ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އޯއައިސީގެ ޖަލްސާގައި ޝަހީމް ގުރުއާން ކިޔަވާ ވިދާޅުވެއްޖެ

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިންތިޒާމުކޮށް ބޭއްވި ހާއްސަ ޖަލްސާއެއްގައި ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގުރުއާން ކިޔަވާ ވިދާޅުވެއްޖެ އެވެ. މިއީ މިފަދަ ޖަލްސާއެއްގައި އެމަނިކުފާނު ކިޔަވާ ވިދާޅުވި ފުރަތަމަ ފަހަރެވެ.

އޯއައިސީން އިއްޔެ ބާއްވާފައިވަނީ އެންސައިކޮލޮޕީޑިއާގެ މަޝްވަރާ ޖަލްސާއެކެވެ. އެ ޖަލްސާގައި ޑރ. ޝަހީމް ގުރުއާން ވިދާޅުވުމުން ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވި އެތައް ބޭފުޅުންނެއް ޝަހީމަށް ވަނީ ތައުރީފު ކުރައްވާފަ އެވެ.

އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހުމަދު އަލް އުސައިމީން ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާއަށްފަހު މިއަދު ގުދުސްގެ މައްސަލައާއި ގުޅޭގޮތުން ބޭއްވި ހާއްސަ ބައްދަލްވުމެއް ފެށުމުގެ ގޮތުންވެސް ޝަހީމް ވަނީ ގުރުއާން ވިދާޅުވެފަ އެވެ.

ޝަހީމް ވަނީ އެކަމާ ގުޅޭ ވީޑިއޯއެއް ވެސް ފޭސްބްކްގައި ހިއްސާ ކުރައްވާފަ އެވެ. ގިނަ ބަޔަކު ޝެއާކޮށްފައިވާ އެ ވީޑިއޯއަށް ކޮމެންޓް ކުރި ފަރާތްތަކުން ވެސް ވަނީ ޝަހީމްގެ ގުރުއާން ކިޔެވުމުގެ ހުނަރުވެރިކަަމާއި، ރީތި ކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

"ފަލަސްތީނުގެ ގުދުސްގެ މައްސަލައިގައި، އޯއައިސީގެ ގައުމުތަކުގެ ދާއިމީ މަންދޫބުން މިއަދު ބޭއްވި ޚާއްސަ ޖަލްސާގައި ގުރުއާން ކިޔެވުން. އަޅުގަނޑު އޯއައިސީގެ ޖަލްސާއެއްގައި އަލަށް ގުރުއާން ކިޔެވީ އިއްޔެގައި، އެއީ، ސެކްރެޓަރީ ޖެނެރަލް ރިޔާސަތު ބެލެހެއްޓެވި އިސްލާމިކް އެންސައިކޮލޮޕީޑިއާގެ މަޝްވަރާ ޖަލްސާގައި." ޝަހީމްގެ ސްޓޭޓަސްގައި ލިޔުއްވާފައިވެއެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން "އިންޓަނޭޝަނަލް އިސްލާމިކް އެންސައިކޮލޮޕީޑިއާ އޮން ޓޮލަރެންސް" ނެރެން ނިންމައި އެކަމަށް ބޭނުންވާ އިލްމުވެރިންގެ ކޮމެޓީ އެކުލަވާލައި މުޅި މަޝްރޫއުގެ މަސައްކަތް ހަވާލު ކުރައްވާފައިވަނީ ރާއްޖޭގެ އިލްމުވެރިޔާ ޝަހީމްއާ އެވެ.

ޝަހީމްގެ ބެއްލެވުމުގެ ދަށުން މި މަސައްކަތް ކުރިޔަށް ގެންދާނީ އޯއައިސީގެ ފިކުރީ ގޮފިންނެވެ. އެ ގޮފީގެ ވެރިޔަކީ ވެސް ޝަހީމެވެ.

މިއީ ދުނިޔޭގައި މިފަދަ ގޮތަކަށް އިސްލާމްދީނުގެ ސަމާހަތްތެރިކަމާބެހޭ ގޮތުން ނެރެވޭ ފުރަތަމަ ބޮޑު އިލްމީ އެންސައިކޮލޮޕީޑިއާ ކަމަށާއި މި އެންސައިކޮލޮޕީޑިއާ ދުނިޔޭގެ އެކި ބަސްތަކަށް ތަރުޖަމާކުރާނެ ކަމަށެވެ.

މި މަޝްރޫޢު ފުރިހަމަކުރަން ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލާފަ އެވެ. އެ ކޮމެޓީގައި ހިމެނެނި ވަޑައިގަންނަވަނީ ނާއިފް އަރަބް ޔުނިވާސިޓީ ފޯ ސެކިއުރިޓީ ސައެންސަސްގެ ފެކަލްޓީ އޮފް ސްޓްރެޓެޖިކް ސްޓަޑީސްގެ ފައުންޑިން ޑީން ޕްރޮފެސަރު ޑރ. އިއްޒައްދީން މޫސާ އާއި މޮރޮކޯގެ ތަރުބަވީ ކައުންސިލްގެ މެންބަރު ޕްރޮފެސަރު ޑރ. އަހުމަދު އައްބާދީ އާއި ސައުދީ އަރަބިއްޔާގެ އިލްމުވެރިއެއް ކަމުގައިވާ ޑރ. ހމަދު އަލްމާޖިދާއި، ލުބުނާން ޔުނިވާސިޓީގެ ޕްރޮފެސަރު ޑރ. ރިލްވާން އައްސައްޔިދާއި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ އަދި އޯއައިސީގެ ފިކުރީ ގޮފީގެ ވެރިޔާ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. އޭނާއަކީ އޯއައިސީގޭ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރުވެސް މެއެވެ.