ހަބަރު

ލޮލުގެ ފަރުވާދޭ ސެންޓަރެއް ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވައިފި

ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލު ގާއިމު ކުރި ލޮލުގެ ބަލިތަކަށް ފަރުވާ ދޭ ސެންޓަރު އިއްޔެ ހުޅުވައިފި އެވެ.

ރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާން ލިއޮން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ސެންޓަރު އިއްޔެ ހުޅުވައި ފަރުވާ ދޭން ފަށާފައިވާ ކަމަށް އެ ސެންޓަރުގައި އިސްވެ މަސައްކަތް ކުރައްވާ ޑެ. ޗެން ވެއިރޮންގެ ފަރާތުން އެނގިވަޑައިގެންފައިވާ ކަމަށެވެ.

ފުރަތަމަ ދުވަހު ވެސް 30 ސާޖަރީއެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ޑރ. ޗެން ވެއިރޮންގް އަކީ ލޮލުގެ ފަރުވާ ދިނުމުގައި މަސައްކަތް ކުރައްވާތާ 30 އަހަރަށްވުރެ ގިނަ ދުވަސްވީ އެ ދާއިރާގެ މަޝްހޫރު އަދި ތަޖުރިބާކާރު ޑޮކްޓަރެކެވެ. ޗައިނާ އެމްބަސީން ބުނި ގޮތުގައި ލޮލުގެ 100،000 އަށްވުރެ ގިނަ އޮޕަރޭޝަން އޭނާ ވަނީ މިހާތަނަށް ކޮށްފަ އެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވި އެ ސެންޓަރުން ލޮލުގެ ފުސްކެހުމާއި، ގްލައުކޯމާ، ހަކުރު ބަލީގެ ސަބަބުން ލޮލަށް ލިބޭ ގެއްލުންތަކާއި ލޮލުގެ ކޮއިގެ ތަފާތު ބަލިތަކާއި އައިނުގެ ނަންބަރު ނަގައިދޭނެ އެވެ.