ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓަށް އެންމެ ބާރުބޮޑީ އިއްޔެ، ރެކޯޑެއް ވަނީ ހަދާފައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭނުންކުރި ފްލައިޓުތަކުގެ އަދަދުގެ އިއްޔެ ރެކޯޑް މިންވަރަށް އިތުރުވެފައިވާ ކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ އިއްޔެ އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 252 އަރައި، މައި އެއާޕޯޓުގައި ފްލައިޓް މޫވްމެންޓްގެ ރެކޯޑު ގާއިމުވެފައިވާ ކަމަށެވެ. އަދި 559 ސީޕްލޭން މޫވްމެންޓާއެކު ޖުމްލަ 811 ފްލައިޓް މޫވްމަންޓް ރިކޯޑް ކުރެވިފައިވާ ކަމަށެވެ.

މިއީ މިގޮތަށް މިއަހަރުގެ ތެރޭ ރެކޯޑް އަދަދަކަށް ފްލައިޓްތައް ޖެއްސި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ވަނީ ދެ ދުވަހެއްގައި ރެކޯޑް ހަދާފައެވެ.

އެއާޕޯޓުގައި ފްލައިޓު މޫވްމެންޓް އިތުރުވެފައި މިވަނީ ޓޫރިޒަމްގެ މައި ސީޒަންއާ ދިމާކޮށެވެ. ރާއްޖޭގެ ޓޫރިޒަމް މައި ސީޒަން ފެށުމާއެކު ޓޫރިސްޓު އެރައިވަލް ދަނީ މަތިވަމުންނެވެ. މިއަހަރު ވަނީ ރެކޯޑް މިންވަރަކަށް ޓޫރިސްޓުންވެސް ރާއްޖެ އައިސްފައެވެ.

މި ދުވަސްވަރަކީ ފްލައިޓްތައް ޑިލޭވުމުގެ މައްސަލަތައްވެސް ވަރަށް ބޮޑު ދުވަސްވަރެކެވެ. އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނީ އެއާޕޯޓްގެ އުދުުހުންތަކަށް ބާރު ބޮޑުވެފައިވާ މި ދުވަސްވަރު ފްލައިޓް ޑިލޭވުމުގެ މައްސަލަތައް ދިމާވަނީ އެންމެ ރަންވޭއެއް ބޭނުން ކުރަން ޖެހޭތީ ކަމަށެވެ.

އެއް ރަންވޭ ބޭނުން ކުރާއިރު މި ދުވަސްވަރު އެވްރެޖްކޮށް ދުވާލަކު 55 ފްލައިޓް ވީއައިއޭގެ އެ ރަންވޭއަށް ޖައްސަ އެވެ.

އެއާޕޯޓަށް ބާރުބޮޑުވެ ބައެއް ފްލައިޓްތައް ރަންވޭގައި ނުޖެއްސި 20 މިނެޓް ވަންދެން މަތީގައި އޮންނަން ޖެހޭ ފަހަރު އާދެއެވެ. އެއީ ފަސިންޖަރުންގެ ޝަކުވާ ބޮޑު ކަމަށްވާއިރު، އެގޮތަށް ދިމާވުމުގެ ސަބަބުން އެއާލައިންތަކަށް ވެސް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބެއެވެ.