ދުނިޔެ

އިރާން ފަހަތަށް ޖެހެން ފަށައިފި: ޓްރަމްޕް

އިރާގްގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ދިން ހަމަލާއަށް ފަހު، އެ ގައުމުން ފަހަތަށް ޖެހެން ފަށައިފި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މައިކް ޕެންސް އާއި ޑިފެންސް ސެކެޓްރީ މާކް އެސްޕާ އާއި އަސްކަރީ ޔޫނީފޯމް އެޅި އެހެން ޖެނަރަލުން އަރިހުގައި ބައިތިއްބަވައިގެން ވައިޓް ހައުސްގައި ޓީވީ މެދުވެރިކޮށް ދެއްވި މެސެޖުގައި ޓްރަމްޕް ވިދާޅުވީ، އިރާގްގެ އަންބާރު ޕްރޮވިންސްގައި ހުންނަ އެމެރިކާގެ އަސްކަރީ ދެ ބޭސްއަކަށް ދިން ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. އަދި އެ ހަމަލާގެ ސަބަބުން އެތަންތަނަށް ލިބުނީ ކުޑަ ގެއްލުމެއް ކަމަށް ވިދާޅުވި އެވެ.

"އިރާނުން ފަހަތަށް ޖެހެން ފަށައިފި މަންޒަރު ފެންނަން ފަށައިފި، އެއީ ހުރިހާ ފަރާތްތަކަށްވެސް ލިބޭނެ ރަނގަޅެއް،" ވައިޓް ހައުސްގައި ދެއްވި ބަޔާނުގައި ޓްރަމްޕް ވިދާޅުވި އެވެ. "މިހަމަލާގެ ސަބަބުން އެމެރިކާ އަދި އިރާގްގެ މީހަކަށްވެސް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ."

އިއްޔަ އިރާނުން ދިން ހަމަލާއަށް ފަހު އެ ގައުމުގެ ސްޕްރީމް ލީޑަރު އަލީ ހާމަނާއީ ދެއްވި މެސެޖުގައި ވިދާޅުވީ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އިރާނުން ދިން މިސައިލް ހަމަލާއަކީ އެމެރިކާގެ މޫނު މަތީގައި ޖެހި އެތިފަހަރެއް ކަމަށެވެ.

ޓްރަމްޕް ބަޔާން ދެއްވިތާ ގަޑިއިރުތަކެއް ފަހުން އިރާގްގެ ވެރިރަށް ބަގްދާދުގެ ގުރީން ޒޯނަށް ދެ މިސައިލް ހަމަލާއެއް ދީފައި ވެއެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އެއީ އިރާގްގެ އެތެރެއިން ދިން ހަމަލާއެކެވެ. އެ ހަމަލާގައިވެސް އެއްވެސް މިހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާ އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ދުނިޔޭގެ އެންމެ ކުރި އަރާފައިވާ އަސްކަރިއްޔާ ކަމަށާއި އެހެންނަމަވެސް އެ ބާރު ބޭނުން ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންނަމަވެސް ވިދާޅުވީ އިރާނުން ގޮތްދޫނުކޮށްފިނަމަ އެ ގައުމާ އާ ދެކޮޅަށް އިގްތިސޯދީ ގޮތުން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.

ރައީސް ޓްރަމްޕްގެ ބަޔާނަށް ފަހު، ނައިބު ރައީސް މައިކް ޕެންސް ވިދާޅުވީ އެމެރިކާއަށް ނިސްބަތްވާ ތަންތަނަށް ހަމަލާ ނުދިނުމަށް އިރާނުން އެ ގައުމުގެ އަސްކަރިއްޔާއަށް އަންގައިފައިވާ ކަމުގެ ޖާސޫސީ މައުލޫމާތު އެމެރިކާއަށް ލިބިފައިވާ ކަމަށެވެ.

އެމެރިކާ އާއި އިރާންގެ ދެމެދުގައި ހަނގުރާމައެއްގެ ހުޅުގަނޑު ރޯވެފައި މިވަނީ، މިދިޔަ ހަފުތާގައި އެމެރިކާއިން އިން އިރާންގެ އެންމެ އިސް އަސްކަރީ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހަރާކޮށްލުމުންނެވެ. އެމެރިކާގެ އަސްކަރިއްޔާއިން ސުލައިމާނީ އަވަހާރަ ކޮށްލީ އިރާގްގެ ވެރިރަށް ގަބުދާދުގެ އެއާޕޯޓް ސަރަހައްދުން އޭނާ ހުންނެވި ކާރަށް ދިން ޑްރޯން ހަމަލާއެއްގަ އެވެ.