ހަބަރު

އައިޔޫއެމް އިން އެކައުންޓިން އެންޑް ފައިނޭންސް ކޯސްތައް ތައާރަފްކޮށްފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އިން ޑިޕްލޮމާ އިން އެކައުންޓިން އެންޑް ފައިނޭންސް އަދި ބެޗްލާސް އޮފް އެކައުންޓިންގ އެންޑް ފައިނޭންސްގެ ކޯސްތައް ތައާރަފްކޮށްފި އެވެ.

މި އަހަރުގެ ފުރަތަމަ ސެމިސްޓާގައި އަލަށް ފަށާ މި ކޯސް ކުރިއަށްގެންދަނީ މާލެ ސިޓީ، ހދ. ހަނިމާދޫ، ލ. ފޮނަދޫ އަދި ފުވައްމުލަކު ސިޓީގަ އެވެ.

އައިޔޫއެމް އިން ބުނި ގޮތުގައި، މި ކޯހުގައި އެކައުންޓިން އާއި ފައިނޭންސް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާ މަޝްވަރާ ކުރެވި، ދާއިރާއަށް ބޭނުންވާ ތަފާތު މައުލޫމާތާއި ހުނަރު ނެރެވޭނެ އެވެ. އަދި ކޯހުގެ މޮޑިއުލްތައް އުފައްދާފައިވަނީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކަށް ދަރިވަރުން އަހުލުވެރިކުރެވޭނެ ފަދަ ގޮތަށް ކަމަށްވެސް އެ ޔުނިވާސިޓީން ބުނެ އެވެ.

މި ޕްރޮގްރާމް ނިންމާ ދަރިވަރުންނަށް ފައިނޭންޝިއަލް އަދި މެނޭޖްމަންޓް އެކައުންޓެންޓް އާއި އޮޑިޓިން އާއި ޓެކްސޭޝަންގެ އިތުރުން ފައިނޭންސް މެނޭޖިން އަދި އަމިއްލަ ވިޔަފާރިތައް ފެށުމުގެ މަގު ފަހި ވާނެ އެވެ.

މީގެ އިތުރަށް މި ކޯހުގެ ޕްރޮގްރާމް ތެރޭގައި ގުޅުންހުރި ދާއިރާތަކުގައި އިތުރު ތަމްރީން ހޯދުމުގެ ގޮތުން އިންޓާންޝިޕް އާއި ރިސާޗް ޕްރޮޖެކްޓުވެސް ކުރިއަށްގެންދާނެ އެވެ.

މި ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި މަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށް އެ ޔުނިވާސިޓީން މައުލޫމާތު ދިނެވެ.