެވި ވުޖޫދަށް ނުގެނެވި އެވެ. ނަމަވެސް، ޙަޤީގަތަކީ މިފަދަ އިންސްޓިޓިއުޓަކީ ރަނގަޅު މޮޑެލްއެއްގެ ތެރެއިން ކާމިޔާބު ކަމާއެކު ވުޖޫދަށް ގެނެވިދާނެ ތަންތަނެވެ.

ދެން އޮތީ ރިސޯޓު އޯނަރުންގެ ހައްޤުތަކުގެ ވާހަކައެވެ. ޤައުމެއް ކުރިއަށްގެންދިޔުމުގައި ޢާންމު ފަރުދުންގެ އިތުރުން ވިޔަފާރި ކުންފުނިތަކުގެ ހައްޤުތަކަކީ ހަމަހަމަގޮތެއްގައި ކޮންމެ ދަޢުލަތަކުން ވެސް ހިމާޔަތްކޮށްދޭން ޖެހޭނެ ކަންތައްތަކެވެ. ނަމަވެސް، ގިނަފަހަރު ގިނަބަޔަކަށް ޤަބޫލު ކުރެވެނީ އާންމު ފަރުދުންގެ ހައްޤުތަކަށްވުރެ ވިޔަފާރި ކުންފުނިތަކުގެ މަސްލަހަތު ދަޢުލަތުން އިސްކުރާކަމުގެ އިޙްސާސެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް އާންމުން މިކަމުގައި އަދި ބޮޑަށް ކަޅި އަޅައެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބަލާ ނަމަ މި ސިނާއަތު މިވަނީ ވަރަށް ބޮޑު ވާދަވެރިކަމެއްގެ ތެރެއަށް ހުށަހެޅިފައެވެ. ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރިސޯޓުތަކުގެ އޮކިއުޕެންސީ އައީ އެވްރެޖްކޮށް 2.7 ޕަސެންޓް ދަށްވަމުންނެވެ. ރިސޯޓުތަކުގެ ވާދަވެރި ގެސްޓު ހައުސްތަކުގެ އޮކިއުޕެންސީ އަންނަނީ މި މުއްދަތުގައި އެވްރެޖްކޮށް 40 ޕަސެންޓް ކުރިއަރަމުންނެވެ.

ރިސޯޓުތަކުގެ އިންވެސްޓްމަންޓުތަކަކީ ގެސްޓްހައުސްތަކާ އަޅާބަލާއިރު ބިޔަ ބޮޑެތި އަދި މިއަދުގެ ވާދަވެރި ޙާލަތަށް ބަލާނަމަ އެކަމުގައި ރިސްކު ބޮޑެތި އިންވެސްޓްމަންޓްތަކެވެ. ރިސޯޓުތަކުގެ މަސްޢޫލުވެރި ފަރާތްތަކުން މިފަދަ އިންވެސްޓްމަންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ގިނަ ޤުރުބާނީތަކެއް ވާންޖެހޭއިރު، ދަޢުލަތުން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރާނަމަ މިފަދަ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާނެ އެވެ.

ނަމަވެސް، މިފަދަ ޙާލަތެއްގައި ވިކަމުގައިވިޔަސް، މުވައްޒަފުންގެ އަސާސީ ޙައްޤުތައް ދަޢުލަތަކުން ކަށަވަރު ކޮށްދިނުމަކީ ލާޒިމު ކަމެކެވެ. މި ގޮތުން އެފަރާތަކަށް އެއްބަސްވެފައިވާ މުސާރައާއި އިނާޔަތްތަކާއި އަދި އެފަރާތްތަކަށް ދޭނެ ކަމަށް ބުނެ ނަގާ ސާވިސް ޗާޖަކީ އެފަރާތްތަކަށް ލިބުން ޙައްޤު އިނާޔަތްތަކެވެ. ނަމަވެސް، މުވައްޒަފުންގެ ކެއިންބުއިމާއި ބޯހިޔާވަހިކަމުގެ އިންތިޒާމުތަކުގައި ދަޢުލަތުން އިންތައް ކަނޑައެޅޭނީ ސާފުތާހިރުކަމާއި ރައްކާތެރިކަމުގެ މިންތަކުގައެވެ. ރިސޯޓުތައް ކުރިއަރާ ދިޔުމަށް ބޭނުންވާ ފެންވަރު ރަނގަޅު މުވައްޒަފުން ހަރުލެއްވުމަށް މެނޭޖްމަންޓުން ޖެހޭނީ މި އިންތިޒާމްތައް ހަރުދަނާކުރާށެވެ.

ދެން އޮތީ ރިސޯޓު ވަޒީފާތަކަށް ދިވެހިން ނުލިބޭ ވާހަކައިގެ އަސްލެވެ. މީކީ އާ ވާހަކައެއް ނޫނެވެ. ވޭތުވެ ދިޔަ އެތަކެއް އަހަރު ދައްކަމުން އަންނަ ފަރުވާއެއް ހޯދިފައި ނުވާ ވާހަކައެކެވެ. ހަޤީޤަތުގައި ރިސޯޓުތަކަށް ގިނަ ދިވެހިން ދިޔުމަށް އޮތް އެންމެ ބޮޑު އެއް ޖެހިލުންވުމަކީ ޢާއިލާއާއި ދުރުގައި މަސައްކަތްކުރަން ޖެހުމެވެ.

ޓޫރިޒަމުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ރިސޯޓުތަކުގައި މަސައްކަތްކުރާ ގިނަ ދިވެހިން އެ ސިނާއަތުގެ މަސައްކަތްތަކަށް ނިކުންނަނީ ވަގުތީ ގޮތުންނެވެ. އަދި ރަނގަޅު އާމްދަނީއެއް ރައްކާކުރެވެމުން އަމިއްލަ ވިޔަފާރިއެއް ފަދަ ކަމެއް އާއިލާ ކައިރީ ހުރެ ފެށުމަށް ރިސޯޓުތަކުގެ ވަޒީފާތަކުގެ ވަޒީފާއިން ވަކިވާކަމަށް މި ދިރާސާގައި ދައްކައެވެ.

އަޅުގަނޑު ދެކޭގޮތުގައި ރިސޯޓުތަކުގައި ހުރި ވަޒީފާތަކުގައި ދިވެހިން ހަރުލެއްވުމަށް އެޅިދާނެ ވަރަށް މުހިންމު ފިޔަވަޅެއް އެބައޮތެވެ. އެކަމަކީ، ރިސޯޓުތަކުގައި ހުރި ބައެއް ވަޒީފާތަކަކީ އެ ރިސޯޓުގައި ޤައިމުވެ ނުތިބި ކަމުގައި ވިޔަސް އެ ޙިދުމަތްތައް ފުރިހަމަ ގޮތުގައި ދެވޭނެ ޙިދުމަތްތަކެވެ. މިގޮތުން ރިސޯޓުތަކުގެ ކޯލް ސެންޓަރު، ރިޒަވޭޝަން، އެކައުންޓްސް އަދި ބެކް އޮފް ދަ ހައުސްގެ ބައެއް މަސައްކަތްތަކަކީ މިއަދު ދުނިޔެއަށް އައިސްފައިވާ ކުރިއެރުމުގެ ބޭނުން ހިފައިގެން މީހުން ދިރިއުޅޭ ހިސާބުތަކަށް ބަދަލު ކުރެވިދާނެ ވަޒީފާތަކެވެ.

ރިސޯޓުތަކުގެ ބައެއް ވަޒީފާ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ޤާއިމު ކުރުމަކީ މިހާރުވެސް ބައެއް ރިސޯޓުތަކުންނާއި އެހެނިހެން ފަރާތްތަކުން ކުރަމުން އަންނަ ކަންތައްތަކެވެ. މާލޭގައި ހުރި އޭޑީކޭ ހޮސްޕިޓަލަށް ބަލާލި ނަމަވެސް އެ ހޮސްޕިޓަލުގެ ކޯލް ސެންޓަރަށް ގުޅުމުން ޙިދުމަތް ދޭން ތިބި މުވައްޒަފުން އެ ހިދުމަތް ދެނީ ކުޅުދުއްފުށީގައި ޤާއިމްކޮށްފައިވާ ކޯލް ސެންޓަރަކުންނެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދަޢުލަތުގެ އިސްނެގުމުގެ މަތީން ފަތުރުވެރިކަމުގެ އިސްފަރާތްތަކާއެކު މިބަދަލު ކާމިޔާބުކަމާއެކު ތަންފީޒު ކުރެވިއްޖެ ނަމަ ގާތްގަނޑަކަށް 5000 ވަޒީފާއަކީ ރިސޯޓުތަކުން މީހުން އުޅޭ ރަށްރަށަށް ބަދަލު ކުރެވިދާނެ ވަޒީފާތަކެވެ.

ޓޫރިޒަމްގެ ސިނާއަތުގައި ފެށިގެން އުޅޭ އޮޅުންބޮޅުމަކީ ހަމައެކަނި އުޖޫރައާ ގުޅިފައި އޮތްކަމެއް ނޫނެވެ. މިކަމުގައި މަތީގައި ބަޔާން ކުރެވުނު ސަބަބުތަކުގެ އިތުރުން މޫލާފައިވާ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. ބޭނުންވަނީ ޢިލްމީގޮތެއްގައި މި މައްސަލަތަކަށް އޮތް ދެމެހެއްޓެނިވި ޙައްލުތައް ދެނެގަނެ، ޙިކްތަމްތެރިކަމާއެކު އެ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔުނީ އިޖްތިމާއީ ތަރައްގީގައި ހަރަކާތްތެރިވަމުންދާ ޕީކޮކް ކޮންސަލްޓިންގެ ފަރާތުން އަނިލް އާދަމެވެ.