ވިޔަފާރި

ލީސިން ވިޔަފާރި ފަށަން ކުންފުންޏަކަށް ހުއްދަ ދީފި

Jan 9, 2020

ރާއްޖޭގައި ލީސިންގެ ވިޔަފާރި ފަށަން ސީއެމްޑީ ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްޑީ)އަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ލައިންސަންސް ދީފި އެވެ.

ސީއެމްޑީ ލީސިން ކުންފުންޏަށް ލައިސަންސުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެވެ.

އެމްއެމްއޭ އިން ބުނީ ސީއެމްޑީ ލީސިން އިން ވިޔަފާރި ފެށުމުން ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީ ކުރުމާއި ވާދަވެރިކަން އިތުރުކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.

ސީއެމްޑީ ލީސިން ކުންފުންޏަކީ ޖޭއެމްޓީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. ޖޭއެމްޓީ ކުންފުނީގެ 80 ޕަސެންޓް ހިއްސާދާރަކީ ޖަޕާނުގެ ކުންފުންޏެކެވެ.

ރާއްޖޭގައި ލީސިންގެ ވިޔަފާރި ބައެއް އެހެން ކުންފުނިތަކުން ވެސް ކުރެ އެވެ. ނަމަވެސް މި ވިޔަފާރި ކުރަން އެންމެ މަޝްހޫރުއެއް ކުންފުންޏަކީ މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ.