ހަބަރު

ހުޅުމާލޭގައި އަލަށް އެޅި ޗައިނާ ފްލެޓުތައް އިންސްޕެކްޓު ކުރަނީ

ކުރީ ސަރުކާރުން ހުޅުމާލެ އިން ދޫކުރި ޗައިނާ ފްލެޓުތައް އިންސްޕެކްޓު ކުރަން ހައުސިން މިނިސްޓްރީން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭގައި އެޅި ފްލެޓުތަކުގެ ތެރެއިން އެންމެ ފަހުން ދޫކުރި 704 ފްލެޓުން ފެން ލީކުވުން ފަދަ މައްސަލަތައް ދިމާވާ ކަމަށް ބުނެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެހެންކަމުން އެ ތަންތަން މަރާމާތު ކުރުމަށް އިންސްޕެކްޓު ކުރުމުގެ މަސައްކަތް އެޗްޑީސީއާ ގުޅިގެން އިއްޔެ ފަށާފައިވާ ކަމަށެވެ.

އެ ފްލެޓުތަކުގައި މައްސަލައެއް އުޅޭ ނަމަ މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން ހައުސިން މިނިސްޓްރީއަށް ހުށަހެޅޭނެ ކަމަށާއި އިންސްޕެކްޝަނަށް ފަހު މަރާމާތު ކުރަން ފަށާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ ދެ އަހަރު ކުރިން މީހުން ބަދަލުވި އެ ފްލެޓްތަކުގައި ފެން ލީކްވުން ފަދަ ޝަކުވާތައް ހުށަހެޅިގެން ހައުސިން މިނިސްޓްރީން އޭރު ވެސް އެފަދަ މައްސަލަތަކެއް ބެލި އެވެ.

ތިން ކޮޓަރިއަކާއެކު އެޓޭޗްޑް ފާހާނާއެއް ހިމެނޭ ގޮތަށް ހަދާފައިވާ އެ ފްލެޓްތަކުގެ ތެރެއިން 500 ފްލެޓަކީ މާލޭގެ ރަށްވެހިންނަށް ދޫކޮށްފައިވާ ފްލެޓްތަކެވެ. އެހެން ފްލެޓްތަކަކީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ދޫކޮށްފައިވާ ފްލެޓްތަކެކެވެ. މި ފްލެޓްތަކުން ކޮންމެ މަހަކު މެއިންޓެނަންސް ފީއާއި ކުއްޔާއެކު 7،000 ރުފިޔާ ދައްކަން ޖެހެ އެވެ.