ކުލަބު ހިންގުމުގައި ހަރުދަނާ ސިސްޓަމެއް އޮތް ރާއްޖޭގެ އެންމެ އިސް ކުލަބަކީ މާޒިޔާ އެވެ. އެހެން ކުލަބުތަކަށް މާލީ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވިއިރު ކުޅުންތެރިންގެ މުސާރަ ބަރާބަރަށް ދެމުން ވަރުގަދަ ކޮށް ހިފެހެއްޓޭ ކުލަބަކަށް މާޒިޔާ ވިއެވެ.
ބައެއް ކުލަބުތަކަށް ފައިސާގެ ތަނަވަސްކަން ހުރި މީހުން ހަވާލުވެ، ވަކި މޫސޫމަކަށް ކުލަބު ވަރުގަދަ ކުރެ އެވެ. އެ ހުންނެވި ޗެއާމަން ކުލަބު ދޫކޮށްލުމުން ދެން ވާގޮތަކީ ބޮޑެތި ދަރަނިތަކާއެކު ކުލަބު އިނދަޖެހި ވެއްޓިގެން ދިއުމެވެ. ނިއު ރޭޑިއަންޓާއި ވިކްޓަރީއަށް ވީ ގޮތުން އޭގެ ހެކި ހޯދަން މާ ދުރަށް ދާކަށް ނުޖެހެ އެވެ.
ކުޅުންތެރިންގެ ހިތް މާޒިޔާއަށް އަނބުރާލަން ފަސޭހަ ވެގެންދާ އެއް ސަބަބަކީ އެއީ އެވެ. ކުޅުންތެރިން މަގުމަތި ނުވާނެ ގޮތަށް މާޒިޔާގެ ސިސްޓަމް އެކުލަވާލައިފައި ވުމެވެ. ޖަނަވަރީ ޓްރާންސްފާގައި މާޒިޔާއަށް ހެދި ޓްރާންސްފާގެ އެއްބަސްވުންތަކަށް ބަލާއިރު ފެންނަނީ އެ ޓީމުގެ ޓްރާންސްފާގެ ޕޮލިސީ ވެސް ބަދަލު ކޮށްފައިވާ ތަނެވެ. އެ ޓީމުން ވެސް ފޯކަސް ހުރި ޒުވާން ހުނަރަށެވެ.
މިހާރު، ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ޓްރާންސްފާ މާކެޓް ބަދަލު ވެފައި ވަނީ އެ ސިސްޓަމަށެވެ. ކުރިން ދުނިޔޭގެ ރެކޯޑް އަގުތަކުގައި ކުޅުންތެރިން ހޯދި ކުލަބުތަކުން ވެސް މިހާރު އިސްކަންދީފައި ވަނީ ޒުވާން އުމުރުގައި ކުޅުންތެރިން ގެނައުމަށެވެ. އެ ބަދަލަށް މުޅި ދުނިޔޭގެ ފުޓްބޯޅަ ވަނީ ހޭނިފަ އެވެ. ޒުވާން ކުޅުންތެރިންނަށް ކުރާ އިންވެސްޓްމެންޓްތައް ދަނީ އިތުރުވަމުންނެވެ.
"ފުޓްބޯޅައިގައި ފައި ހަމަކުރަންޏާ ކޮންމެ ކުލަބަކަސް ޖެހޭނީ އެގޮތަށް ސްޓްރެޓެޖީ ބަދަލު ކުރަން، އެއީ މާޒިޔާގެ ވެސް ވިސްނުމަކީ،" މާޒިޔާގެ ޓްރާންސްފާ ޕޮލިސީ އާ ބެހޭގޮތުން އެ ޓީމުގެ ކޯޗް މަރުޔާން ސެކްލޮސްކީ ބުންޏެވެ. "އަހަރެމެން ބޭނުން އަހަރެމެންގެ ޓީމުގެ ތެރެއަށް އާ ހުނަރު އިތުރު ވެގެން ދާން."
އޭނާ ބުނީ، މިހާރު މާޒިޔާއިން ސޮއި ކުރަމުންދާ ކުޅުންތެރިންނަކީ އިތުރަށް ވަރުގަދަ ކުރަންޖެހޭ ޑިޕާޓްމެންޓްތަކަށް ގެނައި ކުޅުންތެރިން ކަމަށެވެ. ބޭނުމަކީ ޓީމުގެ ހުރިހާ ޑިޕާޓްމެންޓެއްގައި ވެސް އެކިއުރޭޓް ހިފެހެއްޓުން ކަމަށް މެސަޑޯނިއާގެ ކޯޗް ބުންޏެވެ.
"މި ސޮއި ކުރި ކުޅުންތެރިންނަކީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް، މިހާރުވެސް ފުރަތަމަ ޑިވިޝަންގެ ތަޖުރިބާހުރި ކުޅުންތެރިންތަކެއް، އަދި މިކުޅުންތެރިން ސޮއި މި ކުރީ އަހަރުތަކެއް ކުރިއަށް ލާފައި އެހެންވީމަ މާނައަކީ ކުރިމަގަށް ވެސް މި ކުޅުންތެރިންނަކީ މުހިންމު ބަޔަކަށް މާޒިޔާއަށް ވާނެ." އޭނާ ބުންޏެވެ.
އޭނާ ބުނީ ފުޓްބޯޅަ ޓީމަކަށް އަބަދުވެސް އާ ބަދަލު އަންނަން ޖެހޭނެ ކަމަށެވެ. މާޒިޔާއަށް ސޮއި ކުރި ކުޅުންތެރިންގެ ބޭނުން ވަރުގަދަކޮށް މާޒިޔާއަށް ހިފޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.
މިހާރު ޓީމުގެ ލޯކަލް ކުޅުންތެރިންނަށް ބަލާއިރު، ތިން ކުޅުންތެރިން ފިޔަވައި ދެން ބާކީ ތިބި ކުޅުންތެރިންނަކީ އުމުރުން 30 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ސްކޮޑުގެ ގޮތުގައި މާޒިޔާ ހިފެހެއްޓުމަކީ އެ ކުލަބުގެ މެނޭޖުމެންޓުގެ ޓާގެޓެކެވެ. މާޒިޔާއިން ހިފަހައްޓާ އެ އުސޫލުތަކާ ބެހޭގޮތުން އެ ޓީމުގެ ކުރީގެ ކޯޗް އަދި މިހާރު ގްރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒޭން ބުނެފައި ވަނީ މިހެންނެވެ.
"ޓެކްނިކަލް ސައިޑުން ވިސްނަމުން ދަނީ މާޒިޔާގެ ސްކޮޑް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތަކަށް، ހަމައެގޮތަށް މާޒިޔާގެ މެނޭޖްމެންޓުން ވިސްނަމުން ދަނީ ކުލަބަށް ފައިސާ ހޯދޭނެ އިތުރު ގޮތްތަކަކީ ކޮބައިތޯ މުޅި މާޒިޔާ ޝާމިލު ވަމުންދަނީ ކުލަބު އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތަކަށް." މާޒިޔާ އަކީ ރާއްޖޭގެ "ފުޓްބޯޅައިގެ ބްރޭންޑެއް" ކަމަށް ސިފަ ކޮށް ސުޒޭން 2015 ވަނަ އަހަރު ބުނެފައި ވެއެވެ.