ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސްޓޭޑިއަމްގެ ކުރެހުން ރައީސާ ހިއްސާކުރައްވައިފި

އޮލިމްޕިކްސް ކުޅިވަރުތައް ބޭއްވޭ ފެންވަރަށް ހުޅުމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްގެ ކުރެހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާ ކުރައްވައިފި އެވެ.

ސްޓޭޑިއަމްގެ ކުރެހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާ ކުރައްވާފައިވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގްއާ ޗައިނާގެ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) ގެ އޮފިޝަލުން މިއަދު ބޭއްވެވި ބައްދަލްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައި ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ މައިގަނޑު ދާއިރާތަކާ ގުޅޭގޮތުންނެވެ. އެގޮތުން އުމުރާނީ ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަމަށް ރައީސް އޮފީހުން ބުނެއެވެ .

ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދާއި، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާއާ ރާއްޖެއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވައި ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަމުގައި ވިދާޅުވިއެވެ. އަދި ޗައިނާއިން ރާއްޖެއަށް ދޭ އެހީތެރިކަމާއި އުމުރާނީ ތަރައްގީއަށް ދޭ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގައި ބިނާކުރެވޭ އައު ސްޓޭޑިއަމަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި 2023 ވަނަ އަހަރު ބޭއްވުމުގެ ގޮތުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.