ޖަލުތައް އިސްލާހު ކުރުމަކީ ސަރުކާރުންވީ އެންމެ ބޮޑު އެއް ވައުދު ނަމަވެސް އެ މަސައްކަތް ރަނގަޅަށް ހިނގަމުން ނުދާ ކަމަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން މިއަދު ވިދާޅުވީ ޖަލުތައް އިސްލާހު ކުރަންވީ ވައުދު ފުއްދުމުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރަމުންދާތަން ނުފެންނަ ކަމަށެވެ. ޖަލުތައް އިސްލާހު ކުރުމަށް ޖަލުތައް ހިިނގުމަށް ގާބިލް އަދި ޕްރޮފެޝަނަލް މީހުން އިސްކުރަން ޖެހޭ ކަމަށެވެ.
"ޖަލުތައް އިސްލާހު ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވާއިރު އެ މަސައްކަތް އެންމެ ރަނގަޅަށް ހިނގަމުންދާ ކަމަކަށް ނުފެނޭ. ޖަލުތައް އިސްލާހު ކުރުމަށްޓަކައި ޖަލު ހިންގުމަށް ގާބިލު އަދި ޕްރޮޕެޝަަނަލް މީހުން އިސްކުރަން ޖެހޭ ކަމަށް ދެކެން." އޭނާގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މިދިޔަ އާދިއްތަ ދުވަހު ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއެކު ކަރެކްޝަންސްގެ އޮފިސްރުންނާއި އެސްއޯ ފުލުހުން މާފުށީ ޖަލުގައި ގައިދީން ތިބި ތަނަށް ގޮސް ކަރުނަ ގޭސް ޖަހައި ގޮޅިތަކުން ގައިދީން ނެރެ، ކުޑަކަކޫ ޖައްސާފައި ތިބި ކަމަށް ބުނާ އަޑުތައް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ.
ޖަލު ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ބުނީ މާފުށީ ޖަލަށް ފުލުހުންގެ ދެ އޮފިސަރަކު ޒިޔާރަތް ކުރީ ރިމާންޑުގައި ހުރި މީހަކަށް ގޮޅީގައި ތިބި އެހެން ގައިދީން ހަމަލާދިން މައްސަލައެއް ތަހުގީގު ކުރުމަށް ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާފުށީ ޖަލުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވުމަށް ކަރެކްޝަންސް އިން ފުލުހުންނަށް ގުޅާފައި ދައުވަތަކަށް ދެ ފުލުހަކު އެތަނަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ތަހުގީގުތައް އަވަސް ކުރުމާ މެދު މަޝްވަރާކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ބައްދަލުވުމަށް ފަހު ޖަލު ގޮޅިތައް ބަލާ ފާސް ކުރާ ގޮތް ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން ބަލާފައިވާ ކަމަށާއި އެއްވެސް އޮޕަރޭޝަނެއްގައި ބައިވެރިވެފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިފަހުން މާފުށީ ޖަލުގައި ގައިދީންނާ އޮފިސަރުންގެ މެދުގައި ދަނީ ހަމަނުޖެހުން ހިނގަމުންނެވެ. އެކަމާ ގުޅޭ މައުލޫމާތު ހާމަ ކުރުމުގައި ކަމާބެހޭ ފަރާތްތަކުން ތަފާތު ވާހަކަތައް ދައްކަމުން ގެންދާއިރު، އާންމުންނަށް މައުލޫމާތު ދިނުމުގައި ކަރެކްޝަނުން ދަނީ ފަހަތަށް ޖެހެމުންނެވެ.