ލައިފްސްޓައިލް

ދަރިން ތަރުބިއްޔަތު ތި ކުރަނީ ރަނގަޅަށްތަ؟

Aug 28, 2015

މައިންބަފައިންނަކީ ގޭގެ ކައްކާއެވެ. ވެއިޓަރުންނެވެ. ބަޓްލަރުން، އަދި ޓެކްސީ ޑްރައިވަރުންގެ އިތުރުން ހޯމް މިނިސްޓަރުންނޭ ބުންޏަސް މިއީ ދޮގެއް ނޫނެވެ. ދަރިންނަށްޓަކައި އެ މީހުން ކޮންމެ މީހަކަށް ވެސް ވެދާނެ އެވެ. މައިބަފައިން އަބަދުވެސް ބަލާނީ އުނދަގުލެއް އެމީހުންނަށް ނުކޮށް ކިޔެވުމަށް ހުރަހެއް ނޭޅި ހިތްހަމަޖެހިގެން ގިނަ ވަގުތު ބޭތިއްބޭނެ ގޮތެކެވެ. 

އެކަމަކު މިހެން ދަރިން ތަރުބިއްޔަތު ކުރުމަކީ އަދި ރަނގަޅު ގޮތެއް ހެއްޔެވެ؟ ލޯބިން، ދޮންފުތު ކޮށްގެން ގެންގުޅެން ހަދަައިގެން އުުމުރުން 20 އަހަރު ވާއިރުވެސް އަތުން ފައިން ކަމެއް ކުރަން ނޭނގިފައި ހުންނަ ނަމަ، ދެން ކޮން ތަރުބިއްޔަތެއް ހެއްޔެވެ؟ އަމިއްލައަށް ލައިއުޅޭ ބޮކްސާ ދޮންނަން ނޭނގި، މަަންމަ ގޭގައި ނެތުމުން ބަނޑަށް ޖެހި ކައްކަން ނޭނގިފައި ތިބޭ ނަމަ ތަރުބިއްޔަތުގެ މައްސަލައެއް އެބަ އުޅެ އެވެ. 

ކުދިން ހަލާކުވަނީ މައިންބަފައިން އެމީހުންނަށް ކުރެވޭ އުއްމީދަށް ވުރެ ދެވޭ ލޯބި ހައްދު ފަހަނައަޅާ ހިސާބުންނެވެ. ބޭނުންހާ އެއްޗެއް ގަނެދީ، ހުރިހާ ކަމަކަށް 'އޯކޭ' ވެގެން ތިބެނީ ކުއްޖާ ތިމާ ދެކެ ރުޅިއައިސްދާނެތީ އެވެ.

* ކުއްޖާގެ އިމްތިހާނު ދުވަސްވަރު ނޫނީ އެހެން ކަމެއްގައި ބުރަކޮށް އުޅޭ ގަޑި ނޫން އެހެން ގަޑިތަކުގައި ގޭގެ މަސައްކަތް ކުރާއިރު ކައިރީގައި ބަހައްޓައިގެން އޭނާ ލައްވާ މަސައްކަތް ކުރުވާށެވެ. އަލަށް ދަސްކޮށްދޭއިރު ކޮންމެ މީހަކަށްވެސް ކުށްކުރެވޭނެކަން އެނގިހުރެ ދަސްކޮށްދޭށެވެ. ކުށްކުރެވޭ ގަޑީގައި ބާރަށް ބަސްބުނެ ނެގަޓީވްކޮށް ވާހަކަ ދެއްކުމުން ކުއްޖާ މަސައްކަތް ކުރަން ބޭނުންނުވެ، ކުރާނަމަ ކުރާނީ ހަމައެކަނި މަންމަ ރުޅިއަައިސްދާނެތީއެވެ.

* ކުއްޖާ ކަމަކަށް އެހެންނޫނީ އެއްޗަކަށް އެދޭނަމަ އެހޯދަން މަސައްކަތް ކުރުވާށެވެ. މިސާލަކަށް ރައްޓެހި ކުއްޖަކާއި އެއްކޮށް ބޭރަށް ދާން ބޭނުންވާނަމަ ސްކޫލުން އެދުވަހަކު ދީފައި ހުރި ހުރިހާ ފިލާވަޅެއް ހަދާ ދަސްކޮށް، ކޮޓަރި ސާފުކުރުވާށެވެ. އަދި ގެއަށް އަންނަން ވަކި ގަޑިއެއް ހަމަޖައްސާށެވެ. ސަބަބަކާއި ނުލާ ވަގުތުން ނޫނެކޭ ބުނުމުން ކުއްޖާ އަށް ތިމާ އިތުބާރު ނުކުރާހެން ހީވެ، ހިތުގައި ރުޅިވެރިކަން އުފެދެއެވެ. ފޮނުވަން ހިތްހަމަ ނުޖެހޭނަމަ ސަބަބާއި އެއްކޮށް ކިޔާދިނުމުން އޭނާއަަށް ވެސް ވިސްނޭނެއެވެ.

* ކުއްޖާ ކައިރީ ވަކިކަމެއް ނުކުރާށޭ ބުންޏަސް އެކުއްޖަކު އެކަމެއް ކުރާނެއެވެ. އެއީ އެކަމެއް ނުކުރާށޭ ބުނާ ގަޑީގައި އޭނާއަކަށް އެކަމުގެ ބޮޑުކަމާއި ކުޑަކަމުގެ މިންވަރު ނޭނގޭތީއެވެ. ކުދިންނަކީ ބޮޑުވަމުންދާއިރު އެތަކެއް ސުވާލުތަކެއް އުފެދޭ ބަޔެކެވެ. ސުވާލުކުރުމުން އެއީ "މަންމަ ބުނީތީއޭ،" ނޫނީ "ކަމަކު ބުނުމުން އިތުރު ސުވާލު ނުކޮށް ކުރަން ޖެހޭނޭ" ބުނިކަމުގައިވާނަމަ އޭނާއަކަށް ނުވިސްނޭނެއެވެ. އުނދަގުލަކަށް ނުހަދާ، ވަގުތު ހޯދައިގެން އެކަމެއްގެ ބޮޑުކަމާއި ކުޑަކަން ކިޔާދީ ވިސްނައިދޭށެވެ.

* އަމިއްލަ ދަރި ދެރަވެފައި ހުރުމަކީ އެއްވެސް މަންމައަކު އަދި ބައްޕައެއްވެސް ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ. އެހެންނަމަވެސް ކުދިންނަށް ވިސްނައިދޭން ޖެހެނީ ދުނިޔޭގައި އުޅޭއިރު ބޭނުން ހުރިހާ އެއްޗެއް ނުއެއް ލިބޭނެކަމެވެ. ކުޑައިރުއްސުރެ ހިތްހަމަނުޖެހިގެން ވިޔަސް ކަންކަމާއި "ކޯޕް" ކުރަން ކުއްޖާއަށް ދަސްވުމުން އުމުރުފުރާއަށް ދިޔުމުން ސްޓްރެސް ނުވެ ކަންކަމާއި "ޑީލް" ކުރަން ފަސޭހަ ވާނެއެވެ.

* އާއިލާ އާއި ތިމާގެ މީހުން އަދި އެކުވެރިންނަށް އެހީތެރިވުމަކީ ތިމާގެ ޒިންމާއެއް ކަމުގައި ދެކިގެން އުޅޭ ކުދިންނަކީ ބޮޑުވާއިރު އެއްވެސް ވަރަކަށް 'ސްޕޮއިލް' ވެފައި ތިބޭ ކުދިންނަކަށް ނުވާނެއެވެ. މީހުންނަށް އެހީތެރިވުމަށް ހިތްވަރުލައިދީ ގިނަގިނައިން އެހީވުމުން ކުދިންނަށް ބައެއް މީހުން އުޅެންޖެހޭ ހާލު ވިސްނި، ތިމާ އަކީ ނަސީބުގަދަ ކުއްޖެއް ކަމުގައި ދެކޭނެއެވެ.