ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅަން އެ ޕާޓީގެ ޕްރައިމަރީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައިފި އެވެ.
ޖޭޕީން މިއަދު ބުނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓު ހޯދަން ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ރޭގަނޑު 8:20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ޖޭޕީން ނިންމާފައި ވަނީ ކައުންސިލް އިންތިހާބުގައި އަންހެނުންގެ ކޮމިޓީގެ އިންތިހާބުގެ ހުރިހާ ގޮނޑިއަކަށް ވާދަ ކުރާށެވެ. އަދި އެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގައި ކަމަށް ވެސް ބުންޏެވެ.
ޖޭޕީގެ ޕްރައިމަރީ އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާއިރު، އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުގަ އެވެ. އިދިކޮޅު ޕީޕީއެމުން ވެސް ނިންމާފައި ވަނީ އެ ޕާޓީން ވާދަކުރާ ކެންޑިޑޭޓުން ޕްރައިމަރީއަކުން ކަނޑައެޅުމަށެވެ. އެކަމަކު ޕްރައިމަރީ އޮންނާނެ ދުވަހެއް އެ ޕާޓީން އަދި އިއުލާނެއް ނުކުރެ އެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުުން އިންތިހާބު ކުރާއިރު، އަންހެނުންގެ ކޮމިޓީތަކަށް 929 މީހުން އިންތިހާބު ކުރާނެ އެވެ. މިއީ މިހާ ގިނަ އަދަދެއްގެ ކައުންސިލަރުން އިންތިހާބު ކުރާ ފުރަތަމަ ފަހަރެވެ.