ހަބަރު

ވިސާއާ ޕާސްޕޯޓްގެ މުއްދަތު ދުރާލާ ބަލަން އިލްތިމާސްކޮށްފި

ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ދުރާލާ ވީސާ އާއި، ޕާސްޕޯޓްގެ މުއްދަތު ހަަމަވެފައިވޭތޯ ބެލުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސްރީލަންކާގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންގެ ސްޓޭޓަސް ބަލަން ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން އެފަރާތްތަކުގެ ޕާސްޕޯޓާއި، ވިސާ ގެ ކަންކަން ބަލަމުންދާ ކަމަށެވެ.

އެގޮތުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ސްރީލަންކާއަށް ތަފާތު އެކި ބޭނުންތަކުގައި ދާ ދިވެހިން، ދުރާލާ ޕާސްޕޯޓާއި، ވިސާގެ މުއްދަތު ހަމަވޭތޯ ބަލާ، ހަމަވުމުގެ ކުރިން ވިސާގެ ކަންތައް ހަމަޖެއްސުމަށް ހަދާންކޮށްދޭ ކަމަށާއި، ބޭރު ގައުމެއްގައި އުޅޭ އިރު، ކާކުކަން އެނގޭނެ އައިޑެންޓިފިކޭޝަން ގެންގުޅުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުކުންނަ ކޮންމެ ވަގުތަކު ވެސް ޕާސްޕޯޓް އަދި ސްރީލަންކާގެ އިދާރާއަކަށް ޕާސްޕޯޓް ބަލައިގެންފައިވާ ނަމަ، އެ ކަމުގެ ރިސިޕްޓް ހިފައިގެން ބޭރަށް ނުކުތުމަށް ދަންނަވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ފޮރިން މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ވީސާއާއި، އެފަދަ މައްސަލަތަކުގައި ދާދިފަހުން ލަންކާއިން ވަނީ ގިނަ އަދަދެއްގެ ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން ތިން މީހަކު ހައްޔަރު ކުރި އިރު، އެ ތިން މީހުންވެސް މިހާރު ވަނީ ބެއިލްގެ ދަށުން ދޫކޮށްލާފަ އެވެ.