ރާއްޖެއަކީ އިންވެސްޓަރުންނާ "ރައްޓެހި" ގައުމަކަށް ހެދުމާއި އެ މީހުންގެ އިތުބާރު ގެއްލޭ ފަދަ ކަންކަން ނުކުރަން ސަރުކާރުތަކުން އަބަދުވެސް މަސައްކަތް ކުރެ އެވެ. އިގްތިސާދީ ކުރިއެރުމާއި ވިޔަފާރިތައް ތަނަސްވާން އޮތީ އެގޮތައް އަމަލުތައް ބަހައްޓައި، ބޭރުގެ އިންސްޓަރުންނަށް ލުއި ގޮތްތަކާއި، ފަހި މާހައުލެއް ގާއިމްވެފައި އޮތުމުންނެވެ. އެގޮތުން ވޭތުވެ ދިޔަ ހައެއްކަ އަހަރު "އިންވެސްޓާ ކޮންފިޑެންސް" އަކީ ސަރުކާރުތަކުން ފަހުރުވެރިކަމާއެކު ޖަހަމުން އަންނަ މެޑަލްއެކެވެ. ނަމަވެސް ކޮންފިޑެންސް ގެއްލި އެތައް ބަޔަކު ރާއްޖެއާ ދުރަށް ގޮސްފައިވާ ކަމުގެ އަޑެއް ވެސް މަޑެއް ނޫނެވެ.
އޭގެ އެއް މިސާލަކީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ (އެގްޒިމް ބެންކް) އެވެ. މިއީ ދިވެހި ސަރުކާރާއި ވިޔަފާރިންނަށް އާ ނަމެއް ނޫނެވެ. ރާއްޖެއަށް އިންވެސްޓުކޮށް، ލޯނުތައް ދީ ވިޔަފާރިތައް ފުޅާ ކުރުމުގައި ބޮޑު ރޯލެއް އަދާކޮށްފައިވާ ބައެކެވެ. އެހެން ނަމަވެސް ވޭތުވެދިޔަ އަހަރުތަކު ތެރޭގައި އެ މީހުން ރާއްޖެއަށް ކުރި އިތުބާރު ގެއްލި ލޯނުތައް ދިނުން ހުއްޓާލަން ޖެހުނީ ލޯނު ލިބުނު ފަރާތްތަކުން ފައިސާ ނުދެއްކުމާއި، މުއައްސަސާތަކުން އެ މައްސަލަތަކުގައި އިންސާފު ނުލިބުމެވެ. އެގްޒިމް ބެންކުން ދޫކުރި ގިނަ ލޯނުތައް އަނބުރާ ނުދެއްކުމާއި ރަހުނުކުރި މުދާ ވިއްކުމުގެ ހުއްދަ ނުލިބި ޝަރުއީ ކޯޓުތައް ފަހަތުން ދުވާހާ ހަތް އަހަރުވީ އިރުވެސް އިންސާފު ނުލިބި އިތުބާރު ގެއްލުނީ އެވެ. އެކަމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ލޯނުދެމުން އައި މަދު ބޭރުގެ ބޭންކުތަކުގެ ތެރޭގައި ހިމެނޭ އެގްޒިބް ބޭންކުން ވަނީ ދިވެހިންނަށް ލޯނު ދިނުން މިހާރު ހުއްޓާލާފައެވެ.
އެގްޒިމް ބެންކުގެ އިތުބާރު ރާއްޖެއަށް ގެއްލުނު ބައެއް ސަބަބުތަކަކީ މިއީ އެވެ؛ ސަލްޓަން އޮފް ސީގެ މައްޗަށް އެ ބޭންކުން ދައުވާކޮށް މިހާރު ސްޕްރީމް ކޯޓުގައިވާ މައްސަލައަކީ 2012 ވަނަ އަހަރުން ފެށިގެން ޝައުރީ ދާއިރާގެ ތެރެއިން ކޮޅެއްގައި ނުޖެހުނު މައްސަލައެކެވެ. ވަން އެންޑް ހާފްޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެ ބެންކުން ދޫކޮށްފައިވާ 19 މިލިއަން ޑޮލަރު (292.9 މިލިއަން ރުފިޔާ) ގެ ލޯން ނުދެއްކުމުން 2011 ވަނަ އަހަރު އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެކަން ވެސް ނުނިމެ އެވެ. މިފަހުން މައްސަލަ ބޮޑުވި، ހޮނޑާފުށި އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި 17.6 މިލިއަން ޑޮލަރު (271.3 މިލިއަން ރުފިޔާ) ގެ ލޯން ނުދައްކާ އެތައް އަހަރެއް ފާއިތުވުމުން އެ މައްސަލަ ވެސް ކޯޓަށް ހުށަހަޅަން ޖެހުނެވެ. އަދި އެ ބޭންކުގެ 150 މިލިޔަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނުގެ ދަށުން ފެށި ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތުގެ އެއްބަސްވުމާ ހިލާފުވެ އާބިޓްރޭޝަނަށް ދާން ޖެހުމެވެ.
ހުރިހާ ވެސް މައްސަލައަކީ ސަރުކާރާއި ކުންފުނިތަކުން އެއްބަސްވުމާ ހިލާފުވުމެވެ. އަދި އެހެން ހެދުމުން އެ ބޭންކުތަކުން އިންސާފަށް އެދި ވަންނަން ޖެހޭ ކޯޓުތަކުގައި މައްސަލަތައް ރަނގަޅަށް ކުރިޔަށް ނުދިޔުމެވެ. ވުޒާރާތަކުން އެއްބާރުލުން ނުދިނުމެވެ!
ވަން އެންޑް އަ ހާފްޑިގްރީ މޯޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ފައިސާ ހޯދަން އެގްޒިމް ބެންކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ދައުވާކޮށްފައިވަނީ އިންޓްރެސްޓާއެކު 22،027،704 ޑޮލަރާއި ލީގަލް ފީގެ ގޮތުގައި ދައްކަންޖެހޭ 65،000 ޑޮލަރު ހޯދުމަށެވެ.
މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ނިންމީ އެގްޒިމް ބެންކާ އެއްކޮޅަށެވެ. އެގޮތުން ޖަނަވަރީ 10، 2012 ގައި ކޮށްފައިވާ އެ ހުކުމުގައި ވަނީ ހަ މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސް ކުރުމަށެވެ. ނަމަވެސް ވަން އެންޑް އަ ހާފްޑިގްރީ މޯޑިވްސް ޕްރައިވެޓް ލިމިޓެޑުން އެ ހުކުމް ހައިކޯޓްގައި އިސްތިއުނާފު ކުރިއެވެ.
ހައިކޯޓްގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އޮކްޓޫބަރު 19، 2015 ގައި ނިންމާފައި ވަނީ އެ މައްސަލާގައި އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުން ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބެލުމަށެވެ. އެގްޒިމް ބެންކުން ހައިކޯޓްގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ. އަދި އެ މައްސަލަ އަވަސް ކޮށްދިނުމަށް ފަސް ފަހަރެއްގެ މަތިން އެ ކޯޓުގައި އެދުނެވެ. އޭގެ އިތުރުން ނޮވެންބަރު 6، 2019 ގައި އެ މައްސަލަ އަވަސްކޮށް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ވެސް އެދިފައިވެ އެވެ.
ވަން އެންޑް އަ ހާފް ޑިގްރީ މޯލްޑިވްސްއަށް ލޯން ދޫކޮށްފައިވަނީ ގދ. ލޮނުދުއަހައްޓާ ރަހުނުކޮށްފައި ކަމަށްވުމުން އެ ކުންފުނިން ނުވަތަ އެ ރަށުންވެސް ދައުލަތައް ދައްކަންޖެހި ނުދައްކައިވާ އެއްވެސް ފައިސާއެއްވޭތޯ ބެލުމަށް، އެކްޒިމް ބެންކުން ވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ސިޓީއެއް ފޮނުވާފައެއެވެ. އެއީ ޖުލައި 21، 2014 ގައެވެ. އަދި ރަހުނުކުރި ރަށް ވިއްކާލުމުގެ ހައްގު ލިބިފައިވާތީ އެރަށުގެ ވެލުއޭޝަންއެއް ހެދުމަށްޓަކައި ބޭނުންވާ މައުލޫމާތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީގައި ވެސް އެދުނެވެ. ނަމަވެސް އެ ދެ ފަރާތުން ވެސް އެގްޒިމް ބެންކަށް އެހީއެއް ނުވި އެވެ.
ހޮނޑާފުށިން ވެސް ފައިސާ ނުދައްކާ!
ހޮނޑާފުށި އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހދ. ހޮނޑާފުށީގެ ލީޒް ހޯލްޑް ރައިޓްސް ރަހުނު ކުރުމަށްފަހު އެކްޒިމް ބޭންކުގެ ފަރާތުން ނަގާފައިވާ ލޯނަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، އެ ރަށް އަގު ކުރުމަށްޓަކައި ފާމްއެއް ކަނޑަޅުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއަށް ވެސް ސިޓީ ފޮނުވި އެވެ. ނަމަވެސް އެކަމުން ވެސް ކާމިޔާބީއެއް ލިބޭ ގޮތެއް ނުވި އެވެ.
ވަން އެންޑް ހާފްޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްސަލައާއި ސަލްޓަން އޮފް ސީ ގެ މައްސަލައަށް ބަލާއިރު ހޮނޑާފުށީގެ މައްސަލަ ވެސް ޝަރުއީ މަރުހަލާގައި ނުވައެއް ނޫނީ 10 ވަރަކަށް އަހަރު ހޭދަވާނެ ކަމަށް ބެލެވެއެވެ. ލަސްވެއްޖެ އިންސާފަކީ ގެއްލިއްޖެ އިންސާފެއްކަމަށް ބުނެއުޅެ އެވެ. މި ސަބަބަށްޓަކައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީއަތް ކުރުމާއި އަދި އެކަށީގެންވާ އަވަސްމިނުގައި އިދާރީ ނިންމުންތައް ނިންމުން ގާނޫނުއަސާސީގެ 42 އަދި 43 ވަނަ މާއްދާގެ ދަށުން އަސާސީ ހައްގެއްގެ ގޮތުގައި ކަށަވަރުކޮށްދެ އެވެ. އެހެންނަމަވެސް އަމަލީގޮތުން އެ ހައްގުތައް ތަންފީޒުވާ މަންޒަރު ނުފެނެއެވެ. އެހެންވެއްޖެނަމަ ނިޒާމުގެ ބުރަހެލިކަމުން ބަޔަކު އިންސާފުން މަހްރޫމް ކުރެވުނީ އެވެ.
ކޯޓުގައި މައްސަލަ ކުރިއަށްދާތާ 8 އަހަރު
ވަން އެންޑް އަ ހާފްޑިގްރީ މޯޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ 19 މިލިޔަން އެމެރިކާ ޑޮލަރު ހޯދުމަށް ޝަރުއީ މަރުހަލާގައި ފަށާފައިވާ މަސައްކަތަށް 8 އަހަރު ދުވަސްވަނީ ވެފައެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމަން ދެ އަހަރާއި ހަ މަސްދު ވަސް، ހޭދަވެފައިވާ އިރު ހައިކޯޓުން މައްސަލަ ނިންމުމަށް ދެ އަހަރާއި ހަތަރު މަސް ވަނީ ހޭދަވެފައެވެ. އަދި ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ވަކި ގޮތަކަށް ނުނިމި ކޯޓްގައި އޮންނަތާ މިހާރު ތިން އަހަރު ދުވަސްވަނީ ފާއިތުވެފަ އެވެ.
އެ މައްސަލާގައި ހައްލެއް ހޯދުމަށް މީރާ އާއި، ޓޫރިޒަމް މިނިސްޓްރީއާ، އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ސުޕްރީމް ކޯޓު އަދި ޖޭއެސްސީ ހިމެނޭ ގޮތަށް ދައުލަތުގެ ވުޒާރާތަކަށް އަށް ސިޓީއެއް އެގްޒިމް ބެންކުން ފޮނުވާފަ އެވެ. ނަމަވެސް މި މައްސަލާގައި މިހާތަނަށް އެއިން އެއްވެސް އިދާރާއަކުން އެދެވޭ ފިޔަވަޅެއް އަޅާދެވިފައިނުވެ އެވެ. ކުޑަ މިނުން ސިޓީއަށް ޖަވާބު ދިނީ ވެސް މަދު އިދާރާއަކުންނެވެ.
ވަން އެންޑް އަ ހާފްޑިގްރީ މޯޑިވްސްއަށް ދޫކުރި 19 މިލިއަން ޑޮލަރުގެ ހަތް އަހަރު ދުވަހުގެ އިންޓްރެސްޓްގެ ގޮތުގައި ނުވަ މިލިއަނަށް ޑޮލަރަށްވުރެ ބޮޑު އަދަދެއްގެ ފައިސާ ވަނީ އަރާފައެވެ.
ދައުލަތަށްވެސް ބޮޑު ގެއްލުމެއް
ގދ. ލޮނުދުއަހުއްޓާ އިން ހެޑްލީސް ރެންޓް ސަރުކާރަށް ނުލިބުމުގެ ސަބަބުން ދައުލަތަށްވެސް ބޮޑު ގެއްލުމެއް ވަނީ ވެފައެވެ. އެގޮތުން ހޭދަވާ ކޮންމެ އަހަރަކަށް ގާތްގަނޑަކަށް އެއް މިިލިން ޑޮލަރު ސަރުކާރަށް ދަނީ ގެއްލެމުންނެވެ. މި މައްސަލަ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުނު ތާރީހުން ފެށިގެން މިހާ ހިސާބަށް ދައުލަތަށް ހަތް މިލިއަން ޑޮލަރު އެ ކުންފުނިން ދައްކަން ޖެހެއެވެ. އެހެންކަމުން މިއީ ސަރުކާރަށް މާލީ ގޮތުން ލިބުނު ވަރަށް ބޮޑު ގެއްލުމެވެ.
މީގެ އިތުރުން، ހެޑް ލީސް ރެންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ސަރުކާރަށް ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަދި ޓެކްސް ނުދެއްކުމުގެ ސަބަބުން ސަރުކާރަށް ދުވާލަކަށް އެވަރެޖްކޮށް ދައްކަންޖެހޭ 0.5 ޕަސަންޓުގެ ފައިސާ ވެސް ސަރުކާރަށް ވަނީ ގެއްލިފައެވެ. މިފަދަ ރަށެއް ވިއްކާއިރު އެންމެ ފުރަތަމަ ދައްކާ ހަލާސް ކުރަންޖެހޭ ފައިސާ އަކީ ސަރުކާރަށް ދައްކަންޖެހޭ ފައިސާ ކަމުގައިވެފައި، އެ ފައިސާ ދައްކާ ހަލާސް ކުރުމަށް ފަހުގައި ނޫނީ އެގްޒިމް ބޭންކަށް އޭގެ މަންފާ ނުލިބޭނޭތީ އާއި، ބޭންކަށް ފައިދާ ކުރާނީ ހެޑްލީސް ރެންޓް އަށް ނިސްބަތުންޖެހޭ ޖޫރިމަނާގެ އަދަދު ދެއްކުމަށް ފަހުގައި ކަމަށް ވާއިރު، މިއީ އެގްޒިމް ބޭންކަށް ވެސް ލިބޭނެ ބޮޑު ގެއްލުމެވެ.
މީގެ އިތުުރުން އެގްޒިމް ބޭންކަށް ލޯނަށް ފައިސާ އަނބުރާ ލިބެން އޮތީ ލޮނުދުއަހުއްޓާ ވިއްކާލައިގެންނެވެ. ނަމަވެސް އެރަށުގައި ހަދާފައިހުރި އިމާރާތްތައް ދަނީ ވީރާނާވެ ހަލާކުވަމުންނެވެ. މައްސަލަ ނުނިމިދާ ކޮންމެ އަހަރަކީ އެރަށުގެ ހެޑްލީސް މުއްދަތު ކަމަށްވާ 25 (ފަންސަވީސް) އަހަރުން އުނިވަމުންދާނެ އަހަރެއް ކަމުން ނިމިދިޔަ އަށް އަހަރު ތެރޭގައި އެރަށުގެ ވެލިއު ވަރަށް ބޮޑުތަން ދަށްވާނެކަމަށް ބެލެވެއެވެ. ނަތީޖާއެއްގެ ގޮތުން އެގްޒިމް ބޭންކަށް ލިބެންޖެހޭ ފައިސާ މޯގޭޖް ވިއްކާލައިގެންވެސް ލިބޭގޮތް ނުވާނެއެވެ.
އެގްޒިމް ބޭންކުން ލޯނު ދިނީ ބައެއް ފަރާތްތަކުގެ ޕާސަނަލް ގެރެންޓީވެސް ދީގެންނެވެ. މައްސަލަ ނުނިމި ލަސްވާ ކޮންމެ ދުވަހަކީ ނުވަތަ މި މައްސަލަ ހައްލުނުވެ ލަސްވާ ކޮންމެ ދުވަހަކީ، އެގްޒިމް ބޭންކަށް ލިބެންޖެހޭ ފައިސާގެ މިންވަރު އިތުރުވެގެން ދާނެ ދުވަހެކެވެ. މިގޮތުން ދައްކަންޖެހޭ ފައިސާ އިތުރުވުމަކީ ޕާސަނަލް ގެރެންޓީ ދީފައިވާ ފަރާތްތަކުން އަދާކުރަންޖެހޭ މިންވަރު ބޮޑުވެ އެފަރާތްތަކަށްވެސް ގެއްލުން ލިބެމުންދާނެ ކަމެކެވެ.
ސުޕްރީމް ކޯޓްގައި ގޮތެއް ނުނިމި ތިން އަހަރު
މި މައްސަލައިގައި އެއްވެސް މަރުހަލާއެއްގައި، ދައުވާލިބޭ ފަރާތް ނުވަތަ އިސްތިއުނާފް ރައްދުވާ ފަރާތުން މައްސަލައިގައި ހިމެނޭ ރިސޯޓް ހޯދައިގެން ތަރައްގީ ކުރުމަށް ހުށަހަޅާފަ އެއް ނުވެއެވެ. އެފަރާތުން ހަމަ އެކަނި އެދެނީ ބަދަލު ހޯދުމަށެވެ. އިސްތިއުނާފް ރައްދުވާ ފަރާތުން އެ ރަށް އެފަރާތުގެ ބެލުމުގެ ދަށަށް ގެނެސް، އެ ރަށް ތަރައްގީ ކުރުމުގެ އެއްވެސް ޝައުގުވެރި ކަމެއްނެތްކަން ވަނީ ހާމަކޮށްފަ އެވެ.
އެހެންކަމުން ޝަރުއީ ނިޒާމުގެ އެންމެ މަތީ މަރުހަލާ އިން މި މައްސަލާގައި އަވަސް ނިންމުންތަކެއް ނިންމައިދިނުމަށް އެގްޒިމް ބޭންކުން ވަނީ އެދިފައެވެ. މީގެ އިތުުރުން މިއީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭރުގެ ބޭންކުތަކުން ލޯނު ހޯދުމަށް އޮތް ވަރަށް ބޮޑު ހުރަހަކަށްވާނެ އެވެ. މީގެ އިތުުރުން މިފަދަ މައްސަލައެއްގައި ޝަރުއީ މަރުހަލާއިން އިންސާފް ނުލިބި މިހާ ދިގު މުއްދަތެއް ހޭދަވެގެން ދިއުމަކީ ބޭރުގެ އިންވެސްޓަރުންނަށް ދެވޭ ނުރަނގަޅު މެސެޖެކެވެ.
ސިންގަޕޫރުގައި މިފަދަ މައްސަލައެއް ނިންމަން ހޭދަވަނީ ގާތްގަނޑަކަށް ތިން މަސްދުވަހެވެ. އަދި ވަން އެންޑް އަ ހާފްޑިގްރީ މޯލްޑިވްސްއަށް ދޫކުރި ލޯނާއެކުއެކީހެން އިނގިރޭސިވިލާތުގައި އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާއިން ދިން ލޯނެއްގެ ރަހުނު ވިއްކަން ހޭދަވީ އެންމެ 45 ދުވަސްކަމަށް އެ ބޭންކުން ފާހަގަ ކުރެއެވެ.