ޖުމްހޫރީ ޕާޓީ

ޖޭޕީ ޕްރައިމަރީ: ވޯޓު ދެވޭނީ އަންނަ ބުރާސްފަތީގެ ނިޔަލަށް ތިބޭ މެންބަރުންނަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވޯޓު ދެވޭނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޕާޓީގައި ތިބޭ މެންބަރުންނަށް ކަމަށް ޖޭޕީން ބުނެފި އެވެ.

ޖޭޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީގައި ވޯޓު ދެވޭނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ޕާޓީގެ ދަފުތަރުގައި ރަޖިސްޓްރީ ކުރެވިފައި ތިބޭ މެންބަރުންނަށް ކަމަށެވެ.

ޖޭޕީގެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ މާލޭގައި ދިރިއުޅޭ ޖޭޕީގެ މެންބަރުންގެ ތެރެއިން އެކިއެކި ރަށްރަށުގެ މީހުނަށް ވެސް ޖޭޕީގެ ޕްރައިމަރީގައި ވޯޓު ދެވޭނެ އިންތިޒާމުތައް އެ ޕާޓީން ހަމަޖައްސައިދޭނެ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރާ ޖޭޕީގެ ކެންޑީޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ވަނީ ހުޅުވާލާފަ އެވެ. ޖޭޕީން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ރޭގަނޑު 8:20 އަށެވެ.

އަންނަ މަހުގެ 12 ވަނަ ދުވަހު ޖޭޕީގެ ޕްރައިމަރީ ބާއްވާއިރު، އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހުގަ އެވެ. އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގަ އެވެ. ކައުންސިލް އިންތިހާބަށް ޕްރައިމަރީއެއް ބާއްވާނެ ކަމަށް މިހާތަނަށް އިއުލާން ކޮށްފައި ވަނީ ވެސް މި ތިން ޕާޓީން އެކަންޏެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބުކުރާއިރު، އޭގެ ތެރެއިން 370 ގޮނޑިއަށް އިންތިހާބު ކުރާނީ އަންހެނުންނެވެ. އަދި ހަމަ އެ ދުވަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވާއިރު، އެ ކޮމިޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ އެވެ.