ޓޫރިޒަމް

އެންމެ ކާމިޔާބު އަހަރު: 1.7 މިލިއަން ޓޫރިސްޓުންނާއެކު ރެކޯޑެއް

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް އެއް އަހަރެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އަހަރެވެ.

މޯލްޑިވްސް އިމިގްރޭޝަން އަދި ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ފެސިލިޓީސްތަކަށް ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި 171،292 ފަތުރުވެރިންނާއެކު އަހަރު ނިމުނުއިރު ރާއްޖެއައި ފަތުރުވެރިންގެ އަަދަދު ވަނީ 1،702،831 އަރާފައެވެ.

މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 14.7 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެގޮތުން ޔޫރަޕްގެ ގައުމުތަކުން 833،904 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އޭސިއާ ޕެސިފިކް ސަރަހައްދުންނެވެ. އެ ސަރަހައްދުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 705،117 އެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 13.5 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އެމެރިކާ ސަރަހައްދުގެ ގައުމުތަކުންނެވެ. އެގޮތުން 84،793 ފަތުުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކުން 60،003 ފަތުުރުވެރިން، އެފްރިކާ ސަރަހައްދުން 18،698 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ވަކިވަކި މާކެޓްތަކަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ޗައިނާއިންނެވެ. މިފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ އެ ގައުމުންނެވެ. 2019 ވަނަ އަހަރު ޗައިނާއިން ވަނީ 16.7 އިންސައްތަ ހިއްސާކޮށްފައެވެ. މީގެ އިތުރުން އިންޑިއާ، އިޓަލީވިލާތް، ޖަރުމަންވިލާތް އަދި އިނގިރޭސިވިލާތުންވެސް ވަނީ ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.

ނިމިދިޔަ އަހަރު އިންޑިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން 2019 ވަނަ އަހަރަށްވުރެ 83.5 އިންސައްތަ އިތުރަށް ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ 166،015 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ 2019 ވަނަ އަހަރަށް ކަނޑައެޅި 1.5 މިލިއަން ފަތުރުވެރިންގެ ޓާގެޓް ނޮވެންބަރު މަހުގެ 24 ވަނަ ދުވަހަށް ހަމަވެފައިވާއިރު، ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އަހަރު ނިންމާލީ 1.7 މިލިއަން ފަތުރުވެރިންނާއެކު ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.