ހަބަރު

"ޔާމީނަށް ލިބެން ޖެހޭ ރައްކާތެރިކަން 100 ޕަސަންޓު ޔަގީން"

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ލިބެން ޖެހޭ ރައްކާތެރިކަން ލިބޭނެ ކަމުގެ 100 ޕަސަންޓު ޔަގީންކަން އަރުވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެ އެވެ.

މުނާޒް މިހެން ވިދާޅުވީ ޖަލުގައި ހަމަނުޖެހުން ހިނގާތީ ރައީސް ޔާމީންއަށް ވެސް ރައްކާތެރިކަމެއް ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ، ކަންބޮޑުވުން ފާޅުކޮށްފައ ވަނިކޮށެވެ.

އެކަމާ ގުޅޭ ގޮތުން މުނާޒް ވިދާޅުވީ މުޅި ޖަލުގައި ހަމަނުޖެހުމެއް ހިނގައިގެން ނޫޅޭ ކަމަށާއި ކަމެއް ދިމާ ވެގެން އުޅެނީ ޖަލުގެ ކުޑަކުޑަ ޔުނެޓެއްގައި ކަމަށެވެ. އެހެންކަމުން ޔާމީން އާއި އެހެން ގައިދީންނަށް ވެސް ރައްކާތެރިކަަން ލިބޭނެ ކަމަށް މުނާޒް ވިދާޅުވި އެވެ.

"ޔާމީން އެކަންޏެއް ނޫން ދެން ޖަލުގައި ތިބި ހުރިހާ ފަރާތަކަށް ވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ،" މުނާޒް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންްނެވެ. އެމަނިކުފާނު ބަންދުގައި ހުރީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގަ އެވެ. ޖަލުގައި ހަމަނުޖެހުން ހިނގާފައި ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ހުރި ގޮޅިތަކުގަ އެވެ.