ތާރީހު

ސިޔާސީ ހަޔާތުގައި އަންހެނުންނަށް ބޮޑު ދުވަހެއް!

ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރި ކުރުވުމުގެ ވާހަކައަކީ ވަރަށް ގިނައިން ދެކެވެ އެވ. އަދި ސިޔާސީ މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރެ އެވެ. އެ މަގުފަހި ކުރަން ކައުންސިލްތަކުން ވަކި އަދަދަކަށް އަންހެނުންނަށް ގޮނޑި ހާއްސަ ކުރަން މިހާރު ވަނީ ގާނޫނު ހަދާފަ އެވެ. އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަވާނެ އެވެ. އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަސް ވެގެންދާނީ ރާއްޖޭގެ ތާރީހުގައީ ސިޔާސީ ގޮތުން ބާރުވެރި މަގާމުތަކުގައި އެންމެ ގިނަ އަދަދަކަށް އަންހެނުން ތިބޭނެ ދުވަހަށެވެ.

މީގެ އެތައް އަހަރެއް ކުރިން ފެށިގެން ސިޔާސީ މައިދާނަށް އަންހެނުން ނެރުމުގެ މަސައްކަތް އޮތީ ފަށާފަ އެވެ. އެކަށީގެންވާ ގޮތެއްގައި އެކަން ނުކުރެވި އޮތް ނަމަވެސް ރާއްޖޭގައި އަންހެނުންގެ ދައުރު ކުޑައެއް ނޫނެވެ. ވެރިރަށް މާލެ އާއި އަތޮޅުތަކުގައި އެއް ދުވަސްވަރެއްގައި އަންހެނުންގެ ކޮމެޓީތަކަކީ ނުފޫޒުގަދަ އަދި ބާރުގަދަ ކޮމެޓީތަކެކެވެ. އަމިއްލައަށް އާމްދަނީ ހޯދައިގެން ރަށުގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީގައި އަންހެނުން ދިޔައީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ރާއްޖޭގެ ތާރީހުގައި ކެބިނެޓެއްގައި އަންހެނަކު ހިމެނުނު ފުރަަތަމަ އަހަރަކީ 1977 ވަނަ އަހަރެވެ. މީގެ 43 އަހަރު ކުރިން ޖަނަވަރީ 6، 1977 އަކީ ރާއްޖޭގެ ކެބިނެޓުން އަންހެން ބޭފުޅަކަށް ފުރުސަތު ދެއްވި ދުވަހެވެ. އޭރުގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ކެބިނެޓަށް އައްޔަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅަކީ މޫމިނާ ހަލީމެވެ. އެކަމަނާ އައްޔަން ކުރެއްވީ މިނިސްޓަރު އޮފް ހެލްތުގެ މަގާމަށެވެ.

އޭރު އެކަމަނާއަކީ ރާއްޖޭގައި އެވަގުތު ހުންނެވި އެންމެ ކުޅަދާނަ އެއް ނަރުހެވެ. ހާއްސަކޮށް މާލޭގައި އަންހެނުން ވިއްސުމުގެ މަސައްކަތުގައި މޫމިނާ އަދާކުރެއްވީ މުހިންމު މަސައްކަތެކެވެ. އެ ދުވަސްވަރަކީ ރާއްޖޭގައި ޅަފަތުގައި މަރުވަމުންދާ ކުދިންގެ އަދަދު ފުރަތަމަ ފަހަރަށް މަދުކުރެވިގެންދިޔަ ދުވަސްވަރެވެ.

މީގެ އިތުރުންވެސް ޖަނަވަރީ ހަވަނަ ދުވަހަކީ އަންހެނުންނަށް ހާއްސަ ދުވަހެކެވެ. ޖަނަވަރީ 6، 1977 ގައި ރައީސް ނާސިރު ވަނީ ޓީވީއެމް އުފައްދަވާ ޓީވީއެމްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ވެސް އަންހެން ބޭފުޅަކު ހަމަޖައްސަވާފަ އެވެ. އެގޮތުން ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން، ބްރޯޑްކާސްޓިން އެންޑް ޓޫރިޒަމްގެ ޑިރެކްޓަރެއްގެ ގޮތުގައި އައިޝަތު އިބްރާހިމް ދީދީ އައްޔަން ކުރެއްވިއެވެ. އަދި ޓީވީއެމްގެ އެންމެ އިސް މަގާމަކީ ޑިރެކްޓަރު ކަމުގައި ވެސް ހަމަޖެއްސެވިއެވެ.

އަދި އެކަމަނާގެ ދަށުން ދުވަހުން ދުވަހަށް ޓީވީ ހިންގެވުމުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވާނެ ބޭފުޅެއްގެ ގޮތުގައިވެސް ރައީސް ނާސިރު ހަމަޖެއްސެވީ ވެސް އަންހެން ބޭފުޅެކެވެ. އެއީ މއ. އިރުދޭމާގެ ނަސީމާ މޫސާ އެވެ. ނަސީމާ މޫސާއަކީ ޓީވީއެމް އުފެއްދުމުގެ ކުރިން ވެސް ރައީސް ނާސިރުގެ ބެއްލެވުމުގެ ދަށުން އެ މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.